އެންމެ ބޮޑު އުއްމީދަކީ އޭލެވެލްއަށް ކިޔަވައިދޭން ފެށުން: އަފީފުއްދީން

ކުޅުދުއްފުށީގައި ހުންނަ އަފީފުއްދީން ސްކޫލުގައި އޭލެވެލްއަށް ކިޔަވައިދޭން ފެށުމަކީ އެއީ ދެކޭ އެންމެ އެއް އުއްމީދު ކަމަށް ޕްރިންސިޕަލް ނާސިޙާ އިދުރީސް ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރުގެ އިނާމް ދިނުމަށް ރޭ ބޭއްވި ހަފްލާގައި ނާސިހާ ވިދާޅުވީ، އުއްމީދުތައް ގުޅިފައިވާ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ އިމާރާތާއެކު އެއް ދަންފަޅިއަށް ބަދަލުވެވި، އޭލެވެލްއަށް ކިޔަވައި ދޭން ފެށުމަކީ ޕްރިންސިޕަލްގެ ހައިސިއްޔަތުން ވެސް އޭނާ ދެކެވަޑައިގަންނަވާ އުއްމީދެއް ކަމަށެވެ.

"މި ސްކޫލަކީ ވެސް އޭލެވެލްއަށް ކިޔަވައިދޭން ޖެހޭ ސްކޫލެއްގެ ގޮތުގައި އަޅުގަނޑު، އަޅުގަނޑުމެން ބަލަން. މިއީ އަޅުގަނޑުމެންގެ ބެލެނިވެރިންގެ އުއްމީދެއް. ދަރިވަރުންގެ ވަރަށް ބޮޑު އުއްމީދެއް" ނާސިހާ ވިދާޅުވިއެވެ.

ނާހިސާ ރޭ ވިދާޅުވީ އެ ސްކޫލުގައި މިހާރު އަޅަމުންދާ އިމާރާތަކީ އުއްމީދާ ގުޅިފައިވާ އިމާރާތެއް ކަމަށެވެ. އެ އިމާރާތް ދެ ބުރިއަށް ފަށަން އޮތް ނަމަވެސް ތިން ބުރިއަށް ބަދަލުކޮށް ދެއްވާފައިވާއިރު، އޭވީ ރޫމެއް އިތުރުކޮށް، ލިފްޓެއް ވެސް އެ އިމާރާތުގައި ހަރުކޮށް ދެއްވާނެ ކަމުގެ ރައީސުލްޖުމުޙޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ.

ނާސިހާ ވިދާޅުވީ ލިފްޓް ހަރުކުރުމާއެކު އެ ސްކޫލުގައި ކިޔަވަމުންދާ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފަސޭހަކަމާއެކު ހުރިހާ ފަންގިފިލާތަކަށް ދެވޭނެ ކަމަށެވެ.

އަފީފުއްދީނުގައި ހާހެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ. އެ ސްކޫލަކީ ރާއްޖޭގެ ދެ ސަރަހައްދެއްގައި ޤާއިމް ކުރާ މޮޑަން ދެ ސްކޫލުގެ ތެރެއިން އެއް ސްކޫލެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *