އަޚްލާޤީ މައްސަލަތަކަށް މުޙްޔިއްދީން ސްކޫލުން ޙައްލު ހޯދީ އިޖުތިމާއީ ޖަޒްބާތު އުނގަންނައިދީގެން

ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލުގެ ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގެންނެވި އަހަރު ނާޒިމާ އަލިމަނިކަށް ކުރައްވަން ޖެހިވަޑައިގެންނެވި އެންމެ މުހިންމު މަސައްކަތަކީ ހެނދުނު 6:45 ން ފެށިގެން 12:45 އަށް އެ ސްކޫލުގައި ކުދިން އުޅޭ ފަންގި ފިލާތައް ގާޑް ކުރެއްވުމެވެ. އެ މަސައްކަތުގައި އޭނާއާކު މެނޭޖްމަންޓްގައި މަސައްކަތް ކުރައްވާ އެހެން ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގަންނަވައެވެ. ސްކޫލްގެ ގަޑި ނިމުމާއެކު ދެން ކުރައްވާ ކަމަކީ އެ ދުވަހަކު ދިމާވި އެކި މައްސަލަތަކުގެ ރިޕޯޓުލިޔެ އެސްކިޑަށް ފޮނުއްވުމެވެ. މިއީ އެ ސްކޫލްގެ ދަރިވަރުންގެ އަޚަލާޤީ މައްސަލަތައް އޮތް މިންވަރު ޕްރިންސިޕަލް ސިފަކުރެއްވި ގޮތެވެ. އެއީ އޭރުގެ ހާލަތެވެ. ވަރަށް ފަޚުރުވެރިކަމާއެކު ދެން ވިދާޅުވީ އެ ހާލަތު މިހާރު ބަދަލުކުރައްވާފައިވާ ވާހަކައެވެ.

" ﷲގެ އިރާދަފުޅުން މިއަދު މިސްކޫލްގައި އަޚުލާޤީ މައްސަލަތައް ޒީރޯ އޭ ދެންނެވުމަކީ ދޮގަކަށް ނުވާނެ" ނާޒިމާ ވިދާޅުވިއެވެ.

ރޭ ބޭއްވި މުޙްޔިއްދީން ސްކޫލުގެ ފާއިތުވި ދިރާސީ ދެ އަހަރުގެ އިނާމް ދިނުމުގެ އެ އުފާވެރި ޖަލްސާގައި ނާޒިމާ ވިދާޅުވީ ވިލިމާލޭގެ މިއަދުގެ ހާލަތަށް ބަލާއިރު ދަރިވަރުންނަށް ނޭދެވޭ އަސަރުކުރާ ކަންތައްތަކާއި އަދި އިޖްތިމާއީ މައްސަލަތައް މަދުނުވާ ކަމަށެވެ.

" އެކަމަކު މުހްޔިއްދީން ސްކޫލުގެ ހާލަތު ބަދަލު ކުރެވިއްޖެ. ދަރިވަރުން ހޯދާ ނަތީޖާ ބޮޑު ތަނުން ރަނގަޅު ވެއްޖެ. މިކަން މިގޮތަށް ކުރެވުނީ އިޖުތިމާއީ ޖަޒްބާތު އުނގަންނައިދީ، މުދައްރިސުންނާއި ދަރިވަރުންނާއި އޮންނަ ގުޅުންތައް ހަރުދަނާވެ، ދެ ފަރާތުން ވެސް އެކަކު އަނެކަކުގެ އިހްސާސްތައް ދެނެގަނެ ހިތްވަރާއެކު މަސައްކަތް ކުރާ މާހައުލެއް ސްކޫލުގައި ޤާއިމު ކުރެވުމުން"

ނާޒިމާ ވިދާޅުވީ މުހްޔިއްދީނުގައި ދަރިވަރުންނަށް ކަންކަން ފަހި، އެކަކު އަނެކަކަށް އަޅާލާ، ގުޅުންތައް ހަރުދަނާ މާހައުލަކަށް ހެދުމަށްޓަކައި ނަމޫނާ ދައްކަވަމުން ގެންދަވަނީ މުދައްރިސުންނާއި ބެލެނިވެރިން ކަމަށެވެ.

ނިމިގެން ދިޔަ 2021/2022  ދިރާސީ އަހަރަކީ މުޙްޔިއްދީން ސްކޫލުގެ ހަޔާތުގެ އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

ޕްރިންސިޕަލް ނާޒިމާ ވިދާޅުވީ، ވަށާޖެހޭ ތަޢުލީމެއްގެ ތެރެއިން ޓެސްޓަކުން ލިބޭ ނަތިޖާއަކަށްވުރެ ދަރިވަރުންނަށް ހޯދައިދެވޭ ކުރިއެރުމާމެދު ޕްރިންސިޕަލެއްގެ ހައިސިއްޔަތުން ލިބޭ އުފާ މާ ބޮޑު ކަމަށެވެ.  އަދި ވިދާޅުވީ ފާއިތުވި އަހަރު 76 އިންސައްތަ ދަރިވަރުން 5 މާއްދާއިން ފާސްވެފައިވާ ކަމަށާއި  އެއީ 2008 ވަނަ އަހަރު، އޯލެވެލް ހަދަން ފެށިފަހުން އެ ސްކޫލަށް ލިބުނު އެންމެ ރަނގަޅު ނަތީޖާ ކަމަށެވެ.

ނާޒިމާ ވިދާޅުވީ، މުޙްޔިއްދީން ސްކޫލު ތަފާތު ވާނެ ކަމަށާއި ގެންދާ ޕްރޮގްރާމްތަކާއި އެ ސްކޫލުން މުހިއްމުކަންދޭ ކަންތައްތައް ވެސް ތަފާތު ވާނެ ކަމަށެވެ. މިހާރަށް އެންމެ ބޭނުންވާނެ އަދި މުސްތަޤުބަލަށް ބޭނުންވާނެ ހުނަރު ކުދިންގެ ކިބައިގައި އަށަގެންނެވުމަކީ އެ ސްކޫލުގެ އެއް އަމާޒު ކަމަށް އޭނާ ޕްރިންސިޕަލް ވިދާޅުވިއެވެ.

ނާޒިމާ ވިދާޅުވީ، އެސްއީއެލް، ޕީއެފް އެލް، ފްރީޕްލޭ، ކައިންޑެސްޓް ސްޓޫޑެންޓް އެވޯރޑް، ހިފްޒް އެވޯރޑް ފަދަ ޕްރްގްރާމް ތަކަކީ މިހާރަށް، އަދި މުސްތަޤުބަލަށް ބާލާއިރު ވެެސް ދަރިވަރުންނަށް ގިނަ ފައިދާތައް ކުރާނެ ދަރިވަރުންގެ ރޫހާނީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ހޭހަން ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޕްރޮގްރާމްތަކެއް ކަމަށެވެ.

ދަރިވަރުންނަށް ޕްރިންސިޕަލް ނާޒިމާ ވިދާޅުވީ، މުޖުތަމަޢުގެ ހާލަތަށް ނަޒަރު ހިންގާލާއިރު ތިމާ ބޭނުންވާ ކަމެއް އެނޫން ގޮތަކަށް ހިނގައިފި ކަމުގައި ވާނަމަ އެކަން ތަހައްމަލު ނުކުރެވޭ ކުދިންނާއި މީހުން ވަރަށް ގިނަ ކަމަށެވެ. މިފަދަ ހާލަތްތަކުގައި ތިމާ ބޭނުންވާ ގޮތަށް ކަންކަން ގެންދިއުމަށްޓަކައި ހެދިފައި ހުންނަ އުޞޫލުތަކާއި ޤަވާއިދުތަކަށް ގޮންޖެހުމާއި ތިމާ ބޭނުންވާގޮތް ނޫން އިތުރު ގޮތެއް އޮތްކަން ޤަބޫލުކުރަން ބައެއް މީހުންނަށް ދަތިވާ ކަމަށެވެ.

" މިއީ އެއްގޮތަކަށް ވެސް ރަނގަޅު ވިސްނުމެއްނޫން. ސްކޫލު ދައުރު އަދި ވަޒީފާގެ މައިދާނަށް ނިކުތުމަށްފަހު ވެސް ތިޔަކުދިން ބޭނުންވާގޮތް ނޫން އެހެން ގޮތްގޮތަށް ކަންކަން ހިނގާނެ،  އަދި ހެދިފައިވާ ހުންނަ ކޮންމެ އުޞޫލަކީ އެންމެނަށް ކަމުދާ އެއްޗަކަށް ވެސް ނުވެދާނެ، އެހެން ނަމަވެސް މިއިން ކޮންމެ ހާލަތެއްގައި ވިސްނުންތެރިކަމާއި ކެތްތެރިކަން އަދި މަސްލަހަތު އިސްކުރަންވާނެ" ދަރިވަރުންނަށް ޕްރިންސިޕަލް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *