ކާމިޔާބާ ހަމައަށް ދިއުމަށް، މީހާ ގައިގައި ހުންނަ ހުނަރަށްވުރެ އެމީހާގެ ހިތްވަރާއި މަސައްކަތުގައި ދެމިހުރުން މާ މުހިންމު
ކަންކަމުގައި ހެވަށް ވިސްނުމަށް އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިޙާ އިދުރީސް އެ ސްކޫލުގެ ބެލެނިވެރިންނާއި ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އަފީފުއްދީން ސްކޫލުގައި ބޭއްވި ފާއިތުވި އަހަރުގެ އިނާމް ދިނުމުގެ ޖަލްސާގައި ނާސިޙާ ވިދާޅުވީ، ދުނިޔެ ބަދަލުވެގެން މިދަނީ އެސްފިޔަ ޖަހާލާހާ ބާރުމިނުގައި ކަމަށާއި އަޅުގަނޑުމެން ވިސްނަންވީ ދުރު އަމާޒަކަށް ކަމަށެވެ.
" އިއްޔެ ހިނގި ކަންތައް މިއަދު ނުވެ ހިނގައިދާނެ. މާދަމާ އެހެން ގޮތަކަށް ކަންތައްތައް ބަދަލުވެގެން ވެސް ހިނގައިދާނެ. އަޅުގަނޑުމެން ހިފަންވީ ދުރު އަމާޒެއް. އަޅުގަނޑުމެންނަކީ މާދަމާއަށް އެކަނި ވިސްނާ ބަޔަކަށް ވެގެން ކަމަކު ނުދާނެ. އަޅުގަނޑުމެން ވިސްނަންވީ އަޅުގަނޑުމެން ކާމިޔާބު ބަޔަކަށް ވުމަށްޓަކައި މީގެ ފަސްއަހަރު ފަހުން، މީގެ ދިހަ އަހަރު ފަހުން، މީގެ ވިހި އަހަރު ފަހުން އަޅުގަނޑުމެން ތިބޭނެ ތަނެއް"
މަޝްހޫރު ނަފުސާނީ ޢިލްމްވެރިޔާ އެންޖެލާ ޑަކްވޯތް ލިޔުއްވާފައިވާ "ގްރިޓް: ދަ ޕަވާ އޮފް ޕެޝަން އެންޑް ޕާސިވިއަރެންސް" ފޮތުގައި ކާމިޔާބު މީހަކަށް ވުމަށް ބަޔާން ކޮށްފައިވާ ފަސް ކަމެއްގެ މައްޗަށް ނާސީޙާ އަލިއަޅުވާލެއްވިއެވެ.
ނާސިޙާ ވިދާޅުވީ ފުރަތަމަ ކަމަށް އެ ފޮތުގައި ބުނެފައި ވަނީ ކާމިޔާބާ ހަމައަށް ދިއުމަށް، މީހާ ގައިގައި ހުންނަ ހުނަރަށްވުރެ އެމީހާގެ ހިތްވަރާއި މަސައްކަތުގައި ދެމިހުރުން މާ މުހިންމު ކަމަށެވެ.

" ވަޑާންކުރަން މީހަކު ކިތަންމެ މޮޅަސް އޭނާ އެކަން ނުކުރާ ކަމަށްވާނަމަ އޭނާގެ ހުނަރު ތަރައްގީއެއް ނުވާނެ، ކާމިޔާބު މީހަކަށް ވެސް އޭނައެއް ނުވާނެ" ނާސިހާ ވިދާޅުވިއެވެ.
ހަމަ އެއާ އެއްކޮށް ދާންވީ މިސްރާބެއް ސާފްކޮށް އަޅުގަނޑުމެން އެންމެންނަށް އެބަ އެނގެންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ދަރިން ދާންވީ މިސްރާބު ސާފުކޮށް ބެލެނިވެރިންނަށް ވެސް އެނގެން އެބަޖެހޭ ކަމަށާއި ފައްސިކޮށް ވިސްނާ ބަޔަކަށް އަޅުގަނޑުމެން ވާން އެބަޖެހޭ ކަމަށް ނާސިހާ ވިދާޅުވިއެވެ.
" ކަންކަމުގައި ހެވަށް ވިސްނުން އެއީ ވަރަށް މުހިންމު ކަމެއް. ހުރިހާ ކަމެއްގައި ނެގެޓިވް ކޮށް ނުވަތަ ނައްސިކޮށް ވާހަކަ ދެއްކުން އެއީ ކަންކުރަން އޮތް ގޮތް ކަމަށް ދެކިގެން ނުވާނެ. ދުރު މުސްތަޤުބަލަށް ދާން އަމާޒު ހިފައިގެންދާން އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި އެ ފޮތުގައި ފާހަގަކޮށްފައި އޮވޭ"
ނާސިޙާ ވިދާޅުވީ، އެންމެ ފަހު ކަމަކަށް އެ ފޮތުގައި ބުނެފައި ވަނީ ކަމެއް ޙާޞިލް ކުރުމުގެ ނިޔަތުގައި، އެ ކުރާ ކަމެއް އިތުރަށް ތަކުރާރުކުރާ ކަމަށް ވާނަމަ ކާމިޔާބާ ހަމައަށް ދިއުމަށް ފަސޭވެގެން ދާނެ ކަމަށެވެ.
އެ ހަފްލާގައި ނާސިހާ ވަނީ އެ ސްކޫލުގެ ނަމޫނާ ބެލެނިވެރިންނަށް ތަޢުރީފުވެސް ކުރައްވާފައެވެ.
ނާސިހާ ވިދާޅުވީ އެ ސްކޫލުގެ ތާރީޚުގައި ވެސް އެންމެ ގިނަ ދަރިވަރުން ސާނަވީގެ ގަދަ ދިހައެއްގައި ހިމެނުނީ މިދިޔަ އަހަރު ކަމަށާއި، އެ ކާމިޔާބު ލިބުނީ އެ ސްކޫލުގެ މަސައްކަތުމީހާ ހިމެނޭހެން އެންމެން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.
ސާނަވީގެ ގަދަ ދިހައެއްގައި އެ ސްކޫލުގެ 16 ދަރިވަރުން ހިމެނުނެވެ.
advertisment
ހިޔާލު