އަމިއްލަ ނަފްސަށް އިތުބާރު ނުކުރާނަމަ އެއީ ކުރިއެރުމެއް ނުލިބި ގެއްލިފައި ހުންނަ މީހެއް

އަމިއްލަ ނަފްސަށް އިތުބާރު ނުކުރާނަމަ ދިރިއުޅުމާއި ވަޒީފާގެ މާޙައުލުގައި ކުރިއެރުމެއް ނުލިބި، ގެއްލިފައި ހުންނަ މީހަކަށް ވެގެން ހިނގައިދާނެ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ބިޒްނަސް ސްކޫލްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އާދީއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވަނީ އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އެ ރަސްމިއްޔާތުގައި ދަސްވެނިވި ގިނަ ދަރިވަރުންނަކީ މަސައްކަތުގެ މާޙައުލުގައި އުޅެމުން ކިޔަވައި، ދަސްވެނިވި ދަރިވަރުންކަން ފާހަގަކުރައްވަމުން މީނިސްޓަރ ވިދާޅުވީ، ވަޒީފާގެ ދާއިރާއަކީ ވާދަވެރި ދާއިރާއެއް ކަމުން އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ މީހަކަށް އެފަދަ ވާދަވެރި މާޙައުލެއްގައި ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

"ވަޒީފާގެ ދާއިރާއަކީ ވާދަވެރި ދާއިރާއެއް. ވަޒީފާގެ މާޙައުލަކީ ވާދަވެރި މާޙައުލެއް. ތިމާއަކީ އަމިއްލަ ނަފްސަށް އިތުބާރު ނުކުރާ، ސެލްފް ކޮންފިޑެންސް ނެތް މީހެއްނަމަ، ފަހަރުގަ ވަރަށް ފަސޭހައިން ތިމާއަކީ ވަޒީފާގެ މާޙައުގައި ގެއްލި، ކަނަކަށް ގެއްލިފައި ހުންނަ މީހަކަށް ވެގެން ހިނގައިދާނެ"، މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ޙަސަން ވިދާޅުވީ، ބުރަ މަސައްކަތްތަކަކާއި ގިނަ ޚަރަދުތަކެއް ކޮށް ދަސްވެނިވެގެން ވަޒީފާގެ މާޙައުލަށް އެނބުރި ދާއިރު، އެކުގައި އުޅޭ މީހުންނަށް ކިޔެވި ކިޔެވުމުގެ ސަބަބުން ތިމާއަށް ތަފާތެއް އައިސްފައިވާކަން އިޙުސާސް ވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން ލިބުނު ތަޢުލީމުގެ ބޭނުން މަސައްކަތުގެ ދާއިރާގައި ބޭނުންކުރެވޭނެ ގޮތްތަކާއި މެދު ވިސްނައި އެކަންކަން ދެނެގަތުން މުހިއްމުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.  އަދި ކިޔެވުމުގެ ތެރެއިން ލިބުނު ތަޢުލީމާއި ހުނަރު ވަޒީފާގެ މާޙައުލުގައި އީޖާދީ ގޮތްގޮތުން އެންމެ ފުރިހަމައަށް ބޭނުންކުރުމަކީ ދިރިއުޅުމާއި، ވަޒީފާގެ މާޙައުލުގައިވެސް ތިމާ ކުރިއަރައިގެން ދިއުމަށް މުހިއްމު ކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޙަސަންގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ދިރިއުޅުމުގެ ހުރިހާ މަރުޙަލާއެއްގައިވެސް ކަންކަމާއި މެދު ފައްސިކޮށް ވިސްނުމުގެ މުހިއްމުކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ކަންކަމާއިމެދު ފައްސިކޮށް ވިސްނާ މީހަކަށް ގޮންޖެހުންތަކުން އަރައިގަންނަން ފަސޭހަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އާދީއްތަ ދުވަހުގެރޭ ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް ބިޒްނަސް ސްކޫލްގައި އެކި ދާއިރާތަކުން ޑިޕްލޮމާއިން ފެށިގެން މާސްޓަރސް އާއި ހަމައަށް ތަޢުލީމު ޙާސިލްކުރި 155 ދަރިވަރަކު ދަސްވެނިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *