މަސައްކަތްތެރިންގެ އަގުވަޒަން ކުރަން ތިނަދޫ ސްކޫލުގެ ދަރިވަރުން އެރަށުގެ މުއައްސަސާތަކަށް ޒިޔާރަތްކޮށް އެ ތަންތަނުން ކުރަމުންދާ މަސައްކަތް ގާތުން ބަލައި ތަޖުރިބާ ކޮށްފިއެވެ.
ތިނަދޫ ސްކޫލްގެ ކީ ސްޓޭޖް ދޭއްގައި ހިމެނޭ ގުރޭޑް ހަތަރަކާއި ފަހެއްގެ ދަރިވަރުން ހިމެނޭހެން 175 ދަރިވަރުން ވަނީ ތިނަދޫގައި ހުރި 18 މުއައްސަސާއަކަށް މިއަދު ހެނދުނު ޒިޔާރާތްކޮށްފައެވެ. ކޮންމެ މުއައްސަސާއަކަށް އެ ދަރިވަރުންގެ ފަރާތުން ވަނީ މަސައްކަތްތެރިންގެ އަގު ވަޒަން ކުރުމުގެ ގޮތުން ގަހެއް ހަދިޔާކޮށްފައެވެ.

ތިނަދޫ ސްކޫލްގެ ޕްރިންސިޕަލް ޝަޒިއްޔާ އަޙްމަދު ދަރިވަރު ނޫހަށް ވިދާޅުވީ، މަސައްކަތްތެރިންގެ ބުރަ މަސައްކަތް ގާތުން ދެކި، އެ މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ދަރިވަރުންނަށް ފެނިގެން ދިޔަ ކަމަށާއި ދަރިވަރުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށެވެ.

" މުއައްސަސާތަކުން ވެސް ތިބީ ދަރިވަރުންނަށް މަރުޙަބާ ކިޔަން ތައްޔާރުވެގެން. އަދި ދަރިވަރުންނަށް ވެސް މުއައްޒަފުންގެ ފަރާތުން ތަފާތު ހަދިޔާ ދިން" ޝަޒިއްޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މުއައްސަސާތަކަށް ކުރި ޒިޔާރަތަށްފަހު ދަރިވަރުންގެ ތަޖުރިބާތަކާއި ފެނުނު ކަންތައްތަކާ ބެހޭ ގޮތުން ކުލާހުގައި ދަރިވަރުން ވާހަކަ ދެއްކި ކަމަށެވެ.

" ލިބުނު ހަދިޔާތަކާއި އެކި ތަޖުރިބާތައް ދަރިވަރުން ކުލާހުގައި ހިއްސާކުރީ. އެއީ ދަރިވަރުންގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް. " ޕްރިންސިޕަލް ވިދާޅުވިއެވެ.

ޝަޒިއްޔާ ވިދާޅުވީ ފޮތުން އެކަނި ކިޔަވައި ދިނުގެ ބަދަލުގައި މައިދާނީ ދަތުރުތަކުން ދަރިވަރުންނަށް ގިނަ ކަންތައްތައް ދަސްކޮށްދޭ ފަސޭހަވާނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް އެފަދަ ހަރަކާތައް ކުރިއަށް ގެންދާނެ ކަމަށެވެ.
ދަރިވަރުން ކުރި ޒިޔާރަތުގައި މުއައްސަސާތަކުން ދެއްވި އެއްބާރުލުމަށް ތިނަދޫ ސްކޫލުން ވަނީ އެ ހުރިހާ މުއައްސަސަތަކަށް ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު