ސާނަވީގައި މާއުނގުދޫ ސްކޫލުން ނެރޭ ނަތީޖާގެ އަޞްލަކީ މުދައްރިސުންގެ މެދުގައި އޮތް ވާދަވެރިކަން

ސާނަވީގެ ގަދަ ދިހައެއްގައި ފާއިތުވި އަހަރު އެ ސްކޫލުގެ ފަސް ދަރިވަރުން

ސާނަވީ އިމްތިޙާނުގައި ށ. މާއުނގުދޫ ސްކޫލުން ދައްކަމުން ދަނީ އެ ސްކޫލުގެ ނަތީޖާ ދެމެހެއްޓުމުގެ މަސައްކަތެވެ. އެއް އަހަރުން އަނެއް އަހަރަށް ހޯދަމުންދާ ކުރިއެރުން ތަކެވެ.

2022-2021 އަހަރުގެ ސާނަވީ އިމްތިޙާނުގައި އެ ސްކޫލްގެ ފަސް ދަރިވަރަކު ވަނީ ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައެވެ.

ޤައުމީ ގަދަ ދިހައެއްގައި ހިމެނުނު ދަރިވަރުންނަކީ:
  • މުޙައްމަދު އައްފާން، ހަތަރު ވަނަ
  • ހުސައިން މާއިޝް އިމާދު ފަސް ވަނަ
  • އަލްޙާން އައްބާސް ހަ ވަނަ
  • އައިޝަތު އަމާނީ ނުވަ ވަނަ
  • މަރިޔަމް ޒަހާ ދިހަ ވަނަ

މިއީ އެ ސްކޫލްގެ އެންމެ ގިނަ ދަރިވަރުން ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި ހިމެނުނު ފަހަރެވެ.

2020-2021 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގެ ގަދަ ދިހައެއްގައި ވެސް އެ ސްކޫލްގެ ދެ ދަރިވަރުން ހިމެނުނެވެ. އޭގެ ތެރޭގައި ހިމެނުނު އަލީ ރަވާއު ވަނީ އެކައުންޓިންގ އިން މުޅި ދުނިޔެއިން ދެވަނަ، ރާއްޖެއިން އެއްވަނަ ހޯދާފައެވެ. 2013 ވަނަ އަހަރު އެ ސްކޫލްގެ އަހުމަދު ރިޝްވާން ވަނީ ހިސާބު މާއްދާއިން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައެވެ.

ޕްރިންސިޕަލް އިބްރާހިމް ޞަލާހް ވިދާޅުވީ، އެ ސްކޫލުން މަސައްކަތް ކުރަނީ ނަތީޖާ ދަށްނުވެ، އެއް އަހަރުން އަނެއް އަހަރަށް މަތި ކުރެވޭތޯއެވެ. އަހަރު ފެށުނީއްސުރެ އެކަމަށް ގިނަ މަސައްކަތް ތަކެއް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

" ނަތީޖާ ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުން ރަނގަޅު ނަތީޖާއެއް މި ނެރެވެނީ" ޞަލާޙް ވިދާޅުވިއެވެ.

ޞަލާޙް ވިދާޅުވީ، ކޮންމެ އަހަރެއް ފެށުމާއެކު ދަރިވަރުންނާއި މުދައްރިސުންނާ ބައްދަލުކޮށް، ވަކި ޓާގެޓް ތަކެއް ކަނޑައަޅާ ކަމަށެވެ.

" މުދައްރިސުންނަށް ވަކި ޓާގެޓް ތަކެއް އަޅުގަނޑުމެން ދެން. އެ ޓާގެޓްތަކަށް މުދައްރިސުން މަސައްކަތް ވެސް ކުރައްވާ" ޞަލާޙް ވިދާޅުވިއެވެ.

ޞަލާޙް ވިދާޅުވީ މާއުނގޫދޫ ސްކޫލުން ނެރޭ ނަތީޖާގެ ސިއްރަކީ އެ ސްކޫލުގެ މުދައްރިސުންގެ މެދުގައި އޮތް އެކުވެރިކަމާއި ވާދަވެރިކަމެވެ. އެ ވާދަވެރި ކަމުގެ ސަބަބުން ވަކިވަކި މާއްދާތަކުން ނަތީޖާ ހޯދަން ގިނަ މަސައްކަތްތަކެއް މުދައްރިސުން ކޮށްދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުދައްރިސުންގެ މެދުގައި އޮންނަ އެކުވެރިކަމާއި ވާދަވެރިކަމަކީ ވެސް އެއީ ނަތީޖާ ރަނގަޅު ކުރުމަށް ލިބޭ ބާރެއް. އަލަށް އަންނަ މުދައްރިސުން ވެސް މި އުޞޫލު ދަމަހައްޓާނެ" ޞަލާހް ވިދާޅުވިއެވެ.

މާއުނގޫދޫ ސްކޫލްގައި 240 ދަރިވަރުން މިހާރު ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *