"ގެވެށި ގުޅުން" ކެމްޕޭނުގެ ކުޑަކުދިންގެ ކާޓޫނާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ނެރެފި

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސްގެ، ވީޑިއޯ ވަރޝަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އިފްތިތާޙްކޮށް ދެއްވަނީ: ފޮޓޯ: ޖެންޑަރ މިނިސްޓްރީ

މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސަރވިސަސް އިން ކުރިއަށްގެންދާ "ގެވެށި ގުޅުން" ކެމްޕެއިންގެ ދަށުން ތައްޔާރުކޮށްފައިވާ ކުޑަކުދިންގެ ކާޓޫނު ސީރީސް އާއި ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ، ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްފިއެވެ.

ކާޓޫނު ސީރީސް އާއި ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު އޮލިމްޕަހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޝަރަފުވެރި މެހްމާނު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އަދި، ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގެ ވީޑިއޯ ވަރޝަން އިފްތިތާޙްކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

މިއަދު އިފްތިތާޙްކުރި ކާޓޫނު ސީރީސް އަކީ ގެވެށި އަނިޔާއާއި ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުޑަކުދިންގެ ކިބައިގައި އެންމެ ޅައިރުއްސުރެ އަށަގަންނުވަންޖެހޭ ދިރިއުޅުމުގެ ރީތި ބައެއް އާދަތަކަށް ކުދިން އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި މި މިނިސްޓްރީގެ ފަރާތުން ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ. މި ކާޓޫނު ސީރީސްގައި ޖުމްލަ 12 އެޕިސޯޑް ހިމެނޭއިރު މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ވަނީ އޭގެ ތެރެއިން 6 އެޕިސޯޑް ރަސްމިއްޔާތުގައި ބައިވެރިވި ކުދިންނާއި އެކުދިންގެ ބެލެނިވެރިންނަށް ދައްކާލާފަ އެވެ. އަދި، މި 6 އެޕިސޯޑް އާންމުކޮށް ދެއްކުމަށްޓަކައި ޚާއްސަ ދެ ޝޯ މާދަމާ މެންދުރުފަހު އޮލިމްޕަހުގައި ބާއްވާގޮތަށް މި މިނިސްޓްރީއިން ވަނީ ހަމަޖައްސާފައެވެ.

ފެމެލީ އެންޑް ސޯޝަލް ސަރވިސަސް މިނިސްޓްރީން ބުނީ، މިއަދު އިފްތިތާޙްކުރެވުނު ކާޓޫނު ސީރީސް އާއި، ވާހަކަ ފޮތްތަކުގެ ވީޑިއޯ ވަރޝަންގެ ސަބަބުން އެކަކު އަނެކަކަށް އިޙްތިރާމުކުރުމާއި، އަޅާލުމާއި، އެހީތެރިކަންފޯރުކޮށްދިނުމާއި އަދި ސުލްހަވެރިކަމާއެކު ވާހަކަދައްކައިގެން މައްސަލަތައް ހައްލުކުރުމުގެ އިތުރުން ވަކި ޖިންސަކަށް ވީތީ ތަފާތު ނުކުރުން ފަދަ ރީތި ސިފަތައް ކުދިންގެ ކިބައިގައި އަށަގެންނެވުމަށް މަގުފައިވެގެންދާނެ ކަމަށެވެ. އަދި، މައިންބަފައިންނާއި، ބެލެނިވެރިން ކުދިންނާއެކު މި އުފެއްދުންތައް ބަލައި އެއިން ލިބިދޭ މެސެޖުތަކުގެ އެހީގައި ކުދިންނަށް ދިރިއުޅުމުގެ ރީތި އާދަތައް ދަސްކޮށްދިނުމަށް އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީނާ ޙަސަން ވަނީ އެދިވަޑައިގެންފައިވެއެވެ.

މިއަދު އިފްތިތާޙްކުރި ވާހަކަފޮތް ސީރީސްގެ ވީޑިއޯ ވަރޝަން ގެ މަޤްޞަދަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅު މި މިނިސްޓްރީގެ ފަރާތުން ނެރުނު ގެވެށި ގުޅުން ކުޑަކުދިންގެ ވާހަކަ ފޮތް ސީރީސްގައި ހިމެނޭ ވާހަކަތަކުން ކުދިންނަށް ފޯރުކޮށްދޭން ބޭނުންވާ މެސެޖުތައް ވީހާވެސް ގިނަ ކުދިންނާ ހަމައަށް ފޯރުކޮށްދިނުމެކެވެ. ޖުމްލަ 6 ވާހަކަ ފޮތް ހިމެނޭ މި ސީރީސްގެ ވާހަކަ ފޮތްތައް ވަނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހަދިޔާކޮށްފައެވެ.

ގެވެށި ގުޅުން ކެމްޕެއިން އަކީ ގެވެށި އަނިޔާ އާ ދުރު މުޖުތަމަޢުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ފެށި ކެމްޕެއިނެކެވެ. ކެމްޕެއިންގެ ވަކިވަކި މަގްސަދުތަކުގެ ތެރޭގައި ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރިކުރުމާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތައް ބާރުވެރިކުރުވުމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމާއި، އެފަރާތްތަކަށް ފޯރުކޮށްދެވޭ ހިދުމަތްތައް އިތުރުކޮށް، އެ ހިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ އިތުރުން ގެވެށި އަނިޔާއާ ދުރުކޮށްދޭނެ ވިސްނުމާއި އުޅުން ޕްރޮމޯޓްކުރުމަށް ބޭނުންވާ ހޭލުންތެރިކަން އިތުރުކުރުން ހިމެނެ އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *