ވަގުތު ތަކަށް ފަރުވާ ކުޑަކުރެވިއްޖެނަމަ ޙަޔާތުގެ ކޮންމެވެސް އެއް ހިސާބަކުން އަގެއް ދައްކަންޖެހޭނެ
ވަގުތަކީ ކާމިޔާބާއި ނާކާމިޔާބީގެ ތަޅުދަނޑި އަތައް ދިއްކޮށްލާ މީހާ ކަމަށް ވިދާޅުވެ ވަގުތުގެ މުހިންމުކަން ދަރިވަރުންނަށް ޖަމާލުއްދީން ސްކޫލްގެ ޕްރިންސިޕަލް ޙަސަން މުޙައްމަދުހަނދާން ކޮށްދެއްވައިފިއެވެ.
ޖަމާލުއްދީން ސްކޫލުގެ ފާއިތުވި އަހަރުގެ ޢިނާމް ދިނުމުގެ ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ހަސަންގެ ވާހަކަ ފެއްޓެވީ " ފާރުގައި ބަހައްޓާ ރީތި ގަޑިއާއި އަތުކުރީގައި އަޅާ މޮޅު ގަޑީގެ އަގު ތަފާތު ވިޔަސް، ސައިޒް ތަފާތު ވިޔަސް ކޮންމެ ގަޑިއެއް ވެސް ބުނެދެނީ ވަރަށް އަގުބޮޑު މެސެޖެއްކަން" ވިދާޅުވެ ދެއްވަމުންނެވެ.
ހަސަން ވިދާޅުވީ ވަގުތަކީ ފަހަނައަޅައި ގޮއްސިއްޔާ އަތް ނުލެވޭނެ ވަރުގެ އެއްޗެއް ކަމަށެވެ. ވިދާޅުވީ، ދުނިޔެއަށް ވެސް ވަގުތެއްވާ ކަމަށާއި ކޮންމެ ދުވަހަކު 24 ގަޑިއިރު އޮންނައިރު އެއްބަޔަކަށް އެވަރުން ނުފުދޭއިރު އަނެއް ބަޔަކު 24 ގަޑިއިރު ދިގުވެގެން ފޫހިވެސް ވާ ކަމަށެވެ.
ޙަސަން ވިދާޅުވީ ދުނިޔޭގެ ކަންތައްތައް ރޭވިފައިވާ ގޮތުން މިހާރު މިވަނީ އިހުނަށްވުރެ ވެސް ބޮޑަށް ވަގުތަށް ބަރޯސާ ވާންޖެހިފައި ކަމަށެވެ. އަދި ހީ ނުކުރާ ވަރުގެ ކުޑަ ވަގުތުގުކޮޅެއްގެ ތެރޭގައި ޚިޔާލަށް ވެސް ނުގެނެވޭ ފަދަ ގެއްލުމާއި ފައިދާ އޮންނަނީ ދާދި ގާތުގައި ކަމަށް ހަސަން ވިދާޅުވިއެވެ.
" ތިމާ ކުރާ ކަންކަން ކުރުމަށް، ކަންކަން ތަންފީޒު ކުރުމަށް، އެންމެ އިސްދައުރެއް އަދާކުރަނީ ވަގުތު. ތިމާގެ ކާމިޔާބީއާއި ނާކާމިޔާބީގެ ތިލަފަތް ބަރުވެ ލުއިވުން ބިނާވަނީ ވަގުތު ރަނގަޅު ގޮތުގައި ހިފި ގޮތެއްގެ މައްޗަށް. އުޚްރަވީ ޙަޔާތުގެ ބާއްޖަވެރިކަން ވެސް ފެށެނީ ވެސް އަދި ނިމެނީ ވެސް ވަގުތުގެ މައްޗައް. ވަރަށް ގިނަ ފަހަރު ކާމިޔާބު މީހާއަކީ ވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފާ މީހާ. ވަގުތު ތިމާއާ ބައްދަލުކުރާނެ. އަރާ ހަމަކުރާނެ. ފަރުވާތެރި ނުވެވިއްޖެނަމަ ތިމާ، ފަހަނައަޅައި ވެސް ދާނެ. މި މަރުހަލާ ތަކަށް ދުރާލާ ތައްޔާރު ވެވިއްޖެނަމަ ކުރިމަތީގައި ތިމާއަށް އިންތިޒާރު ކުރާނީ ރަނުގެ ފުރުޞަތުތައް"
ދަރިވަރުންނާއި ބެލެނިވެރިން ވެސް ބައިވެރިވި ޖަލްސާގައި ހަސަން ވިދާޅުވީ، ވަގުތުގެ ފޮނިމީރުކަން ތަޖުރިބާ ކުރެވޭނީ ވަގުތައް ފަރުވާތެރިވެ އަކަން އާދައަކަށް ހަދައިގެންނެވެ.
" އުފަލާއި މަޖަލާއި ކުޅިވަރާއި ކިޔެވުމާއި މަސައްކަތަށް ކަނޑައަޅަންވީ ކިހާ ވަގުތެއްކަން ތިމާ ކަނޑައަޅައިފިނަމަ އެންމެ ކައިރީގައި ހުންނާނެ އެކުވެރިޔަކީ ވަގުތު. އެއީ ކާމިޔާބާއި ނާކާމިޔާބީގެ ތަޅުދަނޑި އަތަށް ދިއްކޮށްލާމީހާ. އާންމު މީހަކަށް ފަޅި ސިކުންތަކި ކިހާ އަގުހުރި އެއްޗެއްކަން ނޭގުން އެކަށީގެންވޭ. އެމަކު 100 މީޓަރުގެ ދުވުން ތެރިއަކަށް ފަޅި ސިކުންތަކީ ކިހާ އަގުހުރި އެއްޗެއްކަން ވަރަށް ރަނގަޅަށް އެނގޭނެ"
ދަރިވަރުންނަށް އަމާޒު ކުރައްވައި، ޕްރިންސިޕަލް ހަސަން ވިދާޅުވީ، ޙަޔާތުގެ ކޮންމެ ދުވަހެއް ވެސް ވަގުތުގެ ދުނިޔެއަކުން ބަލާލުމުން ކުރަން ހުރި އެތައް ކަމެއް ފެންނާނެ ކަމަށެވެ. ދީނީ ވާޖިބުތައް އަދާކުރުމާއި މައިންބަފައިންގެ ބަސްއެހުމާއި ފަރުވާތެރިކަމާއެކީ ކިޔެވުމުގެ ކަންތައްތައް ކުރިއަށް ގެންދުއުމާއި އެހެން މީހުންގެ އިޙްތިރާމާއި ލޯބި ލިބޭގޮތަށް ޠަބީއަތް ބައްޓަން ކުރުމާއި އަދި ދުޅަހެޔޮކަންމަތީގައި ހުރުމަށްޓަކައި ސިއްޙީ އާދަތަކުގައި ދެމިހުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވަނީ ވަގުތުތަކެއް ކަނޑައެޅިފައި ކަމަށެވެ.
" މިއިން ކޮންމެ ވަގުތަކަށް ވެސް ފަރުވާ ކުޑަކުރެވިއްޖެނަމަ ޙަޔާތުގެ ކޮންމެވެސް އެއް ހިސާބަކުން އަގެއް ދައްކަންޖެހޭނެ. މިއީ ދުނިޔެ ދައްކާ ބައެއް މިސާލު"
ހަސަންގެ ވާހަކަ ނިންމާލައްވަމުން ވިދާޅުވީ އޭނާ އަބަދުވެސް ދެކިވަޑައިގަންނަވަން ބޭނުން ވަނީ ޖޭއެސްގެ ކާމިޔާބީ ކަމަށާއި ތަޢުލީމީ ރޮނގުންނާއި ހޯދާ ކާމިޔާބީ އެއީ ބަޔާން ކުރަން ފަސޭހާ ކަމެއްނޫން ކަމަށެވެ.
advertisment
ހިޔާލު