އޭލެވެލް ކިޔަވާ ދަރިވަރުންނަށް 2،000 ރުފިޔާގެ އެލަވަންސެއް ހަނިމާދޫ ކައުންސިލުން ދެނީ

ހަނިމާދޫ ސްކޫލްގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ދާއިމީ ގޮތެއްގައި 2،000 ރުފިޔާގެ އެލަވަންސެއް ދޭން ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.

މިފަދަ އެލަވަންސެއް އެރަށު ކައުންސިލުން ތަޢާރަފު ކުރީ މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ދަރިވަރުން މަދުވާތީ، މަތީ ސާނަވީއަށް ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

އޭލެވެލް ފަށަން ބޭނުންވާ ވަރަށް ކުދިން ހަމަނުވުމުގެ ސަބަބުން އެ ސްކޫލްގައި މަތީ ސާނަވީގެ ކިޔެން ހުއްޓުނީ 2018 ވަނަ އަހަރަށްފަހުއެވެ.

ހަނިމާދޫ ސްކޫލުން ބުނީ މި އަހަރު އެ ސްކޫލުން ސާނަވީ މަރުޙަލާ ނިންމައި 39 ދަރިވަރުން އޯލެވެލް އިމްތިޙާނު ހެދި ކަމަށެވެ. އޭލެވެލްއަށް ބޭނުންވާ ފަސް މާއްދާއިން ފާސްވެގެން، ރަށުގައި ހުރެގެން އޭލެވެލް ހަދަން ބޭނުންވާ ކުދިންގެ އަދަދު ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ހަމައެއް ނުވިއެވެ. އެހެންވެ އޭލެވެލްއަށް ކިޔަވައިދޭން ނުފެށެވެ.

ހަނިމާދޫ ކައުންސިލުން ބުނީ އެލަވަންސެއް ދޭން ނިންމުމުން ކައިރި ރަށްރަށުން ވެސް ކުދިން އަންނަން ހިތްވަރަކަށް ވާނެ ކަމަށާއި އުއްމީދު ކުރަނީ އޭލެވެލް ފަށަން ބޭނުންވާ ވަރަށް ކުދިން ހަމަވާނެ ކަމަށެވެ.

އަލަވަންސްގެ ގޮތުގައި މަހެއްގެ މައްޗަށް 30،0000 ރުފިޔާ ޚަރަދުވާނެ ކަމަށް ހަނިމާދޫ ކައުންސިލުން އަންދާޒާ ކުރެއެވެ. އެކަމަކު އެއީ 15 ކުދިން ލިބިއްޖެނަމައެވެ.

ހަނިމާދޫ ސްކޫލްގައި 500 އާ ގާތްކުރާ އަދަދެއްގެ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *