"އަލްފާ" ޕައިލެޓް ޕްރޮގްރާމުގެ ދަށުން ތަޖުރިބާ ދަތުރެއްގައި 130 މުދައްރިސުން އިންޑިއާއަށް

"އަލްފާ" ޕައިލެޓް ޕްރޮގްރާމުގެ ދަށުން ލިޓެރަސީ އެންޑް ނިއުމެރަސީ އަށް ޚާއްޞަ ތަޖުރިބާ ދަތުރެއްގައި 130 މުދައްރިސުން އިންޑިއާއަށް ދާން ހަމަޖައްސައިފިއެވެ. މި ދަތުރު ހަމަޖައްސާފައި ވަނީ އަންނަ ޖުލައި މަހުގެ 2-9އަށެވެ.

މި ދަތުރުގައި ބައިވެރި ވަނީ 16 ސްކޫލަކުންނެވެ.

މިއީ މިހާ ގިނަ އަދަދެއްގެ ޓީޗަރުން އެއްފަހަރާ ތަމްރީނު ދަތުރެއްގައި ދާ ފުރަތަމަ ފަހަރެވެ.

މި ދަތުރު އިންތިޒާމް ކުރީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އަދި ގްލޯބަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް އޮފް އިންޑިއާ އާ ގުޅިގެންނެވެ.

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ވެރިރަށް ލަކްނޫއަށް ކުރާ މި ދަތުރުގައި އަލްފާ ޓްރެއިނިންގ، ސްކޫލަށް ޒިޔާރަތްކޮށް، އަލްފާ (އެކްސަލަރޭޓެޑް ލާރނިންގ ފޯރ އޯލް) ޕެޑަގޯޖީ ބޭނުން ކޮށްގެން ކުލާސްރޫމުގައި ކިޔަވައިދޭ ގޮތްތައް ބަލައި އަމަލީ ތަޖުރިބާ ހޯދާނެއެވެ. އަދި އަލްފާ ޕެޑަގޯޖީ ތަންފީޒުކުރާ މުދައްރިސުންނާ ބައްދަލުކޮށް އެ މުދައްރިސުންގެ ފަރާތުން މައުލޫމާތު ވެސް ހޯދާނެއެވެ. އަދި ޓްރާންސްފޯމިންގ ލާނިންގ އާ ގުޅޭ ކޮންފަރެންސެއްގައި ވެސް މުދައްރިސުން ބައިވެރިވާނެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ޑރ. އަބްދުﷲ ރަޝީދު އަޙްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، އަލްފާ ޓްރެއިނިންގ ސްކޫލްގައި ކިޔަވައިދެމުން ގެންދާ އަލްފާ ޕެޑަގޯޖީއަކީ ކިޔަވައި ދިނުމުގައި ބޭނުން ކުރާ މުޅިން ތަފާތު ވައްޓަފާޅިއެއް ކަމަށާއި، މި ދަތުރުގެ ބޭނުމަކީ އެ ވައްޓަފާޅި އަމިއްލައަށް ތަޖުރިބާކޮށް، އެތަންތަނުގައި ކިޔަވައި ދެއްވާ ޓީޗަރުންނާ ވާހަކަ ދައްކައި، އަމަލީ ގޮތުން ތަމްރީނު ވެސް ހޯދައި ދެއްވުން ކަމަށެވެ.

" އޮންލައިން ޓްރެއިނިންގެ އިތުރުން އެބޭފުޅުން މާލެ އައިސް ޓީޗަރުންނަށް ތަމްރީނު ވެސް ދީފައި ވާނީ. އެކަމަކު ސްކޫލްތަކުގައި އަލްފާ ޕެޑަގޯޖީ ޕައިލެޓް ކުރުމުގެ ކުރިން އެކަން ކުރާ ގޮތް ބަލައި، ދެނެގަނެ، އަމަލީ ތަޖުރިބާ ހޯދުމަކީ އެއީ މުހިންމު ކަމެއް. މި ދަތުރުގެ ތެރެއިން އެ ހުރިހާ ކަމެއް އަޅުގަނޑުމެންގެ މުދައްރިސުންނަށް ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބިގެންދާނެ" ޑރ. އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ރާއްޖެއިން ހޮވާލެވޭ ދިހަ ސްކޫލެއްގައި އަލްފާ ލިޓަރެސީ އެންޑް ނިއުމެރަސީ ޕެޑަގޯޖީ ޕައިލެޓް ޕްރޮގްރާމެއް ހިންގަނީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި ޔުނިސެފް މޯލްޑިވްސް އާއި އިންޑިއާގެ ގްލޯބަލް އެޑިއުކޭޝަން އެންޑް ޓްރެއިނިން އިންސްޓިޓިއުޓް ގުޅިގެންނެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި އެންއައިއީގެ ފަރާތުން އަންނަނީ "ލޭމްޕް" ޕްރޮގްރާމުގެ ދަށުން ލިޓަރެސީ އެންޑް ނިއުމެރަސީ އަށް އަމާޒުކޮށްގެން 130 ސްކޫލެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ.

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން  ބުނި ގޮތުގައި ތަޖުރިބާ ދަތުރުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން އިންޑިއާއަށް ދަނީ އަމިއްލަ ޚަރަދުގައި ކަމަށާއި، ކެއުމާއި ހުރުމުގެ އިންތިޒާމް ހަމަޖައްސާދީފައި ވަނީ ގްލޯބަލް އެޑިއުކޭޝަން އެންޑް ޓްރެއިނިންގ އިންސްޓިޓިއުޓް އޮފް އިންޑިއާއިންނެވެ. ބައެއް ޓީޗަރުންގެ ދެކޮޅު ޓިކެޓްގެ ޚަރަދު ސަރުކާރުގެ ބައެއް މުއައްސަސާތަކުން ސޮޕޮންސަރ ކޮށްފައިވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ބުނެއެވެ.

ފާއިތުވި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނަށް މިފަދަ ތަޖުރިބާ ދަތުރުތަކެއް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާ ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *