ދަރިވަރުންގެ އިޙްޔާ ފޯރަމުގެ އެއްވަނަ ސީއެޗްއެސްއީއަށް

މާލޭ ސިޓީގައި ބޭއްވި ދަރިވަރުންގެ އިޙްޔާ ފޯރަމުގައި އެންމެ މޮޅު ހުށަހެޅުމެއް ހުށަހެޅި ސްކޫލަކަށް ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން (ސީއެޗްއެސްއީ) ހޮވައިފިއެވެ.

ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް ދިރުވުމުގެ ގޮތުން މާލޭގެ ސްކޫލްތަކަށް ހުޅުވާލައިގެން މިފަހަރު އަލަށް ބޭއްވި ދަރިވަރުންގެ އިޙްޔާ ފޯރަމުގައި ހަތަރު ސްކޫލަކުން ބައިވެރިވިއެވެ. މަތީ ސާނަވީ ދަރިވަރުންނަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވީ ސީއެޗްއެސްއީގެ އިތުރުން އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލާއި އަރަބިއްޔާ ސްކޫލްގެ އިތުރުން ވިލާ ހައި އިންޓަރނޭޝަނޭޝަނަލް ސްކޫލުންނެވެ.

އިޙްޔާ ފޯރަމްގައި، ސީއެޗްއެސްއީއިން ހުށަހަޅައި ދިނީ އިސްލާމީ އިޖްތިމާއީ ނިޒާމާއި އިސްލާމީ އަޙްލާޤުގެ މައްޗަށެވެ.

މުޖްތަމަޢުގައި ހުރި މައްސަލަތައް ހުށަހަޅައިދީ، ދީނީ ގޮތުން އެކަންކަން އަންގާފައިވާ ގޮތާއި އެކަންކަން އެގޮތަށް ނުކުރުމުން ނުކުންނާނެ ނަތީޖާ ސީއެޗްއެސްއީއިން ވަނީ ގެނެސްދީފައެވެ.

އެ ކަންތައްތައް އެ ސްކޫލްގެ ދަރިވަރުން ގެނެސްދިނީ "މުޖާހިދާއި ޒުލައިހާގެ އުފާވެރި ޢައިލާ" އާއި " އާދަނުގެ ޢާއިލާ"ގެ ތަފާތު ދައްކައިދިން ސްޓޭޖްމަތީ ޑްރާމާއަކުންނެވެ.

މިއީ މިފަދަ ފޯރަމްތަކެއް އިސްލާމިކް މިނިސްޓްރީން މާލޭގެ ސިޓީގައި ބޭއްވި ފުރަތަމަ ފަހަރެވެ.

އިސްލާމިކް މިނިސްޓަރު ވިދާޅުވީ ދަރިވަރުންގެ ފޯރަމަށް ސްކޫލްތަކުން ބޮޑު ތަރުޙީބެއް ލިބުނު ކަމަށާއި އަންނަ އަހަރުވެސް ދަރިވަރުންގެ ފޯރަމް ކުރިއަށް ގެންދާނެ ކަމަށެވެ.

އިޙްޔާ ފޯރަމްތަކުގައި ބައިވެރިވި މީހުންގެ މެދުގައި ޤުރުއަތުލައިގެން އެއްވަނަ ދެވަނަ އަދި ތިން ވަނައަށް ހޮވުނު ފަރާތްތަކަށް  ބޮޑު އިނާމުގެ ގޮތުގައި ޢުމްރާ ދަތުރެއް ވަނީ ދީފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *