އަންނަ އޮގާސްޓްމަހު ފަށާ، 93 ކޯހަކުން 5440 ދަރިވަރުންނަށް ކިޔެވުމުގެ ފުރުޞަތު ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ހުޅުވާލައިފިއެވެ.
އޮގަސްޓްމަހު ފަށާ ކޯސްތަކުގެ ތެރޭގައި އަލަށް ތިން ކޯހެއް ފަށަން ނިންމައި އެކަން ވެސް ވަނީ އެ ޔުނިވަރސިޓީން މިއަދު އިއުލާން ކޮށްފައެވެ.
އަލަށް ފަށާ ކޯސްތަކަކީ:
1- ބެޗްލަރ އޮފް އިންޖިނިއަރިންގ އިން އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް
2- ޑިޕްލޮމާއިން މެކޭނިކަލް އިންޖިނިއަރިންގ
3- މާސްޓަރސް އޮފް ސައިންސް ޖިއޯސްޕެޝައަލް ޓެކްނޮލިޖީސް ފޮރ ޑިޒާސްޓަރ މެނޭޖްމަންޓްއެވެ.
ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު ހުޅުވާލާފައި ވަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެން ޖުލައި 25 ވަނަ ދުވަހުގެ 14:00 އާ ހަމައަށެވެ.
އެ ޔުނިވަރސިޓީން ބުނީ އިތުރު ތިން ކޯހެއް ފަށަން ބޭނުންވާ ހުއްދައަށް ކޮލިފިކޭޝަން އޮތޯރިޓީގައި ވަރަށް އަވަހަށް އެދޭނެ ކަމަށެވެ. އެއީ ބެޗްލާސް އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް، ބެޗްލާސް އޮފް ސައިންސް އިން ކްލައިމެޓް ޗޭންޖް އަދި ޕްރޮފެޝަނަލް ސެޓްފިކެޓް އިން ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ލީޑާޝިޕެވެ.
ވައިސް ޗާންސެލަރ މުހައްމަދު ޝަރީފު ވިދާޅުވީ ހަތަރު ކޯހެއް މެރިޓް އުޞޫލުން ކުރިއަށް ގެންދާއިރު، ދެން ހުރި ކޯސްތަކަށް ޖާގަ ހަމަޖައްސަމުން ގެންދާނީ ފޯމް ހުށަހަޅާ ތަރުތީބުން ޝަރުޠު ހަމަވާ ފަރާތްތަަކަށެވެ.
މެރިޓް އުޞޫލުން ކުރިއަށް ގެންދަނީ ފެކަލްޓީ އޮފް ހެލްތް ސައިންސަސްއިން ކުރިއަށް ގެންދާ ބެޗްލަރ އޮފް މެޑިކަލް ލެބޯޓަރީ ސައިންސްއާއި ސްކޫލްސް އޮފް ނަރސިންގ އިން ހިންގާ އެޑްވާންސް ސެޓްފިކެޓް އިން ނަރސިންގަ އާއި އެޑްވާންސް ޑިޕްލޮމާ އިން ނާސިންގެ އިތުރުން ބެޗްލަރ އޮފް ނަރސިންގއެވެ.
މި ކޯސްތަކުން ޖާގަ ދެނީ ކުރިމަތިލާ ދަރިވަރުންގެ ތަޢުލީމީ ފެންވަރަށް ބަލައިގެންނެވެ.
ޤައުމީ ޔުނިވަރސިޓީން ބުނީ އަލަށް ފަށާ ކޯސްތަކަކީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް މުހިންމުވެގެން ފަށާ ކޯސްތަކެއް ކަމަށެވެ.
advertisment
ހިޔާލު