ޕޯސްޓް އޮފީހާއެކު ވި އެއްބަސްވުމާއެކު، 20 ދުވަހުގެ ތެރޭގައި އިމްތިޙާނު ތަކުގެ ސެޓްފިކެޓްތައް ސެންޓަރުތަކަށް ފޮނުވޭނެ ކަމަށް މ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްއިން ބުނެފިއެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް އިން ރާވާ ހިންގާ އިމްތިޙާނުތަކުގައި ބައިވެރިވާ ދަރިވަރުންގެ ސެޓްފިކެޓްތައް ރައްކާތެރިކަމާއެކު އަތޮޅުތެރޭގެ ސެންޓަރުތަކަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑާ ދެމެދު މިއަދު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކުރެއްވީ މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު އިހުސާން އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އާދަމް މުޙައްމަދެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ކޮންމެ އިމްތިޙާނެއް ނިމި، ސެޓްފިކެޓްތައް ޑީޕީއީ އަށް ލިބުމުން ސެންޓަރުތަކުން ހަވާލުވުމަށް އަންގާ، ކޮންމެ ސެންޓަރަކުން ވެސް ސެޓްފިކެޓް ތަކާ ޙަވާލުވާނޭ މީހަކު ޑީޕީއީއަށް މީގެ ކުރިން ފޮނުވާ ކަމަށެވެ. އެހެން ނަމަވެސް އިތުބާރުކުރެވޭ ފަރާތެއް ސެޓްފިކެޓްތަކާ ޙަވާލުވުމަށް ފޮނުވަން ދަތިވުމާއި، ބައެއް ފަހަރު ޙަވާލުވާ ފަރާތުގެ އިޙުމާލުން ސެޓިފިކޭޓްތައް ސެންޓަރުތަކާ ހަމައަށް ނުގޮސް ގެއްލިފައިވާ ކަމަށެވެ.
އަތޮޅުތެރޭގެ ދަތުރުފަތުރުގެ ކަންކަން ހުންނަގޮތުން މާލެއިން އެ ސެންޓަރުތަކަށް ސެޓްފިކެޓް ނުގެންދެވި ގިނަ ދުވަސް ވުމުން، އަވަހަށް ސެޓްފިކެޓް ބޭނުންވާ ދަރިވަރުންނަށް ސެޓްފިކެޓް ލިބުން ލަސްވެ، ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ.
މިއަދު ސޮއިކުރި އެއްބަސްވުމާއެކު، ޕޯސްޓް އޮފީސް މެދުވެރިކޮށް އަތޮޅުތެރޭގެ ސެންޓަރުތަކަށް ސެޓްފިކެޓް ފޮނުވަން ފެށުމާއެކު، ޑީޕީއީއަށް ސްޓްފިކެޓް ލިބޭތާ ގިނަވެގެން 20 ދުވަހުގެ ތެރޭގައި ސެންޓަރުތަކާ ޙަވާލުކުރެވިގެންދާނެ ކަމަށް އެ ޑިޕާޓްމަންޓުން ބުނެއެވެ. އަދި ރައްކާތެރިކަމާއެކު ވީހާވެސް އަވަހަށް ދަރިވަރުންނާ ސެޓްފިކެޓްތައް ޙަވާލުކުރެވޭކަން ކަށަވަރުވެގެންދާނެ ކަމަށް ވެސް އެ ސެންޓަރުން ބުންޏެވެ.
advertisment
ހިޔާލު