2018 ވަނަ އަހަރުގެ މެދުތެރޭގައި ޤުރުއާން ހިތުދަސްކުރަން ބޭބެ ފެށުމާއެކު، 9 އަހަރުގެ އިސްމާއިލް އިޒްޢާން އިބްރާހިމް ވެސް އެކަން ކުރަން ބޭނުންވިއެވެ. ބޭބެއާ ވާދަކޮށް ކުރިއަރައި ދާން އޭނާ ބޭނުންވިއެވެ. ކިޔެވުމުގައި އުޅެން ޖެހުނު ގޮތުން، ވަކި ހިސާބަކުން ބޭބެއަށް ޖެހުނީ ޤުރުއާން ހިތުދަސްކުރުން މަޑުޖައްސާލާށެވެ. އެކަމަކު މަޑުޖެހުމެއް ނެތި އިޒުޢާން ދިޔައީ ކުރިއަށެވެ. ހަތަރު އަހަރުގެ ތެރޭގައި ޤުރުއާން ހިތުދަސްކޮށް، 12 އަހަރުގައި ހާފިޒު ކަމުގެ ސެޓްފިކެޓް ވެސް ހޯދީއެވެ.
ދިރާސީ އާ އަހަރު ރެހެންދި ސްކޫލްގެ ގުރޭޑް އަށެއްގައި ކިޔަވަން ފަށާ އިޒްޢާން ބުނީ ޤުރުއާން ހިތަސް ކުރަން ފެށިއިރު، ދަސްކުރަން ވަރަށް އުނދަގޫވި ކަމަށެވެ. އެކަމަކު ވެސް ހިތްވަރު އެލުވާނުލައި ކުރިއަށް ދިޔައީއެވެ.
ސްކޫލުން ދޭ ފިލާވަޅުތައް ނިންމަން އިޒްޢާން އިސްކަން ދެނީ ސްކޫލުގައެވެ. ގޭގައި ކުރާކަމަކީ ޤުރުއާން ހިތުދަސްކުރުމެވެ. އެކަމަށް ވަކި ގަޑިތަކެއް ކަނޑައެއް ނާޅައެވެ. ކޮންމެ ގަޑިއަކީ ވެސް އޭނާއަށް އެ މަސައްކަތުގައި ކުރިއަށް ދާން ފަސޭހަ ގަޑިތަކެކެވެ.

" ޤުރުއާން ކިޔަވަން ދަސްކުރަން ވަކި ގަޑިއެއް ޚާއްޞައެއް ނުކުރަން. ކިޔަވާހިތްވީމާ ކިޔަވަންވީ" އިޒްޢާން ބުންޏެވެ.
އިޒްޢާން ބުނީ މަދުވެގެން ދުވާލަކު ހަތަރު ގަޑިއިރު ޤުރުއާން ކިޔެވުމާއި ދަސްކުރުމުގައި ހޭދަކުރާ ކަމަށާއި އެކަމުގައި އޭނާގެ އެހީތެރިންނަކީ މަންމައާއި ބައްޕަ ކަމަށެވެ. އަދި ބައެއް ޓީޗަރުންގެ ފަރާތުން ވެސް އޭނާއަށް އެހީތެރިކަން ލިބޭ ކަމަށް ބުންޏެވެ.
އިޒްޢާން ބުނީ ޤުރުއާނުން ސަފްޙާއެއް ދަސްކުރުމުގެ ކުރިން މަދުވެގެން 40 ފަހަރު އެ ސަފްޙާއެއް ކިޔާ ކަމަށާއި އޭރުން ދަސްކުރަން ފަސޭހަވާ ކަމަށެވެ.
" ދަސްކުރަން އޮންނަ ދުވަހު ކުރީ ދުވަހު ދަސްކުރާ ސަފްޙާއެއް 40 ފަހަރު ކިޔަން. އޭގެ ފަހުން ދަސްކުރަން ފަށަނީ"
އިޒްޢާންގެ މަންމަ ބުނީ، ފުރަތަމަ ފަސް ފޮތް ދަސްކުރީ ވަރަށް އުނދަގުލުން ކަމަށެވެ. އެކަން ކުރެވޭނެ ބާވައޭ ވެސް އޭރު ހިތަށް އެރި ކަމަށެވެ.
" އުނދަގުލުން ނަމަވެސް ފަސް ވަނަ ފޮތާ ހިސާބަށް ދެވުނީމާ ކުރިއަށްވުރެ ފަސޭހަވި. ދިހަ ވަނަ ފޮތާ ހިސާބުން މާބޮޑު އުނދަގުލެއްނެތި ކުރިއަށް ދެވުނީ. އެ ހިސާބުން ޔަގީންވެއްޖެ ވާނެކަން" އިޒްޢާންގެ މަންމަ ބުންޏެވެ.
އިޒްޢާން ވެސް ބުނީ ޤުރުއާން ހިތުދަސްކުރަން ފެށިއިރު އުނދަގޫ ވިޔަސް، ދިހަ ފޮތް ދަސްކުރެވުނު ފަހުން އަމިއްލަ ނަފުސަށް އޮތް އިތުބާރު ބޮޑުވި ކަމަށެވެ.

އިޒްޢާންގެ މަންމަ ބުނީ، ޤުރުއާން ހިތުދަސްކުރަން ފެށިފަހުން ހިތުން ދަސްކުރަންޖެހޭ ފިލާވަޅުތައް ދަސްކުރަން ފަސޭހަކަން ފާހަގަކުރެވުނު ކަމަށެވެ.
" ފިލާވަޅުތައް ހިތުން ދަސްކުރުމަކީ އެއީ އަޒްޢާންއަށް ކުރިން ފަސޭހަ ކަމެއް ނޫން. އެކަމަކު ޤުރުއާން ހިތުދަސްކުރަން ފެށީމާ އެކަން ވަރަށް ފަސޭހަ. މިހާރު ހިތުން ދަސްކުރަންޖެހޭ ފިލާވަޅުތައް ވެސް ވަރަށް ފަސޭހައިން ދަސްކުރެވޭ" އޭނާ ބުންޏެވެ.
ހާފިޒަކަށް ވިޔަސް ޤުރުއާނުގެ ދާއިރާއިން ކުރިއަށްދާން އޭނާ ބޭނުންވެއެވެ. ހުޝަރީގެ ރާގަކީ އޭނާއަށް އެންމެ ކަމުދާ ރާގެވެ. އެ ރާގަށް ކިޔަވަން ކިޔަވަން ވެސް ކިޔަވައެވެ. އެކަމަކު އަދިވެސް އޭނާ އަންނަނީ އެ ރާގު ދަސްކުރަމުންނެވެ.
ޤުރުއާނުގެ ތެރޭގައި އުޅުނަސް އަޒްޢާންގެ ކުރިމަގުގައި ފެންނާނީ ޤުރުއާން ހިތުދަސް ޑޮކްޓަރެއްގެ ގޮތުގައެވެ. ޑޮކްޓަރަކަށް ވުމަކީ އެއީ މާ ކުރިން އޭނާ ނިންމި ނިންމުމެކެވެ.
advertisment
ހިޔާލު