ޤައުމަށް ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް މީހުން ބިނާކުރެވޭނީ ތަޢުލީމަށް ހޭދަކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ.
އިސްލާމިކް ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ދެވަނަ ދަންފަޅި ޝަރަފުވެރި ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، ފެންވަރު ރަނގަޅު ޑޮކްޓަރުން، ނަރުހުން، ޓީޗަރުން، އިންޖިނޭރުން، ލޯޔަރުން، ޕައިލެޓުން، އަދި މި ނޫނަސް ޤައުމަށް ބޭނުންވާ ކޮންމެ ދާއިރާއަކުން ވެސް މީހުން ބިނާކުރެވޭނީ ތަޢުލީމަށް ހޭދަކޮށްގެން ކަމަށެވެ. ދިވެހި ރައްޔިތުން މިއަދު އެ ޙަޤީޤަތް ޤަބޫލުކުރައްވާ ކަމަށާއި، ހިލޭ ޑިގްރީ ޕްރޮގްރާމަށާއި، ސްޓޫޑެންޓް ލޯން ޕްރޮގްރާމަށް ލިބޭ ބޮޑު ތަރުޙީބަކީ އެކަމުގެ ހެއްކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ޤައުމުގެ ތަރައްޤީއަށްޓަކައި ކުރެވޭނެ އެންމެ ބޮޑު އިންވެސްޓަކީ، ޤައުމުގެ ދަރިންނަށް ފެންވަރު ރަނގަޅު ތަޢުލީމު ދިނުން ކަމަށާއި މި އަހަރުގެ ބަޖެޓުން ވެސް ވަރަށް ބޮޑު ޕަރސެންޓެއް ތަޢުލީމީ ދާއިރާއަށް ކަނޑައަޅާފައި އޮންނާނެ ކަމަށް ވިދާޅުވިއެވެ.

" އެއީ މުޅި ބަޖެޓުގެ ޖުމްލައިގެ 10.9 އިންސައްތަ، ނުވަތަ 4.6 ބިލިއަން ރުފިޔާ. އޭގެ ތެރެއިންވެސް 857 މިލިއަން ރުފިޔާ ޚާއްޞަކޮށްފައި ވާނީ، ޓަރޝަރީ އެޑިޔުކޭޝަން ނުވަތަ މަތީ ތަޢުލީމާއި ތަމްރީނު ދިނުމަށް. މިއީ ތަޢުލީމީ ދާއިރާއަށް ހޭދަކުރާ ފައިސާއަށް ވިޔަސް، ޙަޤީޤަތުގައި މިއީ ތަރައްޤީގެ ހުރިހާ ދާއިރާއަކަށް ކުރެވޭ ބޮޑު އިންވެސްޓެއް" ރައީސް ވިދާޅުވިއެވެ.
" މުޅި ރާއްޖެ ތަރައްޤީ ކުރެވޭނީ، ޒަމާނީ ޢިލްމުން ރައްޔިތުންގެ ސިކުނޑިތައް މުއްސަނދި ކުރެވިގެން. އެއީ، އެ އަތޮޅެއް އަދި އެ ރަށެއް މިހާރު އޮތް ޙާލަތަށް ރިޢާޔަތްކޮށް، މާދަމާ އޮންނަންވީ ގޮތް ކަނޑައެޅޭނީ، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ފަހިކޮށްދީގެން"
ރައީސް ވިދާޅުވި ގޮތުގައި، އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ، ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކަށް ބަލަބަލާ ކަމަށާއި، ދުނިޔެއަށް އަވަސް ބޮޑެތި ބަދަލުތަކުގެ ތެރޭގައި ރަނގަޅު ބަދަލާއި، ނުރަނގަޅު ބަދަލުވެސް އަންނާނެއެވެ. އަދި ދުނިޔެއަށް އަންނަ މިފަދަ ބަދަލުތަކަށް ރަނގަޅަށް ލޯ ހުޅުވި، އޭގެ ތެރެއިން މި ޤައުމަށް އެންމެ ފައިދާ ހުރި ކަންކަން ދެނެގަނެ، އެކަންކަމުގެ ބޭނުން ހިފުމަށް އަޅުގަނޑުމެން ތިބެންވާނީ ތައްޔާރަށް ކަމަށާއި އެ މިންވަރަށް ތައްޔާރުވެ ތިބެވޭނީ، ޒަމާނީ ޢިލްމު ހޯދައި، އަޅުގަނޑުމެންގެ ވިސްނުން ތަރައްޤީކޮށްގެން ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދުގެ ސަރުކާރުގެ އަމާޒަކީ، މި ޔުނިވަރސިޓީއަކީ އިސްލާމްދީނުގެ ޞައްޙަ ޢަޤީދާއާ އެއްގޮތަށް ދީނީ ޢިލްމު ފަތުރައި، މި ސަރަޙައްދުގައި ހުރި އެންމެބޮޑު މަރުކަޒަށް ހެދުން ކަމަށް ރައީސް ސޯލިޙް ވިދާޅުވިއެވެ.
" މި ވަރުގަދަ ޢިލްމީ ހިޔަލުން ދަސްވެނިވާ ކޮންމެ ދަރިވަރަކީ، ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި، ދިވެހިންގެ އިސްލާމީ އެއްބަނޑުއެއްބަފާކަން ދެމެހެއްޓުމުގެ ވަރަށް މަތީ ޒިންމާއެއް ޙަވާލުވެފައިވާ ފަރުދެއް. ދަސްވެނިވުމަށް ފަހު، ކޮންމެ މައިދާނެއްގައި މަސައްކަތް ކުރިޔަސް، ތިޔަބޭފުޅުންގެ އެންމެ އިސް ވާޖިބަކަށް ހައްދަވަންވާނީ، ޤައުމީ މަޞްލަޙަތު ޙިމާޔަތްކޮށް، މުޖުތަމަޢުގެ ހަމަޖެހުމަށް މަސައްކަތް ކުރުން" ރައީސް ވިދާޅުވިއެވެ.
advertisment
ހިޔާލު