ތ. ކިނބިދޫ ސްކޫލަށް 75 އަހަރު ފުރޭ އަލިމަސް ޔޫބީލްގެ ހަރަކާތްތަކުގައި ބޭނުން ކުރާނެ ލޯގޯއާއި، އަހަރީ ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވާ ފައިސާ ހޯދަން ފަންޑެއް އިފްތިތާޙް ކޮށްފިއެވެ.
އެ ސްކޫލުގައި ބޭއްވި ޚާއްޞަ ހަފްލާގައި އެ ސްކޫލުގެ އެންމެ ކުރިގެ ދަރިވަރުން، މިހާރުގެ އިސްރަށްވެހިން ބައިވެރިވިއެވެ. އަދި އެ ފަރާތްތަކުގެ ތަޖުރިބާ ވެސް ހިއްސާކުރިއެވެ.
ކިނބިދޫ ސްކޫލަށް 75 އަހަރު ފުރޭނީ އަންނަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ.

ކިނބިދޫ ސްކޫލްގެ ޕްރިންސިޕަލް އަހުމަދު އަބްދުﷲ ވިދާޅުވީ، ފަންޑު ފޮށި ހުޅުވި ދުވަހު އެ ސްކޫލްގެ މުވައްޒަފުންގެ ފަރާތުން 20،000 ރުފިޔާ ލިބުނު ކަމަށެވެ.
އޭނާ ވިދާޅުވީ ދުވަސް ވީ އެހެން ސްކޫލްތަކާ ޚިލާފަށް ކިނބިދޫ ސްކޫލުގެ 75 އަހަރުވީ ތާރީޚްގެ ހުރިހާ ލިޔެކިޔުންތައް ރައްކާކޮށްފައި އެބަހުރި ކަމަށާއި، އެންމެ ފުރަތަމަ އެ ސްކޫލަށް ކިޔަވަން ދިޔަ ދަރިވަރުން މިއަދު ދުނިޔޭގައި ތިބުމަކީ އެއީ 75 އަހަރު ފުރޭއިރު ލިބިވަޑައިގަންނަވާ އުފަލެއް ކަމަށެވެ.

" އިންޑެކްސް ނަމްބަރު ދޭއް، އަޅުގަނޑުމެންނާއެކު އެ ހަފްލާގައި ބައިވެރިވެވަޑައިގެންނެވި، އެ ދުވަސްތަކުގެ ހަނދާން އެންމެ ރަނގަޅަށް މިހާރު ނެތް ނަމަވެސް އިންޑެކްސް ނަމްބަރު އެކަކީ މިވެނި މީހެއްކަން ބުނެދިން" އަހުމަދު ވިދާޅުވިއެވެ.
އަހުމަދު ވިދާޅުވީ ކިނބިދޫ ސްކޫލްގެ އަލިމަސްޔޫބީލް ކުލަގަދަކޮށް ފާހަގަކުރަން ގިނަ ހަރަކާތްތަކެއް ރާވަމުންދާ ކަމަށާއި އެ ސްކޫލްގެ ތާރީޚް ދައްކުވައިދޭ މައުރަޒެއް ވެސް ބާއްވަން މަސައްކަތް ކުރަމުން ދާ ކަމަށެވެ.
" އެންމެ ކުރީގެ ދަރިވަރުންގެ ނަތީޖާއިން ފެށިގެން ހުރިހާ އަހަރެއްގެ އަހަރީ ރިޕޯޓްތަކާއި ސްކޫލަށް އެކި އަހަރުތަކުގައި އައި ތަރައްޤީ އެނގޭނެ ހުރިހާ ލިޔެކިޔުމެއް ބަރާބަރަށް އެބަހުރި. އެއީ ރާއްޖޭގެ އެއްވެސް ސްކޫލަކުން ފެނިފައި ނެތް ކަމެއް" އަހުމަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ލިޔެކިޔުންތައް ގިނަ ދުވަހަށް ރައްކާކުރުމުގެ ބޭނުމުގައި މިހާރު ސްކޭންކޮށް ޑިޖިޓަލް ކޮށްފައިވާ ކަމަށެވެ.
ކިނބިދޫ ސްކޫލުގައި 300އާ ކައިރިކުރާ އަދަދަކަށް ދަރިވަރުން ގުރޭޑް 10އާ ހަމައަށް ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު