100 ވަނަ "ފްރާވަރު ކޭމްޕް" މިލަންދޫގައި

އަމާންވެށި ޕްރޮގްރާމްގެ ތެރެއިން ސްކޫލްތަކުގެ ދަރިވަރުންނަށްފުލުހުން ކުރިއަށް ގެންދިޔަ " ފްރާވަރު ކޭމްޕް"ގެ ސަތޭކަ ވަނަ ކޭމްޕް ށ. މިލަންދޫގައި ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިލަންދޫގައި ކުރިއަށް ގެންދިޔަ ކޭމްޕްގައި އެ ރަށު ސްކޫލުގެ 153 ދަރިވަރުން ބައިވެރިވިއެވެ.

ޖޫން 15 އިން 17 އަށް ކުރިއަށް ގެންދިޔަ މި ކޭންޕުގެ ތެރެއިން، ދިރިއުޅުމުގެ ތަފާތު އެކި ކަންކަމަށް ދަރިވަރުން އަހުލުވެރި ކުރުވައި ދިރިއުޅުމުގެ މައިދާނަށް ނުކުމެ ދިރިއުޅުން އާރާސްތުކުރުމަށް ބޭނުންވާނެ ތަފާތު އެކި މައުލޫމާތު ދިނުމާއެކު ދަރިވަރުންގެ މެދުގައި ކުޅިވަރުގެ ތަފާތުއެކި ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ދީނީ ކަންކަމަށް ސަމާލުކަންދީ ދީނީ އާދަކާދަތަކަށް އަހުލުވެރިކުރުވައި ދަރިވަރުންނާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކުރުމާއެކު އެ ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލެނބުމަށް ދަރިވަރުންނަށް ދަސްކޮށްދީފައިވެއެވެ. އަދި މަދަރުސީ ތައުލީމުގެ ތެރެއިން ދަރިވަރުންގެ ދިރިއުޅުން ބައްޓަންކުރުމަށް އިސްކަންދޭންވީ ކަންކަމުގެ މައުލޫމާތާއި ގަޑިން ގަޑިއަށް ކަންކަންކުރަން ދަސްކޮށްދީ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި ސާފުތާހިރުކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދީފައިވެއެވެ.

އޭގެ އިތުރުން، މައިންބަފައިންނާއި އެހެން މީހުންނަށް އިހުތިރާމްކުރުމުގެ ރިވެތި ސިފަ އަށަގެންނެވުމާ އަދި އާންމު އިޖުތިމާއި މިންގަނޑާ ހިލާފު ކަންކަމުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ހަމައެހެންމެ ކަންކަމުގައި އަމިއްލައަށް އިސްނަގައިގެން ހަރަކާތްތެރިވުމަށް ބާރުއެޅުމުގެ އިތުރުން ޒިންމާދާރު ބައެއްގެ ގޮތުގައި ދެމިތިބުމަށް ކުރަންޖެހޭ ކަންތައްތަކަށް އަހުލުވެރިކުރުވައި ތަފާތު އެކިކަހަލަ ކުށްތަކުން ރައްކާތެރިކުރުމަށް މައުލޫމާތުދިނުމާއެކު ކަންކަމުގައި އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމަށް ބާރުއަޅައި ތަފާތު އެކި ހުނަރުތައް ދަސްކޮށްދީފައިވެއެވެ.

ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝނަރ އޮފް ޕޮލިސް އަލީ ރަޝީދު، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން އަދި މިލަންދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް އާދިލް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، ފުރާވަރު ކޭންޕުގެ ބައިވެރިންނަށާއި މުދައްރިބުން އަދި ކާމިޔާބުކަމާއެކު ކޭންޕު ކުރިއަށް ގެންދިއުމުގައި އެކިގޮތްގޮތުން އެހީތެރިވެދެއްވި ފަރާތްތަކަށް ހަނދާނީލިޔުން ދީފައިވެއެވެ. އަދި ފުރާވަރު ކޭންޕުގެ ފުރަތަމަ ކޭންޕުން ފެށިގެން 100 ވަނަ ކޭންޕާ ހަމައަށް، ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ހެޑް އަދި ޑެޕިއުޓީ ހެޑުންގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅުންނަށް ހަނދާނީ ފިލާ ދީފައިވެއެވެ. ފުރާވަރު ކެންޕަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން ކުރިއަށް ގެންދާ ކޭންޕެކެވެ.

އޭގެ އިތުރުން، މިލަންދޫ ސްކޫލުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ހަނދާނީ ފިލާ ދީފައިވެއެވެ. އަދި ފުރާވަރުގެ ފުރަތަމަ ކޭންޕުން ފެށިގެން 100 ވަނަ ކޭންޕާ ހަމައަށް ކޭންޕު ކުރިއަށް ގެންދިޔަ ގޮތުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *