ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު، ވަންގް ލިޝިންގް ގެ ޚާއްޞަ އިނާޔަތެއްގެ ގޮތުން، އެމްއެންޔޫގެ ދިހަ ދަރިވަރުންނަށް، ދަރިވަރަކަށް ދިހަ ހާސް ރުފިޔާ ދޭން ނިންމައި، ފަހުމުނާމާއެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.
މި ފަހުމުނާމާގައި ޗައިނާގެ ސަފީރު ސޮއިކުރެއްވިއިރު، ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފެވެ.
ޑރ. ޝަރީފު، ދަރިވަރު ނޫހަށް ވިދާޅުވީ ޗައިނާ ސަފީރުގެ އިނާޔަތުގެ ދަށުން ކޮންމެ އަހަރަކު ވެސް އެ ޔުނިވަރސިޓީގެ ދިހަ ދަރިވަރަކަށް ދިހަހާސް ރުފިޔާ، ޢިނާޔަތެއްގެ ގޮތުގައި ލިބިގެންދާނެ ކަމަށާއި، ޢިނާޔަތް ދޭނީ އެކަމަށް އެންމެ އަކަށޭނެ ދަރިވަރުންނަށް ކަމަށެވެ.
އޭނާ ވިދާޅުވީ މާލީ އެހީއަށް ހުށަހެޅުމަށް މާދަމާ ޔުނިވަރސިޓީގެ ދަރިވަރުންނަށް ހުޅުވާލާނެ ކަމަށާއި މާލީ އިނާޔަތަށް ހުށަހަޅާ ފަރާތްތައް ކަނޑައަޅާނީ ޔުނިވަރސިޓީން ސްކޯލަރޝިޕް ދޭ މިންގަނޑާ އެއްގޮތަށް ކަމަށެވެ.
" މާލީ ގޮތުން ޢިނާޔަތް އެންމެ ބޭނުންވާ ދަރިވަރުންނަށް ފޯރުކޮށްދޭނީ" ޑރ. ޝަރީފު ވިދާޅުވިއެވެ.
ޑރ. ޝަރީފު ވިދާޅުވީ ޗައިނާގެ ސަފީރުގެ އެހީގެ ދަށުން ފެށި އިނާޔަތް އަންނަ އަހަރު ބޮޑު ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި އެއާއެކު އެ ޔުނިވަރސިޓީގެ ތަރައްޤީއަށް ވެސް ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.
advertisment
ހިޔާލު