ދަރިވަރުންގެ ކިބައިން ޕްރިންސިޕަލް މަތީން އެދިވަޑައިގަތީ އޮޔާދާ ކާއްޓަކަށް ނުވުމަށް

ޕްރިންސިޕަލް މަތީން ޢިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ: ފޮޓޯ| ކޭއޯ

އޮޔާދާ ކާއްޓަކަށް ނުވުމަށް ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު މަތީން އެ ސްކޫލްގެ ދަރިވަރުންގެ ކިބައިން އެދިވަޑައިގެންނަވައިފިއެވެ.

ފާއިތުވި އަހަރުގެ ޢިނާމް ދިނުމުގެ ޖަލްސާގައި ވާހަކަ ދައްވަމުން މަތީން ވިދާޅުވީ، ކާމިޔާބު ބިނާވަނީ ކުރާ މަސައްކަތައް ކަމަށާއި އެއީ ނިސްބަތްވާ އާއިލާއަކަށް، ރަށަކަށް، ނުވަތަ ޤައުމަކަށް ނޫނީ ސްކޫލަކަށް ލިބޭ އެއްޗެއް ނޫން ކަމަށެވެ.

" ގަދައަޅައި މަސައްކަތް ކުރާ ކޮންމެ ކުއްޖެއްގެ ހައްޤެއް ކާމިޔާބަކީ" މަތީން ވިދާޅުވިއެވެ.

26 އަހަރަށްފަހު، އޯލެވެލް އިމްތިޙާނުގައި މިދިޔަ އަހަރު އެ ސްކޫލުން ބައިވެރިވެ ރަނގަޅު ކާމިޔާބެއް ހޯދާފައިވާކަން ފާހަގަކުރައްވައި، މަތީން ވަނީ ފްރިންކްލިން ކޯވޭގެ ސެވަން ހެބިޓްސް އޮފް ހައިލީ އިފެކްޓްސް ލީޑަރސް ފޮތުން މުހިންމު ދެ ކަމެއް ދަރިވަރުންނާ ހިއްސާ ކުރައްވާފައެވެ.

ފުރަތަމަ ކަމަކަށް ވިދާޅުވީ ކޮންމެ ކަމެއްވެސް ފަށާއިރު ދާނެ މިސްރާބެއް، ދާނެ ހިސާބެއް ކަނޑައަޅަންޖެހޭ ކަމަށެވެ.

" ތިޔަ ކުދިން އިލްމް ހޯދުމުގައި ކުރިއަށް ދާއިރު އިލްމްގެ ރޮނގުން، ހުނަރުގެ ރޮނގުން ކިހާ ހިސާބަކަށްތޯ ދާނީ. ތިޔަ ކުދިން ސްކޫލް ނިންމާފައި ވާން ބޭނުން ވަނީ ކޮންކަހަލަ މީހަކަށްތޯ އެކަމަށް ގޯލެއް ކަނޑައަޅަންޖެހޭ. އެގޮތަށް މަސައްކަތް ކުރާނަމަ ކާމިޔާބު ކުއްޖަކަށް ވާނީ" މަތީން ވިދާޅުވިއެވެ.

ޕްރިންސިޕަލް ދެން ވިދާޅުވެދެއްވީ ދާނެ އަމާޒެއް ގޯލެއް ކަނޑަ ނޭޅުމުން ދިމާވާ މައްސަލައެވެ. ޖެއްސެވީ އޮޔާދާ ކާއްޓެއްގެ މިސާލެވެ.

" އެއްވެސް ގޯލެއް، އަމާޒެއް ނެތި މަސައްކަތް ކުރާނަމަ އޮޔާދާ ކާއްޓެކޭ ތަފާތެއް ނޯންނާނެ. އެއިރަކު އޮއި އޮންނަ ގޮތަކަށް، އެއިރަކު ވައި އޮންނަ ގޮތަކަށް ދަމުން ގޮސް ކޮންމެވެސް ތަނަކަށް ނައްގާނީ. އެ ކާށީގެ އަމިއްލަ ބާރުގައި އެއްވެސް ތަނަކަށް ނުލައްގާނެ"

ދެން ވިދާޅުވެދެއްވީ ދަރިވަރުން ކަންތައްތައް ކުރަންވި ގޮތެވެ.

އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު މުޖާހިދު: ފޮޓޯ| ކޭއޯ
" އޭގެ ބަދަލުގައި އަޅުގަނޑުމެން މަސައްކަތް ކުރަންވީ އަމާޒެއް ކަނޑައަޅައިގެން، އެ އަމާޒު ހާޞިލްކުރަން. އެގޮތައް މަސައްކަތް ކުރާނަމަ ކާމިޔާބު ކުދިންނަށް ވާނެ"

ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަންތައްތަކަށް އިސްކަން ދިނުމަށެވެ.

" ދުވާލަކު ސައުވީސްގަޑިއިރު ހޭދަކުރާއިރު ވަރަށް ގިނަ މަސައްކަތް އެބަކުރަން. ކިޔަވާ ކުއްޖަކަށް އެންމެ މިހިންމު ވަނީ ކޮންކަމެއްތޯ. ކިޔަވާކުއްޖަކަށް އެންމެ މުހިންމީ ކިޔެވުން. ތި ކުދިން ކިޔެވުން ދޫކޮށްލާފައި ކުރާނެ އިތުރު މުހިންމު ކަމެއް އޮވެގެން ނުވާނެ. ފުރަތަމަ އިސްކަންދޭންވީ ކިޔަވަން. އޭގެ ފަހުން އެހެން ކަންތައް ކުރަންވީ" މަތީން ވިދާޅުވިއެވެ.

މަތީން ވިދާޅުވީ، ގިނަ އަހަރު ތަކަށްފަހު ސާނަވީއަށް ކިޔަވައިދޭން ފެށީ ބޮޑު ގޮންޖެހުންތަކާ އެކުގައި ކަމަށާއި ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކެއް ވެސް ހުރި ކަމަށެވެ.

" އަޅުގަނޑުމެންގެ ދެ ފަރާތުގައި ދެ ސްކޫލުގައި ވަރަށް ފުރިހަމައަށް ސާނަވީއަށް ތައުލީމް ފޯރުކޮދެމުން ދަނިކޮށް ސާނަވީއަށް ކިޔަވައިދޭން ފެށީމާ ބެލެނިވެރިންގެ ވަރަށް ގިނަ ސުވާލުތައް އައި. އަލަށް މިކަން ކުރާއިރު ނަތީޖާ ނެރެވޭނެތޯ. ސްކޫލުގައި އެ ވަސީލަތްތައް ހުރި ތޯ. ސްކޫލުގެ ޓީޗަރުންގެ އެ ޤާބިލުކަން ހުރިތޯ"

މަތީން ވިދާޅުވީ، ބެލެނިވެރިން އެ ދުވަހު ކުރެއްވި ސުވާލުތަކުގެ ޖަބާބު މިހާރު ދެވިއްޖެ ކަމަށެވެ.

އޭނާ ވިދާޅުވީ، ހަތަރު ދަރިވަރުން ސާނަވީން ޤައުމީ ގަދަ ދިހައެއްގައި ހިމެނި، 68 އިންސައްތަ ދަރިވަރުން ފަސް މާއްދާއިން ފާސްވި ކަމަށެވެ.

މަތީން ވިދާޅުވީ، އެ ސްކޫލާ މެދު އުއްމީދުތަކެއް އެބަހުރި ކަމަށާއި ކުދިންނަށް ޙާޞިލްކޮށްދޭން ބޭނުންވާ ކަންކަން ވެސް އެބަހުރި ކަމަށެވެ.

" އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް އަހަރު ތަކުގައި ދަރިވަރުން ޢިލްމީ ގޮތުން މި ހޯދާ ގުރޭޑްތަކުގެ އިތުރުން ކޮންމެ ދަރިވަރަކީ ހުނަރުވެރި އަޚްލާގު ރަނގަޅު ދަރިވަރަކަށް ހެދުން"

މަތީން ވިދާޅުވީ މިހާރު އެ ސްކޫލުގައި އަޅަމުން ގެންދާ އޮފީސް އިމާރާތުގެ މަސައްކަތް ނިމުނުން އެ ސްކޫލްގެ ދަރިވަރުންނަށް ހުނަރު ދަސްކުރާނެ ލެބްތަކެއް ތައްޔާރު ކުރަން ނިންމާފައިވާ ކަމަށެވެ. ގޭގައި ކުދިން މިކުރާ މަސައްކަތްތައް، ފެހުމާއި މާޖެހުމާއި ކެއްކުމާއި ވައިރު ކުރުން ފަދަ ހުނަރުތައް ދަސްކޮށްދޭން ފަށާނެ ކަމަށެވެ.

" މިހެން ގޮސް ވަރަށް ބައިވަރު ހުނަރުތަކެއް ދަސްކޮށްދޭން އެބަޖެހޭ"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *