މޮނީޓަރު ފޮތުގެ ބަދަލުގައި ދެން ދޭނީ ބޭރުގަނޑު ތުނި ފޮތް

ޒަމާން ތަކެއް ވަންދެން ދަށު ސާނަވީން ފެށިގެން މަތީ ގުރޭޑް ތަކުގެ ދަރިވަރުން ތަމްރީނު ހަދަން ބޭނުން ކުރަމުން އައި މޮނީޓަރު ފޮތް ދޫކޮށް ކުރިން އާދައިގެ ސްކޫލް ފޮތުގެ ގޮތުގައި ބޭނުން ކުރަމުން އައި ފޮތް ބޭނުން ކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މި ބަދަލާއެކު މޮނީޓަރު ފޮތުގެ ގޮތުގައި ހާޑްކަވަރު ލީ ފޮތް ދެން ބޭނުމެއް ނުކުރާނެއެވެ.

ދަރިވަރުންނަށް ދޫކުރި ވައުޗަރުގައި ވެސް މިހާރު ހިމަނާފައި ވަނީ މޮނީޓަރު ފޮތުގެ ބަދަލުގައި (ސޮފްޓް ކަވަރ) ފޮތެވެ. ދަށު ގުރޭޑް ތަކަށް ބޭނުން ކުރަމުންއައީ އޭގެ 80 ނަމްބަރާއި 120 ނަމްބަރު ފޮތެވެ. މީގެ ފަހުން މަތީ ގުރޭޑް ތަކަށް ބޭނުން ކުރާނީ އޭގެ 200 ސަފްޙާއާއި 300 ސަފްޙާގެ ފޮތެވެ. އެ ވައްތަރު ފޮތުގެ 160 ސަފްޙާއި 180 އާޢި 280 ސަފްޙާގެ އިތުރުން 400އާއި 500 ސަފްޙާގެ ފޮތްތައް ބައެއް ބުކްޝޮޕްތަކުން މިހާރުވެސް ވިއްކައެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ އަހުމަދު އަލީ ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ މޮނީޓަރު ފޮތުގެ ބަދަލުގައި ބޭރުގަނޑު ތުނި ފޮތް ދޭ ގޮތަށް ނިންމީ ދަރިވަރުންގެ ފޮތް ދަބަސް ލުއިކުރުމުގެ ގޮތުންނެވެ.

" މިހާރު ކުރިއަށްވުރެ ލުއިވާނެ. ދަރިވަރުންނަށް އެ ފޮތް ގެންގުޅެން ވެސް މާ ފަސޭހަވާނެ" އަހުމަދު އަލީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މިނިސްޓްރީން މި އަހަރަށް އަލަށް ޗާޕްކުރި ޓެކްސްޓް ފޮތްތައް ވެސް ކުރިއަށް ވުރެ ލުއިވާނެ ކަމަށެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މި ބަދަލު ގެނައީ ދަރިވަރުންގެ ފޮތް ދަބަސް ބަރުވުމުގެ ޝަކުވާ ކުރަމުންދާތާ އަހަރުތަކެއް ފަހުންނެވެ. މި ބަދަލު ގެނައިކަން ރަސްމީކޮށް އެޑިޔުކޭޝަން މިނިސްޓްރީން އިއުލާން ކޮށްފައެއް ނުވެއެވެ. ގިނަ ބަޔަކަށް މި ބަދަލު ގެނައިކަން އެނގުނީ ވެސް ވައުޗަރު ލިބުމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *