ގިނަ އަދަދެއްގެ ވަޒީފާގެ ޔަގީންކަމާއެކު ޤައުމީ ޔުނިވަރސިޓީގެ ޖޮބް ފެސްޓިވަލް ފަށައިފި

ވަޒީފާގެ ފަހި ފުރުޞަތު ތަކާއެކު ޤައުމީ ޔުނިވަރސިޓީގެ ޖޮބް ފެސްޓިވަލް ފަށައިފިއެވެ. މި ފެސްޓިވަލް ހުޅުވައިދެއްވީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މި ފެސްޓިވަލް ހުޅުވައިދެއްވައި މިނިސްޓަރު ވިދާޅުވީ ވަޒީފާގެ ތަޅުދަނޑިއަކީ ވަޒީފާ ކަމަށެވެ. ރަނގަޅު ސަނަދެއް ހިފައިގެން ނުކުންނައިރު ވެސް ތަޖުރިބާ ބޭނުންވާ ކަމަށާއި ކޮންމެ ވެސް ހިސާބަބުން އެ މަސައްކަތް ފަށަންޖެހޭ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތަޖުރިބާ ހޯދުމުގެ ފުރުޞަތު ނުލިބެންޏާ ވަޒީފާއަށް އެދޭ ފޯމުގައި އެވާހަަކަ ހިމެނުން ޒުވާނުންނަށް ގޮންޖެހުމަކަށް ވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރިޒޯޓްގެ އިސްމަގާމަކާ ހަމައަށް ދެވޭނީ ސަނަދެއް ހޯދައިގެން ވަޒީފާއެއް އަދާކުރާތާ އެތައް ދުވަހެއްގެ ފަހުން ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމީހަކު ބޭނުންވ،ާ ހިތްހަމަޖެހޭ ވަޒީފާއެއް ހޯދުން މުހިންމު ކަމަށާއި ދަށް ފަންތީގެ ވަޒީފާތައް ބިދޭސީންނަށް ދޫކޮށްލަންވެއްޖެ ކަމަށެވެ.

އާބާދީ މަދުވީމާ އަޅުގަނޑުމެން ދަށް ވަޒީފާތައް އަދާކުރަންޏާ މަތީ މަޤާމް ތަކުގައި ތިބޭނީ ބޭރުމީހުން. އޭގެ ބަދަލުގައި މަތީ މަގާމްތަކާ ދިވެހިން ކުރިމަތިލާން ޖެހޭ" ޑރ. މައުސޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ދާއިރާގެ މުސާރައިގެ 70 އިންސައްތަ ދަނީ މަތީ މަގާމްތަކުގައި ތިބޭ 30 އިންސައްތަ މީހުންނަށް ކަމަށެވެ. އެކަން ހައްލުކޮށް ރާއްޖެއިން ބޭރުވާ ފައިސާ ހައްލުކުރަން އޮތް ގޮތަކީ މަތީ ފަންތީގެ ވަޒީފާތައް ދިވެހިން އަދާކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

43 އަށްވުރެ ގިނަ ފަރާތުން ބައިވެރިވި މި ފެސްޓިވަލުން 6500 ވަޒީފާގެ ފުރުޞަތު ފަހިވެފައިވާ ކަމަށް ޤައުމީ ޔުނިވަރސިޓީން ބުނެއެވެ. މި ފެސޓިވަލް މިރެއާއި މާދަމާ ވެސް ކުރިއަށް ގެންދާނެއެވެ.

ފަހި ފުރުޞަތުގެ ނަމުގައި ބާއްވާ މި ފެސްޓިވަލަކީ މި އަހަރު ބާއްވާ ފުރަތަމަ ފެސްޓިވަލެވެ.

މި ފެސްޓިވަލް ހުޅުވާފައި ހުންނާނީ ހަވީރު 4:00ން ރޭގަނޑު 10:00 އަށް އެ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

"ފުރާތަ މުޖްތަމަޢަށް އަނބުރާ ދިނުން" ޝިޔާރުގެ ދަށުން އެމްއެންޔޫއިން ބާއްވާ ޖޮބް ފެސްޓިވަލަކީ ވަޒީފާ އުފައްދާ ފަރާތްތަކާއި ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާ ފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ބާޒާރެކެވެ.

މި ފެސްޓިވަލުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭ ފަދަ ފުރުޞަތުތައް އާންމުންނަށް ދައްލާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުމެވެ. އާންމުންނާއި ހިސާބަށް ފޯރުކޮށް ނުދެވި ހުރި އެކިކަހަލަ ފުރުޞަތުތަކާއި ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސްދެވޭނޭ މާހައުލެއް އުފެއްދުމެވެ. އެކިކަހަލަ ސިނާއީ ފުރުޞަތުތަކާއި ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމެވެ. ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުމެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އެމްއެންޔޫއިން ބޭއްވި ވަޒީފާގެ މައުރަޒުގައި ވެސް 30 ފަރާތަކުން ބައިވެރިވެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *