ސަމާލުކަން ދޭންވީ ހެވާއިނުބައި ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ ދަރިވަރެއް ބިނާކުރުމަށް

އަޅުގަނޑުމެން ސަމާލުކަން ދޭންވީ ހެވާއިނުބައި ދެނެގަތުމުގެ ޤާބިލުކަން ލިބިފައިވާ ދަރިވަރެއް ބިނާކުރުމަށް ކަމަށް ޣާޒީ ސްކޫލްގެ ޕްރިންސިޕަލް ބަޝީރާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ޣާޒީ ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕްރިންސިޕަލް ވިދާޅުވީ، ތިމާ އުޅެން ޖެހިފައިވާ މާހައުލަކީ ކޮންމެ ފަދަ މާޙައުލެއް ކަމުގައި ވިޔަސް ހެވާނުބައި ދެނެގަތުމުގެ ޤާބިލުކަން އަމިއްލައަށް ލިބިފައިވާ ދަރިވަރެއް ބިނާކުރުމަށް ބެލެނިވެރިން ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

ބަޝީރާ ވިދާޅުވީ އަލުގަނޑުމެން ވިސްނަންވީ ހަމައެކަނި ދަރިވަރުން ހޯދާ ނަތީޖާއަށް ނޫން ކަމަށާއި އަޚްލާޤު ރަނގަޅު ޒިންމާދާރު ބަޔަކަށް އެ ދަރިން ހަދަން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އިލްމީ މާހިރުން ވިދާޅުވާ ގޮތުގައި އަނގަބަހުން ބުނާ އެތައް ބަހަކަށްވުރެ ޢަމަލުން ދައްކާ ކަންކަމުގެ ބާރު އެތައް ގުނައަކަށް ގަދަވާނެ ކަމަށް ވިދާޅުވިއެވެ.

" ބެލެނިވެރިންގެ ހައިސިއްޔަތުން އަޅުގަނޑުމެން ރަނގަޅު ނަމޫނާ ދެއްކުމާއި ކަންކަމުގައި މަޝްވަރާ ކުރުމުގެ ރިވެތި އުޞޫލު ހިފެހެއްޓުމާއި ދަރިވަރުންގެ ޢުމުރުފުރައާ ގުޅޭ ޢައިލީ ކަންކަން ނިންމުމުގައި ކުދިންގެ ހިއްސާ އޮތުން މުހިންމު ކަމުގައި ދެކެން" ބަޝީރާ ވިދާޅުވިއެވެ.

ޣާޒީ ސްކޫލުގެ ޕްރިންސިޕަލްކަމާ ދާދި ފަހުން ހަވާލުވެ ވަޑައިގެންނެވި ބަޝިރާ ރޭ ވިދާޅުވީ، ސްކޫލްގެ އިދާރީ ހިންގުން ރަނގަޅު ކުރުމާއި އުނގެނުމާއި އުނގަންނައި ދިނުން ހަރުދަނާ ކުރުމުގެ ގޮތުން ކިޔަވައި ދިނުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނާނެ ކަމަށެވެ. އަދި ވިދާޅުވީ ދަރިވަރުން އެކުދިންގެ އުނގެނުމުގައި ޒިންމާ ނެގުމާއި ކިޔެވުމަށް ދޭ ޝަޢުޤުވެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރާނީ އޯލެވެލްގައި ދަރިވަރުން ހޯދާ ނަތީޖާ ރަނގަޅު ކުރުމަކީ ސްކޫލުގެ މުހިންމު ލަނޑިދަނޑިއެއް ކަމުގައި ދެކިގެން. އެއް އަހަރުން އަނެއް އަހަރަށް ނަތީޖާ މަތިކުރުމަށް" ބަޝީރާ ވިދާޅުވިއެވެ.

ގިނަ ދަރިވަރުންނަށް ފުރުޞަތު ލިބޭ ގޮތަށް ސްކޫލުގެ ޙަރަކާތްތައް ފަރުމާކުރުމާއި ސްކޫލުން ހިންގާ ތަފާތު ހަރަކާތްތަކުގައި ދަރިވަރުން ޝާމިލުވެ އުޅުމަށް ފުރުޞަތު ލިބިގެންދާނެ ކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަރިވަރުންނާއި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމާއި ޖިސްމާނީ އަދި އިޖްތިމާއީ ދުޅަހެޔޮކަމަށް ހެޔޮބަދަލު ގެނެސްދޭނެ ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *