ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ތަމްރީނު ފޯރުކޮށްދެމުން އަންނަ، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކޮނޮލޮޖީ (އެމްއައިޓީ) ކޮލެޖެއްގެ ގޮތުގައި މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުގައި މިއަދު ރަޖިސްޓަރީކޮށްފިއެވެ. އެ މަރުކަޒަށް ކޮލެޖެއްގެ ދަރަޖަ ދީ، މަރުކަޒުގެ ރަޖިސްޓަރީ ހަވާލުކުރީ، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ނޫރު މާލަމުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަނާއި މިނިސްޓްރީގެ އިސްވެރިންނާއި އެމް.އައި.ޓީގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ. އެމް.އައި.ޓީގެ ރަޖިސްޓަރީ، އެ ކޮލެޖާ ހަވާލުކޮށްދެއްވީ މިނިސްޓަރެވެ. ކޮލެޖްގެ ފަރާތުން ރަޖިސްޓަރީއާ ހަވާލުވެވަޑައިގަތީ ކޮލެޖްގެ ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އާދަމް ޙަލީމެވެ.

މަސައްކަތްތެރިކަން ދަސްކޮށް ދިނުމަށް އެމްއައިޓީ ހުޅުވީ 2008 ވަނަ އަހަރުއެވެ. މިއީ މަސައްކަތުގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް އަމިއްލަ ފަރާތަކުން ރާއްޖޭގައި ހިންގާ އެންމެ ދުވަސްވީ އިންސްޓިޓިއުޓެވެ.
މަސައްކަތްތެރި ކަމަށް އަމާޒުކޮށްގެން 45 ކޯހެއް މިހާރު ވެސް އެމްއައިޓީ ހިންގައެވެ. އޭގެ ތެރޭގައި ހިމެނެނީ ސްޓްފިކެޓް ލެވެލް އެކަކުން ހަޔަކަށް ހިންގާ ކޯސްތަކެވެ.
އެމްއައިޓީގެ އެޑްމިނިސްޓްރޭޝަން މެނޭޖަރު، ފާތިމަތު ޝުއާ ދަރިވަރު ނޫހަށް ވިދާޅުވީ، ކޮލެޖަކަށް ބަދަލުވުމާއެކު ޑިގްރީއާ ހަމައަށް ކޯސްތައް ހިންގުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށާއި އުއްމީދު ކުރަނީ ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ކޯސްތައް ފަށައިގަނެވޭނެ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި މިހާރު ދަނީ މަތީ ތަޢުލީމަށް ޚާއްޞަކޮށްގެން ކޯސްތައް ހިންގަން ބޭނުންވާ ކަރިކިއުލަމް އެކުލަވާލުމުގެ މަސައްކަތެވެ.
" ކަރިކިއުލަމް އެކުލަވާލައި ނިމި، އެމްކިޔުއޭގެ އެޕްރޫވަލް ލިބުމާއެކު ކޯސްތައް ފަށައިގަނެވޭނެ" ޝުއާ ވިދާޅުވިއެވެ.
އެމްއައިޓީގެ ކެމްޕަސްތައް ހުޅުމާލެއާއި މާލޭގައި މާލޭގައި ވެސް ހިންގައެވެ.
އެމްއައިޓީން އަންނަނީ ސްކޫލް ޗުއްޓީއާ ދިމާކޮށް ސްކޫލްތަކުގެ ދަރިވަރުން މަސައްކަތްތެރިކަމަށް އަހުލުވެރި ކުރުވުމަށް ކުރު މުއްދަތުގެ ވޯކްޝޮޕްތައް ބާއްވަމުންނެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ވިދާޅުވި ގޮތުގައި، ރާއްޖޭގެ ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަކީ ސަރުކާރުގެ މުހިންމު އަމާޒެކެވެ. ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ތަމްރީނުދޭ މަރުކަޒުތައް ޕީޕީޕީގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމަށްޓަކައި މިނިސްޓްރީން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ރާއްޖޭގެ ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާ ފުޅާކޮށް ތަރައްޤީކުރުމުގައި ޕްރައިވެޓް ސެކްޓަރގެ ދައުރު ވަރަށް މުހިންމު ކަމުގައި ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިގޮތުން ޕްރައިވެޓް ސެކްޓަރއިން ވޮކޭޝަނަލް ކޮލެޖެއް ގާއިމުވެގެން އައުމަކީ، މީހުން ބިނާކުރުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިތުރު ފަހިކަމެއް ލިބިގެންދާނެ ކަމެއް ކަމުގައި ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި ގާއިމުކުރެވުނު ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާގެ ފުރަތަމަ ޕްރައިވެޓް ކޮލެޖްކަމުގައި އެމް.އައި.ޓީ ވެގެން ދިއުމުން، އެކަމަށްޓަކައި އެ ކޮލެޖަށް ޚާއްޞަ މަރުޙަބާއެއް މިނިސްޓްރީގެ ފަރާތުން ކިޔާ ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ ފަންނީ ހުނަރުވެރިކަމާއި މަސައްކަތްތެރިކަމުގެ ދާއިރާގައި އެމް.އައި.ޓީގެ ހިއްސާ އިތުރަށް ފުޅާވެ، އެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދިވެހީންނަށް އިތުރު ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެކަމަށް އުއްމީދުކުރައްވާ ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެމްއައިޓީ ރާއްޖޭގެ ކޮލެޖްތަކުގެ ލިސްޓަށް އެރުމުން މިހާރު ރާއްޖޭގައި ހުރި ކޮލެޖްތަކުގެ އަދަދަކީ 11 އެވެ. އެއީ، ޕްރައިވެޓް 9 ކޮލެޖާއި ސަރުކާރުގެ ދެ ކޮލެޖެވެ.
advertisment
ހިޔާލު