ސްކޮލަރޝިޕްގެ ރޭހުގައި އަންހެން ދަރިވަރުން މާ ކުރީގައި

155 ސްކޮލަރޝިޕްގެ ތެރޭގައި 102 އަންހެން ދަރިވަރުން، 53 ފިރިހެން ދަރިވަރުން

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސޮކޮލަރޝިޕާއި،ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު ދަރިވަރުންގެ ތެރޭގައި ގިނައީ އަންހެން ކުދިންނެވެ.

މަތީ ސާނަވީގައި ފަސް މާއްދާއިން އޭ ސްޓަރ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމުހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބުނު 17 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 12 އަންހެން ދަރިވަރުންނާއި ފަސް ފިރިހެން ދަރިވަރުންނެވެ.

ފަސްމާއްދާއިން އޭ އަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދޭ ހައި އެޗީވަރސް ސްކޮލަރޝިޕް ލިބުނު 138 ދަރިވަރުންގެ ތެރޭގައި ހިމެނެނީ 41 ފިރިހެން ކުދިންނާއި 97 ފިރިހެން ކުދިންނެވެ.

ރޭ ބޭއްވި ސްކޮލަރޝިޕް ދިނުމުގެ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޝާލިހު ވެސް އެކަން ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުތައް އަޅަމުން މިދަނީ މިންތީގެ ހަމަހަމަކަމާއެކު. މިރޭ ސްކޮލަރޝިޕް ޙާޞިލުކުރި 155 ދަރިވަރުންގެ ތެރޭގައިވެސް، 102 އަންހެން ކުދިން ހިމެނުމަކީ ވަރަށް ބޮޑު އުފަލެއް. މިއީ، އަންހެން ކުދިންނާއި އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ފަހިކޮށްދޭ ފުރުޞަތުތަކުގެ ބޭނުން ހިފާ މިންވަރު އިތުރުވަމުން އަންނަކަމުގެ ހެއްކެއް"

އެމަނިކުފާނު ވިދާޅުވީ " ތަރައްޤީގެ މަގުގައި މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބަށް ބަލާއިރު، އަންހެން ފިރިހެން ތަފާތުނުކޮށް، ހުރިހާ ދަރިންނަށް، ހުރިހާ ޒުވާނުންނަށް، މަތީ ތަޢުލީމާއި ތަމްރީނު ދިނުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ސަބަބަކީ، ޙަޤީޤީ ތަރައްޤީއަކީ ތަޢުލީމުގެ ކާނާއިން އިންސާނާގެ ސިކުނޑީގައި ހެދި ބޮޑުވެ، މުޅި މުޖުތަމަޢަށް އޭގެ ހިޔާ ފަތުރައިދޭ އެއްޗަކަށް ވާކަން"

ރައީސް ވިދާޅުވީ، ކުދިންނަށް ކިޔަވައިދިނުމަށް، އަދި މަތީ ތަޢުލީމާއި ތަމްރީނު ހޯދައިދިނުމަށް، ސަރުކާރުން މިދޭ އެހީތަކަކީ، ދައުލަތުން ކުރާ ޚަރަދުތަކެއް ނޫން ކަމަށެވެ. އެއީ އޭގެ އަންދާޒާ މުޤާބިލު ވަރަށް ބޮޑު، އަދި ވަރަށް ދުރު ރާސްތާއަކަށް އަމާޒުކޮށް، ދައުލަތުން ޤާއިމުކުރާ ވަރަށް އަގު ބޮޑު އިންވެސްޓްމެންޓެއް ކަމަށެވެ. އަދި އޭގެ ހެޔޮ ނަތީޖާ، އެތައް އަހަރަކަށް ލިބެމުންދާނެ، ވަރަށް އަގުހުރި މަސައްކަތެއް ކަމަށެވެ.

ރާއްޖޭގެ އާބާދީގެ 37 އިންސައްތައަށް ވުރެ މަތީ ނިސްބަތަކީ ޒުވާނުންކަން ބަޔާން ކުރައްވައި އެމަނިކުފާނު ވިދާޅުވީ، އެއީ ޤައުމުގެ ތަރައްޤީގެ ހުންގާނު ހިފަން ތިބި މީހުން ކަމަށާއި އަޅުގަނޑުމެން ތަޢުލީމީ ދާއިރާއިން މި ފަހިކޮށްދޭ ފުރުޞަތުތަކުގެ އަމާޒަކީ، ޤައުމަށް ބޭނުންތެރި އަދި ޤައުމީ ޒިންމާތައް އުފުލަން ތައްޔާރަށް ތިބި ޒުވާނުންތަކެއް އުފެއްދުން ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *