ތައި އިންޓަރނޭޝަނަލް ޕޯސްޓް ގުރެޖުއޭޓް ޕްރޮގްރާމުގެ ދަށުން މާސްޓަރސްއަށް ކިޔެވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ތައިލެންޑްގެ ޔުނިވަރސިޓީތަކުން ހިލޭ މާސްޓަސްއަށް ކިޔެވުމަށް 19 ދާއިރާއަކުން ހުޅުވާލާފައިވެއެވެ. މި ދާއިރާތަކުގެ ތެރޭގައި ގިނައީ ސައިންސްއާއި އިންޖިނިރިއަރިންގއާ ގުޅުން ހުރި ދާއިރާތަކުގެ ކޯސްތަކެވެ.
މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ކުރާނީ ތައިލެންޑް ސަރުކާރުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ދެކޮޅު ޓިކެޓާއި އެކޮމޮޑޭޝަން އެލަވަންސާއި ލިވިންގ އެލަވަންސާއި ސެޓެލްމަންޓް އެލަވަންސާއި ބުކް އެލަވަންސާއި ތީސީސް އެލަވަންސާއި ޓިއުޝަން ފީގެ އިތުރުން އިންސްއަރެންސްއެވެ.

ކޯސްތަކުގެ ޝަރުޠެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކުރިމަތިލާ ކޯހާ ގުޅޭ ދާއިރާއިން ބެޗްލާސް ޑިގްރީއެއް އޮތުމާއި، TOEFLއިން 570 އިން ލިބިފައިވުން ނުވަތަ IELTSއިން އޯވަރރޯލް ސްކޯ މަދުވެގެން 6.0 ލިބިފައިވުމެވެ.
އިތުރު ޝަރުޠެއްގެ ގޮތުގައި ބުނެފައި ވަނީ ކިޔެވުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ މެދުވެރިކޮށް ލޯނެއް ނަގާފައިވާނަމަ ޑިފޯލްޓެއް ނެތި އެ ލޯން ދައްކަމުންދާ ފަރާތަކަށް ވުމާއި، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށް ނުވުމާއި އެދޭ ކޯހާ އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރަކަށް ނުވުމެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވަނީ، ކޮންމެ ކޯހަކަށް ވެސް ނޮމިނޭޓް ކުރާނީ ދެ ކެންޑިޑޭޓުން ކަމަށާއި ފައިނަލްނ ސިލެކްޝަން ހަދާނީ ތައިލޭންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޓާއިކާ) އިން ކަމަށެވެ.
މި ކޯސްތަކަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ ޖުލައި މަހުގެ 10 ވަނަ ދުވަހުގެ 13:30 ގެ ކުރިއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެޕްލިކޭޝަން ހުށަޅާނީ މައިއެޑިޔު ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި އެ މިނިސްޓްރީން ބުނީ، ކޯސްތަކަށް ކުރިމަތިލި ފަރާތްތަކު ވަގުތީ ނަތީޖާ ޖުލައި 16ގައި އިޢުލާންކޮށް 20 ވަނަ ދުވަހު ދާއިމީ ނަތީޖާ ޢާންމު ކުރާނެ ކަމަށެވެ.
advertisment
ހިޔާލު