ޔުނިވަރސިޓީއަށް ދިއުމުގެ ކުރިން އޭލެވެލްގެ ދެ އަހަރު ވަރަށް މުހިންމު: ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު

ޔުނިވަރސިޓީ ތަޢުލީމަށް ދިއުމުގެ ކުރިން އޭލެވެލްގެ ދެ އަހަރު ވަރަށް މުހިންމު ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރު ކަލާފާނު ސްކޫލްގެ އިނާމް ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ރަނގަޅު ޒުވާނަކަށް ވުމަށް މަދަރުސީ ތަޢުލީމުގެ ދިހަ އަހަރަށްވުރެ 12 އަހަރު މާ ރަނގަޅު ކަމަށެވެ.

" އަޅުގަނޑުގެ ނަޒަރުގައި ބޮޑުވަމުން އަންނަ ކުއްޖަކަށް އޭލެވެލް ތައުލީމަކީ ވަރަށް މުހިންމު އެއްޗެއް. ބައެއް ދާއިރާތަކުން ކުރިއަށް ދިއުމަށް މަތީ ސާނަވީ މުހިންމު ނުވެދާނެ. ކޮންމެ ދާއިރާއަކުން ކުރިއަށް ދާން ބޭނުންވި ކަމުގައި ވިޔަސް ދެ އަހަރު ސްކޫލް މާހައުލުގައި ރައްކާތެރި މާހައުލުގައި ޓީޗަރުންގެ އޯގާތެރިކަމާއި އަޅާލުމުގެ މާހައުލުގައި ދަރިވަރުން ހޭދަކުރުމަކީ ހުރިހާ ގޮތަކުން ބެއްޔަސް ވަރަށް މުހިންމު ކަމެއް."

މިނިސްޓަރު ވިދާޅުވީ އޭލެވެލްގެ އެ ދެ އަހަރުގެ ތެރޭގައި ދަރިވަރަށް އޭނާ ކިޔަވަން ބޭނުންވާ ދާއިރާއިން އިތުރަށް މައުލޫމާތު ލިބިގެންދާނެ ކަމަށާއި އޭނާ ހެދިބޮޑުވުމަށް އިތުރު ވަގުތު ލިބިގެންދާނެ ކަމަށެވެ.

" މީހުންނާ މުއާމަލާތް ކުރުމާއި އެ އުމުރުފުރާގައި ދިމާވާ އެހެނިގެން ކަންތައްތައް ތަޖުރިބާ ކުރުމާއި އެކަންތައްތައް ހެޔޮގޮތުގައި ކުރިއަށް ގެންދިއުމަށް އެ ދެ އަހަރުގެ ތަޢުލީމް ވަރަށް މުހިންމު. ދަރިވަރުންނަށް އުނގެނުމުގެ މަސްއޫލިއްޔަތު ނެގުމަށް މަޖުބޫރު ކުރުވާ
އޭލެވެލްގެ މުޤައްރަރުން. އޯލެވްލްއާއި އޭލެވެލްގެ ނަތީޖާގެ ތަފާތަކީ ވެސް އެ ޖަންޕު ބޮޑުވުން. އަމިއްލައަށް ކަންކަން ރާވާ ހިންގުމުގެ ފުރުޞަތު ވެސް އޭލެވެލް ހަދާއިރު މާ ބޮޑަށް ލިބޭނެ. މަތީ ސާނަވީ މަރުހަލާގައި ކާމިޔާބު ހޯދުމަށްޓަކައި ކޮންމެހެން ވެސް މުހިންމު ކަމެއް އެއީ"

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، ކުރިން ދުވަހަކު ވެސް ނުލިބޭ ވަރަށް ސްކޮލަރޝިޕް ފުރުޞަތު މިހާރު އެބަލިބޭ ކަމަށެވެ. ކިޔަވަން ބޭނުން ކުއްޖަކަށް ހިތްވަރު ހުރި ކުއްޖަކަށް ރާއްޖެއިން ބޭރުން ކިޔަވަން ފުރުޞަތު އެބައޮތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ހަޔަރ އެޑިޔުކޭޝަނުން އިއުލާން ކުރާ ސްކޮލަރޝިޕް ތަކަކީ އޭލެވެލް އޮވެގެން ކުރިމަތި ލެވޭ ސްކޮލަރޝިޕްތަކެއް ކަމަށާއި އޭލެވެލް އޮތިއްޔާ ދުނިޔޭގެ ކޮންމެ ޔުނިވަރސިޓީއަކުން ކޮންމެ އެއްޗެއް ކިޔަވަން ފުރުޞަތު އޮންނާނެ ކަމަށެވެ.

އެހެންވެ އިތުރު ދެ އަހަރު ރައްކާތެރި މާހައުލުގައި ކިޔަވަން ލިބިފައި އޮތް ފުރުޞަތުގެ ބޭނުން ހިފައި ހިތްވަރު ކުރުމަށް މިނިސްޓަރު ވަނީ ކިޔަވާ ކުދިންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިނިސްޓަރު ވިދާޅުވީ، ބަދަލުވަމުން ދާ ދުނިޔޭގައި ލިބޭ ކާމިޔާބީތަކާ މެދު ވިސްނާލަން އެބަޖެހޭ ކަމަށާއި މައިން ބަފައިން ދަރިންނަށް ހޯދައިދޭން ބޭނުންވާ ކާމިޔާބިއާ އެ ދަރިންގެ ކިބައިގައި އަށަގަންނަވަން ބޭނުންވާ ހުނަރުތަކަކީ ކޮބާތޯ އަމިއްލަ ނަފުސާ ސުވާލުކުރަން އެބަޖެހޭ ކަމަށެވެ. އަދި އެ މަޤްޞަދު އަޅުގަނޑުމެން ކުރާ މަސައްކަތުން ހާޞިލްވަނީ ކިހާ މިންވަރަކަށްތޯ ވެސް އަޅުގަނޑުމެން އަމިއްލަ ނަފުސާ ސުވާލުކުރަންޖެހޭ ކަމަށެވެ.

" އަޅުގަނޑުގެ ނަޒަރުގައި ކާމިޔާބު މީހަކަށް ވުމަށްޓަކައި ވަކި ސިފަތަކެއް ހުންނަންޖެހޭ. އެކި ބޭފުޅުންގެ ނަޒަރުގައި އެ ސިފަތައް ތަފާތު ވާނެ. ކާމިޔާބު މީހަށް ވުމަށް މައިގަނޑު ދެ ސިފައެއް ތިމާގެ ކިބައިގައި ހުންނަންޖެހޭ. ފުރަތަމަ ރީތި އަޚުލާގުވެރިއަކަށް ވުން. ދެވަނަ ސިފައަކީ ވަޒީފާއަދާ ކުރަން ބޭނުންވާ ދާއިރާއަކުން ބޭނުންވާ ތައުލީމާ ހުނަރު ބޭނުންވާ މިންވަރަށް ހޯދާފައި ހުރި މީހަކަށް ވުން"

މިނިސްޓަރުގެ ވާހަކަ ނިންމާލެއްވީ ހުނަރު ތަރައްޤީ ކުރުމަށް އިލްމް ހޯދުމަށް އަބަދުވެސް ފެންބޮވައިގެންފައި ހުންނަންޖެހޭނެކަން ދަރިވަރުންނަށް ހަނދާންކޮށް ދެއްވަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *