ވ. ފެލިދޫ ކައުންސިލުގެ އެހީތެރިކަމާއެކު ވ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރީން އެންޑް ގުރެއިން ކުލަބުގެ ފަރާތުން އެރަށު ގޭގެއަށް ފޮތިކޮތަޅު ހަދިޔާކޮށްފިއެވެ.
އެއީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުން ކުރުން މަދުކުރުމަށް ވ. އަތޮޅު ތަޢުލީމީ މަރުކަޒުން ކުރިއަށް ގެންދާ ޚާއްޞަ ހަރަކާތެކެވެ.
ކޮންމެ ގެއަކަށް ވެސް ފޮތިކޮތަޅެއް ހަދިޔާކުރާއިރު، އެއްގެއެއްގައި އެއް އާއިލާއަށްވުރެ ގިނަ އާއިލާ ދިރިއުޅޭ ކަމަށް ވާނަމަ އެ އާއިލާތަކަށް ވެސް ކޮތަޅު ހަވާލުކޮށްފައިވާ ކަމަށް ވ. އަތޮޅު ތަޢުލީމީ މަރުކަޒުން ބުނެއެވެ.
އެ މަރުކަޒުން ބުނީ މިތާނަށް 102 ގެއަކަށް ފޮތި ކޮތަޅު ފޯރުކޮށްދީފައިވާނެ ކަމަށާއި، އުއްމީދަކީ އެ ކޮތަޅުގެ ބޭނުން ގެ ބިސީތަކުން ހިފުމެވެ.
" ޕްލާސްޓިކް އެއްކޮށް ހުއްޓައެއް ނުލެވޭނެ. ކުލަބުގެ ބޭނުމަކީ ވީހާވެސް މަދުކުރުން. ބޭނުން ކުރަންޖެހޭ މަދު ހާލަތެއްގައި ނޫނީ ޕްލާސްޓިކް ކޮތަޅުވެސް ބޭނުން ނުކުރުން" ޕްރިންސިޕަލް އަހުމަދު މުޖްތަބާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދަރިވަރުންގެ އިސްނެގުމާއެކު ދަރިވަރުންގެ އެ މަސައްކަތުން ބޮޑު ބަދަލެއް އެ ރަށަށް އަންނާނެ ކަމަށެވެ.
" ދަރިވަރުން އިސްނެގީމާ ބެލެނިވެރިންނާއި މުޅިރަށް ވެސް އެކަމުގައި ބައިވެރިވުނީ"
މުޖްތަބާ ވިދާޅުވީ ފޮތިކޮތަޅުތައް ހަދިޔާ ކުރުމުގެ މަސައްކަތަކީ ޕާލޭގެ އެއަރ ޗެލެންޖްގައި ހިމަނައިގެން އެ ސްކޫލުން ކުރިއަށް ގެންދާ ހަރަކާތެކެވެ. އެ މަސައްކަތުގައި ރަށުގެ ކައުންސިލުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށް އެ މަރުކަޒުން ފާހަގަކުރެއެވެ.
ވ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގުރޭޑް 10އާ ހަމައަށް 125 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު