-
ވިލާ ހައި ސްކޫލުން ބުނީ، 74 އިންސައްތަ ދަރިވަރުންނަކީ އޭ ލެވެލް ނަތީޖާއާ އެކު ދިއުމުން، ޔުނިވަރސިޓީތަކުން އުފަލާއެކު ޖާގަދޭނޭ ދަރިވަރުން ކަމަށް
ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން އުފައްދަނީ، ވިސްނާށާއި ކިޔަވަން ދަންނަ ދަރިވަރުން ކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު ވިދާޅުވެއްޖެއެވެ.
ފާއިތުވި އަހަރުގެ އެ ސްކޫލްގެ އިނާމް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ، މަތީ ސާނީވީއަށް ކިޔަވައިދޭ ސްކޫލެއްގެ ކާމިޔާބު ބަޔާން ކޮށްދޭ އެންމެ މުހިއްމު ހިސާބަކީ އެ ސްކޫލަކުން ކިޔަވައި ނިންމާ ދަރިވަރުން ބޭރުގެ ޔުނިވަރސިޓީތަކަށް ވަދެވޭ އިންސައްތަ ކަމަށެވެ.
އޭނާ ވިދާޅިވީ ފާއިތުވި އަހަރު އެ ސްކޫލުން 279 ދަރިވަރުން ދަސްވެނިވިއިރު، އޭގެ ތެރެއިން 74 އިންސައްތަ ދަރިވަރުންނަކީ ބޭރުގެ ޔުނިވަރސިޓީތަކުން އުފަލާއެކު ޖާގަދޭނޭ ދަރިވަރުން ކަމަށެވެ.
"2022 ވަނަ އަހަރު ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުން 279 ދަރިވަރުން ގްރޭޖުއޭޓުވި. މީގެ ތެރެއިން 74 އިންސައްތަ ދަރިވަރުންނަކީ އެކުދީންގެ އޭ ލެވެލް ނަތީޖާ އެކު ދިއުމުން ޔުނިވަރސިޓީތަކުން އުފަލާއެކު ޖާގަދޭނޭ ކުދީން. މިއީ ސްކޫލު ކާމިޔާބު ބަޔާން ކޮށްދޭ އެންމެ މުހިއްމު ހިސާބު. ތަހުޒީބު ގައުމުތަކުގައި ސްކޫލު ވަޒަން ކުރުމުގައި އެންމެ ބޮޑު ބުރަދަނެއް ދޭ ތަފާސް ހިސާބަކީ މީ" ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި މަތީ ސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތެރެއިން ޔުނިވަރސިޓީތަކުން ޖާގަ ލިބޭ ދަރިވަރުންގެ ޤައުމީ އެވްރެޖް ނިސްބަތަކީ 60 އާއި 70 އިންސައްތަ އާ ދެމެދުގެ މިންވަރެއެ ކަމަށެވެ. ފާއިތުވި ތިން އަހަރަށް ބަލާއިރު ވިލާ ހައި ސްކޫލުން ބޭރުގެ ޔުނިވަރސިޓީތަކަށް ވަދެވޭ މިންވަރަށް އިންސައްތަ ހުރީ ވެސް 70ން މަތީގައެވެ.
ސައީދު ވިދާޅުވީ، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލުގެ މަދަރުސީ ޙަރަކާތަކުގެ އަމާޒަކީ؛
- ދަރިވަރުންނަކީ ވިސްނަން ދަންނަ ކިޔަވަން ދަންނަ ދަރިވަރުންނަށް ހެދުން.
- ގުޅިގެން އެކުގައި މަސައްކަތް ކުރުމުގެ ހުނަރާ ޤާބިލްކަން ލިބިދިނުން.
- ތަޖުރިބާ ކުރުމުގެ ފުރުޞަތު ފަހިކޮށްދީ ކުރިމަގުގެ ކާމިޔާބަށް ހިތްޖެއްސުން.
ސައީދު ވިދާޅުވީ، މި މަޤްޞަދުތައް ޙާޞިލްކުރުމަށް އެންމެ ބޮޑު އިންވެސްޓްމެންޓެއް ކޮށްފައި ވަނީ ވަޞީލަތުގެ ފުދުންތެރިކަން މުއްސަނދި، ފަސޭހަ އިންތިޒާމު ތަކާއެކު ލައިބްރަރީ ތަރައްޤީ ކޮށް ދަރިވަރުންނަށް ޚިދުމަތް ދިނުމަށެވެ. އަދި ދަރިވަރުން އަމިއްލަ އަށް ތަޙުލީލުތައް ކުރެވޭ ފެންވަރަށް ވަޞީލަތް މުއްސަނދި ލެބްތައް ޤާއިމުކުރުމަށާއި ކުލާސްރޫމުގައި ހިންގާ އުނގެނުމުގެ ޙަރަކާތްތަކުގެ އިތުރަށް އެކި އެކި މައިދާންތަކަށް ގޮސް ތަޖުރިބާ ޙާޞިލުކުރުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށެވެ.
އޭނާ ވިދާޅުވީ، ލަރނިންގ ބިޔޮންޑް ވޯލްސް – ހަރިންމައިން ބޭރުން އުނގެނުން މި ޓީޗިންގ ސްޓްރެޓެޖީ އަކީ އިންތިޒާމުގެ ވެ ހިނގާތާ 10 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ވަރަށް ކާމިޔާބު ޙަރަކާތެއް ކަމަށާއި މިއީ ދިވެހި ރާއްޖޭގައި ސްކޫލަކުން ހުއްޓުމެއް ނެތި ހިންގާ މިބާވަތުގެ އެންމެ ދުވަސްވީ ޙަރަކާތް ކަމަށެވެ.
" ހަމަ އެކަނި ޕޭޕަރު ހައްދައިގެން އިމްތިހާނަށް ތައްޔާރު ކުރުމުގެ ޣާފިލު ކަމުގެ ތެރެއަށް އަޅުގަނޑުމެން ހުސްނުވަން. އޭގެ ބަދަލުގައި، އިސްކަންދެނީ ކިޔަވަން ދަންނަ މަތީ ތަޢުލީމާއި ތަމްރީނަށް ފުރިހަމައަށް އަހުލުވެރިވެފައިވާ، އެކަމުގެ ޝައުގުހުރި ދަރިވަރުން އުފެއްދުމަށް "
ސައީދު ވިދާޅުވީ ސްކޫލުގެ ފެހި މާހައުލުން ދަރިވަރުންނަށް ހިއްފަސޭހަކަން ލިބުމުގެ އިތުރަށް ތިމާވެށްޓަށް އަޅާލާ، ތިމާވެށީގެ މައްސަލަތަކަށް ވިސްނާ ދަރިވަރުން އުފެއްދުމަށް މަސައްކަތް ލުރައްވާ ކަމަށެވެ.
އިޤްތިޞާދީ ދާއިރާގެ ކަންކަމަށް ދަރިވަރުން ލޯހުޅުވައިދީ ވިސްނަންޖެހޭ ޙަރަކާތްތައް ވެސް ހިންގައި، އިސްލާމް ދީނަށް ލޯބިކުރާ، ދީނުގެ ނަމުގައި މުޖުތަމަޢަށް ލޮޅުން ގެނުވާ ފަރާތްތަކުގެ މަސަތްކަތްތަކަށް ދަރިވަރުން ހޭލުންތެރިކުރުވުމަށް ވެސް އެ ސްކޫލުން މަސައްކަތް ކުރައްވާ ކަމަށް ސައީދު ވިދާޅުވިއެވެ..
ތަފާތު ކުޅިވަރުތައް ކުޅެވޭނޭ ވަޞީލަތްތައް ޤާއިމުކޮށް ދަރިވަރުންނަށް ކުޅިވަރުގެ ހުނަރުތައް ކުރިއަރުވާނޭ ފުރުޞަތު ތަނަވަސްދީ، ހިއްވަރުކުރުމާއި ވާދައިގެ ރޫޙު އުފެއްދުމަށް އިންޓަރ ސްކޫލުގެ ހުރިހާ މުބާރާތްތަކުގައި އަޅުގަނޑުމެން ދަރިވަރުން ބައިވެރިކުރާ ކަމަށެވެ.
advertisment
ހިޔާލު