ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ 425 ސްކައުޓުންނާއި ގައިޑުން

ހަތަރު އަހަރުން އެއް އަހަރު ބާއްވާ ދުނިޔޭގެ ސްކައުޓް ޖަމްބޮރީގައި މި އަހަރު ރާއްޖޭގެ ފަރާތުން 425 ސްކައުޓުންނާއި ގައިޑުން ބައިވެރިވާނެ ކަމަށް ދަ ސްކައުޓް އެސޯސިއޭޝަން މޯލްޑިވްސްއިން ބުނެފިއެވެ.

އަންނަ މަހުގެ އެކަކުން 12އަށް ސައުތް ކޮރެޔާގައި ބާއްވާ ދުނިޔޭގެ ސްކައުޓުންގެ 25 ވަނަ ބައްދަލުވުމުގައި 45،000 ސްކައުޓުން ބައިވެރިވާނެއެވެ.

މި ޖަމްބޮރީގައި ރާއްޖޭގެ ފަރާތުން 57 ސްކޫލަކުން 342 ސްކައުޓުންނާއި ގާލްގައިޑުން ބައިވެރިވެއެވެ. އެއީ 193 ސްކައުޓުންނާއި 149 ގައިޑުންނެވެ. ދުނިޔޭގެ ސްކައުޓް ޖަމްބޮރީގައި ރާއްޖޭގެ ގައިޑުން ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން ގައިޑުން ބައިވެރިވަމުން އައީ ރީޖަނަލް ޖަމްބޮރީ ތަކުގައެވެ.

ސްކައުޓް އެސޯސިއޭޝަންގެ އިންޓަރނޭޝަނަލް ކޮމިޝަނަރ މުޙައްމަދު ފައުޒޫން ދަރިވަރު ނޫހަށް ވިދާޅުވީ، ސްކައުޓް ޖަމްބޮރީގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކުގެ ސްކައުޓުންނާއި ބައްދަލުވެ ތަޖުރިބާތައް ހިއްސާ ކުރުމާއެކު ގިނަ ހަރަކާތްތަކުގައި އެކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

" ސަސްޓެއިނަބަލް ގޯލްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ގިނަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ލިބިގެންދާނެ. އަދި ތަފާތު ގޭމްތަކާއެކު އެތައް ޤައުމެއްގެ ސްކައުޓުންނާ ބައްދަލުވެ ތަޖުރިބާ ހިއްސާކުރެވި، ކުރިން ނޭނގޭ އެތައް ކަމެއް ދަސްވެ، އާ އެކުވެރިންތަކެއް ލިބިގެންދާނެ" ފައުޒޫން ވިދާޅުވިއެވެ.

ޖަމްބޮރީގައި ބައިވެރިވާ ދަރިވަރުންނާއި ލީޑަރުން ފުރަން ހަމަޖެހިފައި ވަނީ މި މަހުގެ 29އާއި30 އަދި 31 ގައެވެ. އޭގެ ކުރިން 23 ސްކައުޓުން އިންޓަރނޭޝަނަލް ސާވިސް ޓީމުގައި ބައިވެރިވާން މި މަހުގެ 28 ވަނަ ދުވަހު ފުރާނެ ކަމަށް ސްކައުޓް އެސޯސިއޭޝަނުން ބުނެއެވެ. އަދި ސްކައުޓް އެސޯސިއޭޝަނުން ބުނީ މި ޖަމްބޮރީގައި ބައިވެރިވާ ސްކައުޓުންނާއެކު 22 ސްކައުޓް ލީޑަރުންނާއި 17 ގައިޑް ލީޑަރުން ބައިވެރިވާނެ ކަމަށެވެ. މީގެ އިތުރުން އިމްތިޒާމްތައް ބެލެހެއްޓުމަށް ސްކައުޓް އެސޯސިއޭޝަންގެ ފަރާތުން 15 ބޭފުޅަކާއި ގާލްގައިޑް އެސޯސިއޭޝަންގެ ފަރާތުން ތިން ބޭފުޅުން ބައިވެރިވާނެ ކަމަށް ވެސް ސްކައުޓް އެސޯސިއޭޝަނުން ބުންޏެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *