ކިޔެވުން ފެށުމަށްފަހު، 18 މަސްދުވަހުގެ ތެރޭގައި ހިލޭ ޑިގްރީއަށް ހުށައެޅޭ ގޮތަށް އުޞޫލަށް ބަދަލެއް

ކިޔެވުން ފެށުމަށްފަހު 18 މަސްދުވަހުގެ ތެރޭގައި ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔަވަން ހުށައެޅޭ ގޮތަށް " ފުރަތަމަ ޑިގްރީ ސްކީމުގެ އުޞޫލަށް ބަދަލު ގެނެސްފިއެވެ.

އެ ސްކީމުގެ އުޞޫލަށް ގެނައި ބަދަލު ތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕްރޮގްރާމް ޑިފައި ކުރެވޭނެ މުއްދަތު 12 މަސްދުވަހަށް ކުރުކޮށްލުމާއި ޕްރޮގްރާމް އަދި މަރުކަޒު ބަދަލުކުރެވޭނެ ހާލަތްތަކެއް ކަނޑައެޅުމާއި ޕްރޮގްރާމް ނިންމުމަށް ދަރިވަރުންނަށް ބާރު އެޅުމުގެ ގޮތުން ޕްރޮގްރާމެއް ނިންމަން މުއްދަތެއް ކަނޑައެޅުމެވެ. ދަރިވަރަށް ސަރުކާރުން ކުރި ޚަރަދު ދައްކަންޖެހޭ ހާލަތުގައި ނުދައްކާނަމަ އަޅާނެ ފިޔަވަޅުތައް ބަޔާން ކުރުމާއި ސަރުކާރުން ކަނޑައަޅާގައިވާ ރޭޓަށް ބަދަލު ގެނެސްފިނަމަ އަމަލު ކުރާނެ ގޮތެކެވެ.

މި އުޞޫލުގައި ބުނެފައިވާ ގޮތުން ކިޔެވުން ފެށުމަށްފަހު ދިގުވެގެން 18 މަސްދުވަސް ފާއިތުވުމަށްފަހު ޕްރޮގްރާމުގައި ބައިވެރިވާން ހުށަހަޅާނަމަ ފައިސާ ދޫކުރާނީ ހުށަހެޅި ދުވަހުން ފެށިގެން ބާކީ އޮންނަ ބައިގައި ފެށޭ ސެމިސްޓަރ ރަކަށެވެ.

ފައިސާ ލިބިގެން ކިޔަވަމުންދާ ދަރިވަރަކު ޕްރޮގްރާމް ބަދަލުކުރެވޭނީ އެންމެ ފަހަރަކުއެވެ. އެގޮތަށް ބަދަލު ކުރެވޭނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ލިބިގެންނެވެ. އެގޮތުން އެކަން ކުރެވޭނީ ދޫކޮށްލާ ޕްރޮގްރާމުގައި ފުރިހަމަކޮށްފައިވާ ހުރިހާ މޮޑިއުލަކަށް އެޑްވާންސް ސްޓޭންޑިންގ ލިބިފައި ވުމާއި، އެ ދަރިވަރަކަށް ޚަރަދު ކޮށްފައިވާ ފައިސާ ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށް ދައްކާފައިވާނަމައެވެ.

މި އުޞޫލުގައިވާ ގޮތުން ދަރިވަރަކަށް ޕްރޮގްރާމް ޑިފަރ ކުރެވޭނީ، ކިޔަވާ މަރުކަޒަކުން ޑިފަރ ކުރާކަން ހުއްދަކުރާ ކަމުގެ ލިޔުމެއް ހުށަހަޅައިގެންނެވެ. އެކި ފަހަރު މަތިން ވެސް ދަރިވަރަކަށް ޑިފަރ ކުރެވޭނެ އެންމެ ދިގު މުއްދަތަކީ 12 މަސްދުވަހެވެ. އެއަށްވުރެ ދިގު ވެއްޖެނަމަ ބަލާނީ އެ ދަރިވަރަކު ޕްރޮގްރާމް ހުއްޓާލީ ކަމަށެވެ.

ދަރިވަރަކު ސަރުކާރަށް ފައިސާ ދައްކާ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، މަޤްބޫލު އުޒުރެއް ނެތި ޕްރޮގްރާމް ހުއްޓާލުމާއި، ދަރިވަރަލު ފެއިލްވެއްޖެ ކަމަށް މަރުކަޒުން ކަނޑައެޅުމާއި، ފުރަތަމަ ޑިގްރިއަށްވުރެ ދަށް ސަނަދަކާއެކު ދަރިވަރު ޕްރޮގްރާމުން ވަކިވުމާއި، މިނިސްޓްރީއަށް ހުށަހަޅަންޖެހޭ މައުލޫމާތު ސިއްރުކުރުމާއި ސައްޙަ މައުލޫމާތު ފޯރުކޮށް ނުދިނުމެވެ.

ސަރުކާރުން ކުރި ޚަރަދު ދައްކަންޖެހޭ ހާލަތުގައި ނުދައްކާނަމަ އަޅާނެ ފިޔަވަޅެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ފައިސާ ދައްކާ ނިމެންދެން ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރާ މަތީ މަތީ ތަޢުލީމުގެ އެއްވެސް ފުރުޞަތެއް ނުދިނުމާއި މައްސަލަ ޝަރީތަށް ފޮނުވުމެވެ.

ކޯސް ހުއްޓާލައިފިނަމަ ފައިސާ ދައްކަންޖެހޭ އަދަދާއި މުއްދަތު:

  • 25،000 ރުފިޔާއަށް ވުރެ މަދު މިންވަރެއް ނަމަ، 24 މަސްދުވަސް
  • 25،000-50،000 ރުފިޔާއާ ދޭތެރޭ އަގެއް ނަމަ، 30 މަސް ދުވަސް
  • 50،000-99،000 ރުފިޔާއާ ދޭތެރޭ އަގެއް ނަމަ، 42 މަސް ދުވަސް
  • 100،000-199،000 ރުފިޔާއާ ދޭތެރޭ އަގެއް ނަމަ، 48 މަސް ދުވަސް
  • 200،000-299،000 ރުފިޔާއާ ދޭތެރޭ އަގެއް ނަމަ، 84 މަސް ދުވަސް
  • 300،000-400،000 ރުފިޔާއާ ދޭތެރޭ އަގެއް ނަމަ، 120 މަސް ދުވަސް
  • 400،000-500،000 ރުފިޔާއާ ދޭތެރޭ އަގެއް ނަމަ، 144 މަސް ދުވަސް
  • 500،000 ރުފިޔާއާ ވުރެ ގިނަ ނަމަ، 180 މަސް ދުވަސް

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *