ދިރިއުޅުމުގެ ކޮންމެ ކަމެއް ފައިސާއިން މިނައިގެން ނުވާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރި ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
އެމްއެންޔޫގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަ ދައްކަވަމުން ހަޔަރ އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ، އަޅުގަނޑުމެންނަށް ލިބޭ ތަޖުރިބާތަކުގެ އަލީގައި ބޭނުންވާ ކަންތައްތަކާއި ބޭނުންވާ އެއްޗެހި ވެސް ވަރަށް ގިނަ ކަމަށެވެ. ބައެއް ފަހަރު ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތަން އަންނަ ކަމަށާއި، އެފަދަ ހާލަތްތަކުގައި ވެސް ދިރިއުޅުމުގެ ކޮންމެ ކަމެއް ފައިސާއިން މިނައިގެން ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
" އަބަދުވެސް ޢާއިލީ ގުޅުމަށް އިސްކަން ދޭންވާނެ. މުޖްތަމަޢުގެ ހެވާއި ލާބައަށް ބަލަންވާނެ. އަވައްޓެރިންނާ އަޅާލައި އެމީހުންނަށް ހެޔޮއެދޭ ބަޔަކަށް ވާންވާނެ. ތިމާއަށްވުރެ އެނެކާއަށް ހެޔޮއެދޭ މީހަކަށް ވެވޭތޯ އަބަދުވެސް ބަލަންވާނެ" ރޭ ދަސްވެނިވި ދަރިވަރުންނަށް ދެއްވި ނަޞޭހަތެއްގެ ގޮތުގައި ވިދާޅުވިއެވެ.

ޑރ. އިބްރާހިމް ހަސަން ވިދާޅުވި ގޮތުގައި، ޔުނިވަރސިޓީ ތަޢުލީމަކީ ދަރިވަރުންގެ ޙަޔާތުގައި އިތުރު ހަރުފަތަކަށް ގިރާކުރަން ލިބޭ ވަރަށް މިހިންމު ފުރުޞަތެއް ކަމަށާއި ކުރިމަގު އުޖާލާކުރަން ލިބޭ ވަރަށް ރަނގަޅު ފުރުޞަތެއްމެއެވެ. އަދި އާމްދަނީ އިތުރުކޮށް ފަޚުރުވެރި ޢާޢިލާއެއް ބިނާކޮށް އުފާވެރި ދިރިއުޅުމެއް ބައްޓަން ކުރަން ވެސް ލިބޭ ރަނުގެ ފުރުޞަތެއް ކަމަށް ވިދާޅުވިއެވެ.
" އެ ފުރުޞަތުގެ ބޭނުން އެންމެ ފުރިހަމައަށް ބޭނުން ކުރެވޭނީ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމް ޙާޞިލު ކުރިއިރު ކަންކޮށްފައިވާ ގޮތަކުން. އަމިއްލައަށް ކަންކަން އުނގެނުމަށް މީހާ ފަރިތަވެފައިވާ މިންވަރަކުން. އެކުގައި މަސައްކަތް ކުރަން ދަސްވެ އާދަވެފައިވާ މިންވަރަކުން. މީހުންނާއި ގުޅިގެން އެކުގައި ވަކި ލަނޑުދަނޑިއެއް ހާޞިލްކުރަން މަސައްކަތް ކުރުމުގެ ޤާބިލުކަން ހޯދިފައިވާ މިންވަރަކުން"
ރޭ ދަސްވެނިވި ތިން ފެކަލްޓީއެއްގެ ދަރިވަރުންނަށް މިނިސްޓަރު ވިދާޅުވީ، މެނޭޖްމަންޓް އެންޑް އެކައުންޓިންގއާއި ހޮސްޕިޓަލިޓީ އާއި ޓޫރިޒަމައާއި އިންޖިނިއަރިންގ ދާއިރާގައި އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ސަބަބުން ވަރަށް ގިނަ އަދަދެއްގެ ބޭރުފައިސާ ވަރަށް ފަސޭހަކަމާއެކު ބޭރުވެގެންދާކަން ފާހަގަ ކުރައްވައި މިނިސްޓަރު ވިދާޅުވީ، ޤައުމީ ޔުނިވަރސިޓީން ދަސްވެނިވެގެން ނުކުންނައިރު އެ ޔުނިވަރސިޓީން ވެސް އަދި ސަރުކާރުން ވެސް އެ ދަރިވަރުންނާ މެދު ވަރަށް ފޮނި އުއްމީދުތަކެއް ކުރާނެ ކަމަށެވެ.
" ޤައުމު ބިނާކޮށް އާރާސްތު ކުރުމަށް ތިޔަ ދަސްވެނީންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަބަދުވެސް ހަނދާން ކުރަން އެބަޖެހޭ" މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީފާގެ މާހައުލަށް ނުކުންނައިރުގައި މަސައްކަތުގެ އަޚުލާގު ހިފެހެއްޓުމުގެ މުހިންމުކަން އަމިއްލައަށް އިހުސާސް ވާންޖެހޭކަން ބަޔާން ކުރައްވައި ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އަލަށް ވަޒީފާއަށް ނުކުންނަ މީހުންގެ ފަރާތުން މަސައްކަތުގެ އަޚުލާގެއް ނުފެންނަ ވާހަކަ މިހާރަކަށް އައިސް ވަރަށް ގިނައިން އަޑުއިވޭ ކަމަށެވެ.

" ވާހަކަ ދައްކަންވާ ގޮތް ރަނގަޅަށް ނޭނގޭ ވާހަކަ. މުއާމަލާތް ކުރާނެ ގޮތް ރަނގަޅަށް ނޭނގޭ ވާހަކަ. ވާހަކަ ދެއްކުމުގައި ހަށިގަނޑު ގެންގުޅޭންޖެހޭ ގޮތާއި އަޑު ގެޅެންޖެހޭ ގޮތް ނޭނގޭ ކަމުގެ ޝަކުވާ އަބަދުމެ އާދޭ" ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ.
" ޤައުމީ ޔުނިވަރސިޓިން ނުކުމެގެންދާއިރު މަސައްކަތުގެ އަޚުލާގު ތިމަންނަގެ ކިބައިގައި ހުރިކަން އެހެން މީހުންނަށް ސާބިތުކޮށް ދިނުން. ތިމަންނައަކީ ނަމޫނާ މުއައްޒަފެއްގެ ގޮތުގައި އެހެން މީހުންނަށް ފެންނަގޮތް ހެދުން. އެހެން މީހުންގެ ދުލުން ތިމަންނައަކީ މަސައްކަތް އެނގޭ އެ ދާއިރާގެ ތަޢުލީމް ހުރި މީހެއްކަން އެހެން މީހުން ލައްވައި ބުނުވުން ޢަޒުމެއް ކަމަށް ހަދަންޖެހޭ"
މިނިސްޓަރު ވިދާޅުވީ، އަޅުގަނޑުމެން ކޮންމެ މީހަކު ވެސް ތަޢުލީމް ޙާޞިލްކޮށްގެން ނުކުންނައިރު އެ ލިބޭ ތަޢުލީމާ ދިރިއުޅުމުގައި ލިބިފައިވާ ތަޖުރިބާތަކަށް ބަލާއިރު އަޅުގަނޑުމެން ގަބޫލުކުރާ ހަމަތަކަކާ ހިފަހައްޓާ އުޞޫލު ތަކެއް ހުންނަ ކަމަށެވެ. އާންމު ގޮތެއްގައި ތަޢުލީމީ މަރުކަޒު ތަކުން ނުކުންނައިރު ވަރަށް ރަނގަޅު އުޞޫލުތަކާއި ހަމަތަކެއް ހިފެހެއްޓިފައި ހުންނަ ކަމަށާއި ވަޒީފާގެ މައިދާނަށް ނުކުމެ ފަޒީފާ އަދާކުރާއިރުގައި ވެސް އެ އުޞޫލުތަކާއި ހަމަތަކުގައި ހިފެހެއްޓުމަށް ދަސްވެނޫންނަށް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
ދެ ދުވަހަށް ދިގުދެމިގެން ދިޔަ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި 900 އެއްހާ ދަރިވަރުން ދަސްވެނިވެ ސެޓްފިކެޓް ޙާޞިލްކުރިއެވެ.
advertisment
ހިޔާލު