28 ދަރިވަރުންގެ ތެރެއިން 19 ދަރިވަރުން ފަސް މާއްދާއިން ފާސްވެ، ހަތަރު ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި
އޯލެވެލްގައި ހޯދި ކާމިޔާބީއާއެކު ދިރާސީ އާ އަހަރު އޭލެވެލް ފަށަން މ. މުލަކު ސްކޫލުން މަސައްކަތް ފަށައިފިއެވެ.
އޯލެވެލްގައި އެ ސްކޫލަށް މިދިޔަ އަހަރު ލިބުނީ ތާރީޚީ ކާމިޔާބީއެކެވެ. 28 ދަރިވަރުން އޯލެވެލްގައި ބައިވެރިވެ އޭގެ ތެރެއިން 19 ދަރިވަރުން ފަސް މާއްދާއިން ފަސްވެ އޭލެވެލްއަށް ޝަރުޠު ހަމަވެއެވެ.
ސާނަވީގެ ޤައުމީ ގަދަ ދިހައެއްގައި މުލަކު ސްކޫލުގެ ހަތަރު ދަރިވަރުން ހިމެނުނެވެ. އޭގެ ތެރެއިން އެއް ދަރިވަރަކު ހަތަރުވަނައިގައި ހިމެނުނެވެ.

ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުން
1- ޔަދާ ޔޫނުސް، ހަތަރުވަނަ
2- އައިޝަތު އަލްޔާ ބިންތް އިސްމާއިލް އަޙްމަދު، އަށްވަނަ
3- ހިޝާން ބިން އަޙްމަދު އާސިމް، ދިހަވަނަ
4- މުޙައްމަދު ވާރިސް ވަލީދު، ދިހަވަނަ
މުލަކު ސްކޫލްގެ ޕްރިންސިޕަލް ތޯހާ މުޙައްމަދު ވިދާޅުވީ އޯލެވެލްގައި އެ ސްކޫލަށް ލިބުނު ކާމިޔާބާއެކު އޭލެވެލްއަށް ކިޔަވައިދޭން ފެށުމަކީ އެ ސްކޫލާއި ބެލެނިވެރިންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ.
" އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އުއްމީދު ރަށުން އޭލެވެލްއަށް ކިޔަވައިދޭން ފެށުން. އޭލެވެލް ފަށަން ބޭނުންވާ ވަރަށް ކުދިން ހަމަވޭ، އެކުދިންގެ ޝަރުޠު ހަމަވޭ، ދެން އޮތީ އުއްމީދުގައި ކުލަ ޖެއްސުން" ދަރިވަރު ނޫހަށް ތޯހާ ވިދާޅުވިއެވެ.
ތޯހާ ވިދާޅުވީ މިދިޔަ އަހަރު ނިންމި ބެޗާއި މި އަހަރު އޯލެވެލް ހަދަމުން ދާ ބެޗަކީ ވެސް އުއްމީދީ ބެޗްތަކެއް ކަމަށެވެ. އެހެންވެ އޭލެވެލްގައި ވެސް ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އޭނާ އުއްމީދު ކުރައްވައެވެ.
ތޯހާ ވިދާޅުވީ އޭލެވެލް ފަށަން ކުރަންޖެހޭ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.
350 އެއްހާ ދަރިވަރުން ކިޔަވަމުންދާ މުލަކު ސްކޫލުގެ ކާމިޔާބީއަކީ ހުރިހާ ދަރިވަރުންނަށް ވަކިވަކިން އަޅައިލައި، ދެވޭ ތަޢުލީމު ކަމަށް ތޯހާ ގަބޫލުކުރައްވައެވެ. އެކަމުގައި ބެލެނިވެރިންނާއި ޓީޗަރުން ކުރެއްވި މަސައްކަތް އޭނާ ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު