ފުނަދޫ ސްކޫލަށް އެރަށު ކައުންސިލުން ހަދިޔާކުރަނީ މިލިއަނެއްހާ ރުފިޔާގެ ޓާފްދަނޑެއް

ށ. ފުނަދޫ ސްކޫލަށް އެރަށު ކައުންސިލުން ހަދިޔާކުރަނީ މިލިއަނެއްހާ ރުފިޔާގެ ޓާފްދަނޑެކެވެ. މިއީ އާބާދީއާ ބޮޑު އެރަށުގެ ސްކޫލްގެ ދަރިވަރުންނަށް ދަތިވާ އެންމެ ބޮޑު މައްސަލައަށް ރަށު ކައުންސިލުން ގެނެސްދޭ ބޮޑު ހައްލެކެވެ.

ފުނަދޫ ކައުންސިލްގެ ރައީސް ރައީސް އަހުމަދު އިބްރާޙިމް ފުޅު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، އެ ކައުންސިލުން އެރަށު ސްކޫލްގެ ގޯތިތެރޭގައި އަޅާ ޓާފް ދަނޑުގެ މަސައްކަތުގެ 85 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި މި މަހުގެ މެދުތެރޭ ހުރިހާ މަސައްކަތެއް ނިމި ސްކޫލާ ހަވާލުކުރެވޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ 700 އެއްހާ ދަރިވަރުން ކިޔަވާ ސްކޫލުގައި އަޅާ ޓާފް ދަނޑު ގިނަ ހަރަކާތްތަކަށް ބޭނުން ކުރެވޭނެ ކަމަށާއި އެއީ ދަރިވަރުންނަށް ހިންގާ ގިނަ ހަރަކާތްތައް ހިންގަން ކުރެވޭ ބޮޑު އިންވެސްޓްމަންޓެއް ކަމަށެވެ.

" ވަރަށް ދަތީގައި ގިނަ ހަރަކާތްތަކެއް ރަށު ސްކޫލުން ހިންގަމުން އައީ. އެ ހުރިހާ ކަމެއްގެ ޙައްލު ޓާފް ދަނޑު ނިމުނީމާ ލިބޭނެ" އަހުމަދު އިބްރާހިމް ބިދާޅުވިއެވެ.

މިލިއަނެއްހާ ރުފިޔާ ޚަރަދުކޮށްގެން ހަދާ ދަނޑުގައި މިހާރު ކުރަން ހުރީ ދަނޑު ކުރެހުމުގެ މަސައްކަތާއި ވެލި އެޅުމުގެ މަސައްކަތެވެ.

ޓާފް ދަނޑު ތަރައްޤީ ކުރަނީ ރޭގަނޑު ވެސް ބޭނުން ކުރެވޭ ގޮތަށް ލައިޓްތައް ވެސް ހަރުކޮށްގެންނެވެ.

ފުނަދޫ ކައުންސިލުން ބުނީ ކޮންމެ އަހަރަކުވެސް އެ ރަށުގެ ތަޢުލީމަށް ޚާއްޞަކޮށްގެން ބަޖެޓެއް ކަނޑައަޅާ ކަމަށާއި ދަރިވަރުންނާއި މުދައްރިސުންނަށް ބޭނުންވާ ގިނަ ކަންތައްތައް އެ ބަޖެޓުން ކުރަމުން އަންނަ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *