ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ 77 ދަރިވަރުން މެލޭޝިއާއަށް ދާން ހަމަޖައްސައި، އޭގެ ތެރެއިން 40 ދަރިވަރުން އިއްޔެ އެ ޤައުމަށް ގޮސްފިއެވެ. މި ދަރިވަރުން މެލޭޝިއާއަށް ދަނީ ދެ ގުރޫޕެއްގެ ގޮތުގައެވެ. އިއްޔެ ދިޔައީ ބިޒްނަސް ކިޔަވާ 40 ދަރިވަރުންނެވެ. ސައިންސް ސްޓްރީމްގައި ކިޔަވާ 37 ދަރިވަރުން މެލޭޝިއާއަށް ދާނީ އަންނަ އާދީއްތަ ދުވަހުއެވެ.
ބިޒްނަސް ކިޔަވާ ދަރިވަރުން، މެލޭޝިއާގެ ބައެއް ފެކްޓަރީ ތަކަށާއި ބޭންކް އަދި ޔުނިވަރސިޓީ ފަދަ ތަންތަނަށް ޒިޔާރަތް ކުރާނެއެވެ. އެއިން ކޮންމެ ތަނެއްގައި އެ ތަނެއްގައި ހިނގަމުންދާ އޮޕަރޭޝަންތައް ބަލައި ހޯދުމުގެ އިތުރަށް، ދަރިވަރުންނަށް ޚާއްޞަކޮށް އިންތިޒާމް ކޮށްފައިވާ ޙަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް ވިލާ ހައި ސްކޫލުން ބުނެއެވެ.
މި ދަތުރުތަކަށް ވިލާ ހައި ސްކޫލުން ފާހަގަކުރަނީ " ހަރިންމައިން ބޭރުން އުނގެނުން" ގެ ގޮތުގައެވެ.
" އުގަންނައިދީ ތަރުބިއްޔަތު ކުރުމުގެ ފަންނުގައި އަޅުގަނޑުމެންނަށް ލިބިފައިވާ ތަޖުރިބާއިން އެނގެނީ ވިސްނަން ދަންނަ ކިޔަވަން ދަންނަ އުފެއްދުންތެރި ޝަހުސިއްޔަތެއް އުފެއްދުމަށް، ކުލާސްރޫމުގައި ދެވޭ ޢިލްމީ އޮއްޓަރުގެ މިންވަރާއި ތަޖުރިބާގެ އިތުރަށް ސްކޫލުގެ ހަރިއްމައިން ބޭރުން އުނގެނި ތަޖުރިބާ ކުރުމުގެ ފުރުޞަތު އިންތިހާއަށް ބޭނުންތެރި ކަމުގައި" ޑެޕިއުޓީ ޕްރިންސިޕަލް އިސްމާއިލް ނަޝީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލަކީ ދިވެހި މަދަރުސީ ނިޒާމުގައި ހުއްޓުމެއްނެތި އިންތިޒާމުވެ، މި ބާވަތުގެ ފުރުޞަތު ދަރިވަރުންނަށް ތަނަވަސްކޮށްދޭ ހަމަ އެކަނި ސްކޫލް ކަމަށާއި، އެ ފުރުޞަތު ރާއްޖެއާއި ރާއްޖެއިން ބޭރުން ދަރިވަރުންނަށް ފަހިކޮށްދޭ ކަމަށެވެ. އޭގެ ފައިދާ ދަރިވަރުންނަށް ވަރަށް ބޮޑަށް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
ހަރިންމައިން ބޭރުން އުނގެނުން" ޓީޗިންގ ސްޓްރެޓެޖީ އެއްގެ ގޮތުގައި ކަނޑައަޅައި ތަންފީޒު ކުރަމުން ގެންދާތާ މިހާރު ދިހަ އަހަރުވެފައިވާ ކަމަށް ވިލާ ހައި ސްކޫލުން ބުނެއެވެ.
ހުސްވި މާރޗް މަހުގެ ތެރޭގައި ހަރިންމައިން ބޭރުން އުނގެނުމުގެ ދަތުރެއް ދ. އަތޮޅުގެ ހުރިހާ ރަށްތަކަށާއި ފ. ނިލަންދޫއަށް ވަނީ ކޮށްފައެވެ.
advertisment
ހިޔާލު