އައްޑޫ ސިޓީގައި މަތީ ސާނަވީއަށް ކިޔަވައިދޭ އައްޑޫ ހައި ސްކޫލްގެ ކާމިޔާބަކީ އެ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންގެ "ޑިސިޕްލިން" ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް އިބްރާހިމް ނަދީމް ވިދާޅުވެއްޖެއެވެ.
އެ ސްކޫލުން ވަނީ ފާއިތުވި އަހަރު މަތީ ސާނަވީން ރަނަގަޅު ނަތީޖާއެއް ހޯދާފައެވެ. 55 ދަރިވަރަކު ޤައުމީ ގަދަ ދިހައެއްގައި ހިމެނި، އެއް ދަރިވަރަކު ގަދަ ދިހައެއްގެ އެއްވަނަ އަދި ވަކިވަކި މާއްދާތަކުން ދެ ދަރިވަރަކު ވަނީ ދުނިޔޭގެ ވަނަ ހޯދާފައެވެ. 98 އިންސައްތަ ދަރިވަރުން ޔުނިވަރސިޓީ ތަކަށް ވަދެވޭ މިންވަރަށް ފާސްވިއެވެ.
އެ ކާމިޔާބީ ޕްރިންސިޕަލް ގުޅުވާލެއްވީ އެ ސްކޫލުގެ ދަރިވަރުންގެ "ޑިސިޕްލިން"އާއެވެ.
އޭނާ ވިދާޅުވީ އެ ސްކޫލުގެ ދަރިވަރުންގެ ޑިސިޕްލިންގެ މައްސަލައެއް ވަރަށް މަދުން ނޫނީ ނުފެންނަ ކަމަށެވެ.

" އޭގެ ފައިދާ ވަރަށް ބޮޑު. ޓީޗަރަކަށް ކިޔަވައިދެވޭނީ ސްޓްރެސް ފްރީވެގެން. ކުދިން ޑިސިޕްލިން ނުވަންޏާ ކިޔަވައިދޭން ބޭނުންވާ ކިތަންމެ އެއްޗެއް ކިޔަވައި ނުދެވި ދާނީ"
ނަދީމް ވިދާޅުވީ އެހެން ސްކޫލްތަކާ ޚިލާފަށް ، މާއްދާއަކަށް ކަނޑައަޅާފައި އޮންނަ 50 މިނިޓް ޓީޗަރުން ހޭދަކުރާނީ ދަރިވަރުންނަށް ކިޔަވައި ދިނުމުގައި ކަމަށާއި ކުދިން ކޮންޓްރޯލް ނުވެގެން ބޭކާރު ގޮތުގައި އެއްވެސް ވަގުތެއް ނުދާނެ ކަމަށެވެ.
" އެހާވެސް ކުދިން ޑިސިޕްލިން ވާނެ. ޓީޗަރުންނާ ޒުވާބެއް ނުކުރާނެ. ބުނާ ގޮތް ހަދާނެ"
ނަދީމް ވިދާޅުވީ އެ ސްކޫލަށް ކުދިން ވަންނަ ފުރަތަމަ ދުވަހު ވެސް ކުރައްވާ ކަމަކީ އެއީއެވެ. ކުދިން ޑިސިޕްލިން ކުރުވުމެވެ.

450 އެންހާ ދަރިވަރުން ކިޔަވަމުންދާ އައްޑޫ ހައި ސްކޫލަކީ އައްޑޫ ސިޓީގެ ހުރިހާ ސްކޫލަކުންހެން އަންނަ ދަރިވަރުން ޖަމާވާ އެންމެ މުޙިންމު ސްކޫލެވެ. ޔުނިވަރސިޓީއަށް ދަރިވަރުން ތައްޔާރު ވެސް ކޮށްދޭ ސްކޫލެވެ. ނަދީމް ވިދާޅުވީ އެކި ސްކޫލްތަކުން ދަރިވަރުން އައިސްގެން ކިޔަވާއިރު، ފުރަތަމަ ސެމިސްޓަރގައި ހުރިހާ ދަރިވަރުންގެ ނަތީޖާ އަށް ބޮޑު އަސަރެއް ކުރާ ކަމަށާއި އެއީ އެކަން ވާނެ ގޮތް ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ތަފާތު ދެ ސިލަބަހެއް ކިޔަވަން ޖެހުމާއި ކިޔެވުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލަށް ހޭނެން ވަގުތު ބޭނުން ވުމެވެ.
" ފުރަތަމަ ސެމިސްޓާގައި ދާނީ ހުރިހާ ކުދިން ވެސް ދަށްކޮށް. ނަތީޖާ ލިބުނީމާ ދަރިވަރުންނަށް ވެސް މި އެނގެނީ ކުރިއަށް ދާން ކުރަންޖެހޭ މަސައްކަތް. ދެވަނަ ސެމިސްޓާއިން ފެށިގެން ދަރިވަރުންނަށް ކިޔެވުމާ މެދު ވިސްނާ އޭގެ ތެރެއަށް ވަދެވެނީ" ނަދީމް ވިދާޅުވިއެވެ.
ނަދީމް ވިދާޅުވީ އައްޑޫ ހައި ސްކޫލްގެ މަދު ދަރިވަރެއް ފިޔަވައި އެހެން ދަރިވަރުން ބަރޯސާ ވާނީ ސްކޫލުން ކޮށްދޭ މަސައްކަތްތަކަށް ކަމަށާއި ދަރިވަރުންގެ ފެންވަރު މަތި ކުރުމަށް ޓީޗަރުން ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. ޓީޗަރުން ގިނަ ވަގުތު ހޭދަކުރައްވަނީ ތަފާތު ދަރިވަރުންގެ އުނގެނުމާ ގުޅުން ހުރި ކަންތައްތަކުގައިކަން ނަދީމް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކިޔެވުން ދަށް ކުއްޖާވެސް ދޫކޮށް ނުލައްވާ ކަމަށާއި އެ ސްކޫލުން ނުކުންނަ ކޮންމެ ކުއްޖަކީ މުޖްތަމަޢަށް ބޭނުން ހިފޭ ކުއްޖަކަށް ހަދަން ބޮޑު އިސްކަމެއް ދޭ ކަމަށެވެ.
" އިތުރު އެހީއަށް ބޭނުންވާ ކުދިންނަށް ވެސް އެ ސަޕޯޓް ދީގެން ފެންވަރު މަތިކުރަން މަސައްކަތް ކުރަނީ. އޭގެ ނަތީޖާ ފެނޭ" ނަދީމް ވިދާޅުވިއެވެ.
" އެންމެ ކުއްޖެއް ވެސް ބާކީ ކޮށްނުލަން. ފާސްނުވެ ދާނީ ވެސް ޤަވާއިދުން ސްކޫލަށް ނާންނަ ކުއްޖެއް"
ނަދީމް ވިދާޅުވީ އެ ސްކޫލުން ހޯދަމުންދާ ކާމިޔާބީގެ ޝުކުރު އޮތީ ޓީޗަރުންނަށެވެ. ނަތީޖާތަކުން އެ ފެންނަނީ ޓީޗަރުން ދަރިވަރުންނަށް ކޮށްދޭ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް ނަދީން ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު