އިޖްތިމާއީ ފޭރާމުގެ އުއިތައް ބަދަހިކޮށް ގާތްކޮށް ބެހެއްޓުމަށް ކިޔަވާކުދިންގެ ކިބައިން ތަޢުލީމީ ވަޒީރު އެދިވަޑައިގެންފިއެވެ.
ވަޒީރުގެ ދެއްކެވި މައިގަނޑު ވާހަކައަށް ދިއުމުގެ ކުރިން ފެއްޓެވީ، ދުނިޔޭގެ ދެ ބާރެއްގެ މެދުގައި ހިނގާ ހަނގުރާމައެއްގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާނެ އަސަރެއްގެ ވާހަކަ ބަޔާން ކުރައްވަމުންނެވެ.
ޔޫރަޕުގެ ބޮޑު ދެ ބާރެއްގެ ދެމެދުގައި ހޫނު ހަނގުރާމެއް ހިނގަމުން ދިއުމާއި އަދި އެހެން ސަބަބުތަކާ ހުރެ، ދުނިޔެ ތަރުތީބުވެފައިވާ ގޮތް މުޅީން ބަދަލުވާނެ ކަމަށް މުފައްކިރުން ޤަބޫލުކުރައްވާ ކަމަށެވެ.
" ތިޔަ ކުދީން މަދަރުސާގެ ދޮރޯށީގެ އޮޅި ގިރާކޮށް ދުނިޔޭގެ ދިރިއުޅުމަށް ފިޔަވަޅު އަޅާއިރު، މިކަމުގެ އަސަރުތައް ނުކޮށް ނުދާނެ. ތިޔަ ކުދީންގެ އެންމެ ބޮޑު މަޞްލަޙަތަކަށް ވާންވާނީ، ތިޔަ ކުދީން ސަމާލުކަން އެންމެ ބޮޑަށް ދޭންވާނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރަން. މި ފަސްގަނޑުގައި އަމަނާއި ޞުލްޙަ އާއި ހިމޭންކަން ޤާއިމްކުރުން" ވަޒީރު ވިދާޅުވިއެވެ.
ދަރިވަރުންނާއި ބެލެނިވެރިންނާއި ތަޢުލީމީ ދާއިރާގެ އިސްފަރާތްތައް ބައިވެރިވި ހަފްލާގައި ދެން ވަޒީރު ވިދާޅުވެދެއްވީ އެކަތިގަނޑެއްގެ ގޮތުގައި، މުޖްތަމައު ދެމެހެއްޓުމުގެ ބޭނުމުގެ މައްޗަށެވެ.
އެކަމަނާ ވިދާޅުވުވީ، މުޖުތަމަޢުގެ ކޮންމެ މީހަކީ، މުޖުތަމަޢުގެ އެހެން ކޮންމެ މީހަކާ ނުފެންނަ އުއިފަށްތަކަކުން ގެތި، ގުޅި، ލާމެހި، ބެނދެވިފައިވާ މީހެއް ކަމަށެވެ.
" މުޖުތަމައުގެ އެކި ފަރުދުންގެ މެދުގައި އޮންނަ އުޅުންތަކާއި ގުޅުންތަކަކީ، އެއްބައެއްގެ ގޮތުގައި، އެކަތިގަނޑެއްގެ ގޮތުގައި، އެ މުޖުތަމަޢު ހިފަހައްޓާ ތެރަސް ނުވަތަ އުއިތައް. މިއުއިފަށްތައް ގާތްވި ވަރަކަށް، ބަދަހިވި ވަރަކަށް، މުޖުތަމަޢުގެ ފޭރާން ގަދަވާނެ"ޑރ. އާއިޝަތު އަލީ ވިދާޅުވިއެވެ.
ދެން އެކަމަނާ މާނަކޮށް ދެއްވީ މުޖުތަމަޢުގެ ފޭރާމެވެ.
" މުޖުތަމަޢުގެ މީހުންގެ މެދުގައި އޮންނަ އާދަތަކާއި އުޅުންތައް ބަހައްޓާ ގޮތްތަކުން، ވަކި ފަރުދުންގެ މެދުގައި އޮންނަ ގާތްކަމާއި އެއްބައިވަންތަކަން. އިޖްތިމާޢީ ފޭރާން ބަދަހިވި ވަރަކަށް، އެ މުޖުތަމަޢުއަށް ވެރިވެފައި އޮންނާނީ ފާގަތިކަމާއި ފަހިކަން"
އެކަމުގެ ސަބަބުން މުސީބާތްތަކުން އަރައިގަތުމުގެ ވިލުންވެރިކަމާއި ކާރިސާތަކުން ރައްކާތެރިވުމުގެ ހިތްވަރާއި ފަންވަރު ލިބިގެންދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، މުޖުތަމަޢުގެ ފޭރާމުގެ އުއިތައް ދުރުވެ، ފިނދި، ކަފާސްވި ވަރަކަށް، މުޖުތަމަޢުއަށް ވެރިވާނީ ނޭންގާނިކަމާއި ނުރައްކާ ތަކެވެ. ގެއްލިގެންދާނީ މުޖުތަމަޢުގެ ހިމޭންކަމާއި އަމަނެވެ. ގިނަ ފަހަރަށް މި އުއިތައް ދުރުވެ، ފޭރާން ދެރަވަނީ، މުޖުތަމަޢުގެ މަދު ބައެއްގެ ސަބަބުން ކެކަމަނާ ވިދާޅުވިއެވެ.
" އެނގިވަޑައިގަންނަވާނޭ ފަދައިން، ފޭރާމެއްގެ އެންމެ އުއި ފަށެއްގެ ސަބަބުން، އެންމެ ރޮއްޖެއް ފޭރާމަކުން ނެގުމުން، މުޅި ފޭރާންގަނޑުގެ އޮމާންކަން ގެއްލި، އަގުވެއްޓި، ބަދަހިކަން ގެއްލިގެންދޭ"
ކޮންމެ ކުއްޖަކީ، އިޖްތިމާޢީ ފޭރާމުގެ އުޔެއްކަން ބަޔާން ކުރައްވައި ވަޒީރު ވިދާޅުވީ، ކޮންމެ ކުއްޖެއްގެ އުޅުމާއި ގުޅުންތައް ބަހައްޓާ ގޮތެއްގެ ސަބަބުން، މުޖުތަމަޢުގެ ފޭރާމުގެ ބަދަހިކަން، އުއިތަކުގެ ގާތްކަން، ނަގާލެވިދާނެ ކަމަށެވެ.
ދެން މިނިސްޓަރު ހަނދާން ކޮށްދެއްވީ ކޮންމެ ކުއްޖެއްގެ ވެސް އެންމެ ބޮޑު ޤައުމީ ވަޖިބެވެ.
" ތިއިން ކޮންމެ ކުއްޖެއްގެ އެންމެ ބޮޑު ޤައުމީ ވާޖިބަކީ، މުޖުތަމަޢުގެ މި ޖާމީ ފޭރާމުގެ އުއިތައް ބަދަހިކޮށް ގާތްކޮށް ބެހެއްޓުން. އެއިން ނެއްޓޭ އުއިފަށްތައް، ވީ އެންމެ އަވަހަށް ފޭރާމުގެ ތެރެއަށް ގަތައި ނުލައިފިނަމަ، މުޅި ފޭރާން ކަފާސްވެ، ފިނދިގެން ދާނެ"
މިނިސްޓަރު ވިދާޅުވީ، އިޖްތިމާޢީ ފޭރާމުން މާނަކުރަނީ، ރަށެއްގައި ދިރިއުޅޭ ހުރިހާ މީހުން ވަކިވަކި މީހުންނާ މެދު އޮންނަ ގާތްކަމާއި ގުޅުންތަކާއި މުޢާމަލާތްތަކުގެ މައްޗަށެވެ. މި ގުޅުންތައް ގިނަވެފައި ފުންވި ވަރަކަށް، އެ ބައެއްގެ އިޖްތިމާޢީ ފޭރާން ގަދަވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
advertisment
ހިޔާލު