ށ. މިލަންދޫ މަސްޖިދުލް އިމާމްގެ އިމާމް ޗުއްޓީއަށް ދާންޖެހުމުން ވަގުތީ ގޮތުން އެ މިސްކިތާ ހާވާލުވެ ނަމާދުކުރީ އެރަށު ސްކޫލްގެ ގުރޭޑް 7ގެ ދަރިވަރު އަޙްމަދު އަފްރަސް ޙަލީމެވެ.
އިމާމް ޗުއްޓީ ނެގީ ފަސް ދުވަހަށެވެ. އެ ދުވަސްތަކުގައި ހުރިހާ ނަމާދެއް ޖަމާޢަތުގައި ކުރީ އަފްރަސްއެވެ.
މިލަންދޫ ސްކޫލުން ވަނީ އަފްރަސް އެ ޒިންމާއަދާކޮށްފައި ވާތީ އޭނާއަށް ޝުކުރުއަދާކޮށްފައެވެ.
މިއީ އެރަށު މިސްކިތެއްގެ އިމާމް ކަމުގެ ޒިންމާ ދަރިވަރަކު ނެގި ފުރަތަމަ ފަހަރެވެ.
އަފްރަސްގެ ބައްޕަ ދަރިވަރު ނޫހަށް ބުނީ، ވަގުތީ އިމާމެއްގެ ޒިންމާ އޭނާގެ ދަރިފުޅު ނެގީ އިމާމް ޗުއްޓީއަށް ދާތީ، އިމާމެއްގެ ޒިންމާ ނަގާނެ މީހަކު ނެތުމުންނެވެ.
އޭނާ ބުނީ، ޤުރުއާން ހިތުދަސްކުރަމުން އަންނަ އަފްރަސް ފުރުޞަތު ލިބޭ ވަރަކުން ޖަމާއަތުގައި ނަމާދު ކުރާ ކަމަށާއި، މިސްކިތާ ހަވާލުވެގެން ނަމާދު ކުރި މިއީ ފުރަތަމަ ފަހަރު ކަމަށެވެ.
" ކުޑައިރުއްސުރެ އެކަމުގެ ތެރޭގައި އުޅެނީ. އަދި އެމަގަށް ހާނުވަމުން ވެސް އަންނަނީ" އަފްރަސްގެ ބައްޕަ ބުންޏެވެ.
ޗުއްޓީއަށްފަހު މަސްޖިދުލް އިމާމްގެ އިމާމް މިސްކިތާ ހަވާލުވީ ހުކުރު ދުވަހުގެ ރޭ އިޝާނަމާދަށްފަހުއެވެ.
advertisment
ހިޔާލު