އެސްއެސްސީއާއި އޯލެވެލް އިމްތިޙާން މިފަހަރު ބައެއް ބަދަލުތަކާއެކު

އެސްއެސްސީ އިމްތިޙާނާއި ކޭމްބްރިޖް އޯލެވެލް އިމްތިޙާނަށް އެންމެ ފަހުގެ ތައްޔާރީތައް ދަރިވަރުން ވަމުން އަންނައިރު، އެ އިމްތިޙާނަށް ބައެއް ބަދަލުތަކެއް އައިސްފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ)ން ބުނެފިއެވެ.

ދަރިވަރު ނޫހަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ޑީޕީއީގެ މަސައްކަތްތަކާ ހަވާލުވެ ހުންނެވި، އެޑިޔުކޭޝަން މިނިސްޓަރުގެ ނައިބް މުޙައްމަދު އިޙްސާން ވިދާޅުވީ އެހެން އަހަރުތަކާ ޚިލާފަށް މިފަހަރު ކުރިއަށް ގެންދާ އިމްތިޙާނަށް މައިގަނޑު ދެ ބަދަލެއް ގެނެސްފައިވާ ކަމަށެވެ.

ފުރަތަމަ ބަދަލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އެސްއެސްސީ އިމްތިޙާނުގެ އިސްލާމް މާއްދާގެ ކަރުދާސް އެކަކުން މި އަހަރުގެ އިމްތިޙާން ފެށުމެވެ. މީގެ ކުރިން އެ އިމްތީޙާނުގައި ފުރަތަމަ ދެނީ އިސްލާމް މާއްދާގެ ކަރުދާސް ދޭކެވެ.

" ދަރިވަރުންނަށް ފަސޭހައަކަށް އިސްލާމް މާއްދާގެ ދެ ކަރުދާސް ދެ ދުވަހެއްގައި ބާއްވަން ނިންމީ. އެހެންވެ ދެވަނަ ކަރުދާސް ފުރަތަމަ ދުވަހު ބޭއްވުމުގެ ބޭނުމެއް މިހާރަކު ނެތް. މި ބަދަލާއެކު މީގެ ފަހުން ފުރަތަމަ ދުވަހު ދޭނީ އިސްލާމް މާއްދާގެ ކަރުދާސް އެކެއް، ޖެހިގެން އަންނަ ދުވަހު އިސްލާމް މާއްދާގެ ކަރުދާސް ދޭއް" އިހުސާން ވިދާޅުވިއެވެ.

އެސްއެސްސީ އިމްތިޙާން މި އަހަރު ފަށާނީ މި މަހު 25 ވަނަ ދުވަހުއެވެ. އެއީ އަންނަ އަންގާރަ ދުވަހެވެ. އެ ދުވަހު އޮންނާނީ އިސްލާމް މާއްދާގެ ކަރުދާސް އެކެކެވެ.

ދެވަނަ ބަދަލެއްގެ ގޮތުގައި އިހުސާން ފާހަގަކުރެއްވީ އަތުކުރީ ގަޑިއެއް އަޅައިގެން އޯލެވްލް އިމްތިޙާނު ހަދަން ނީދެވުމެވެ.

" އާދައިގެ އަތުކުރީ ގަޑިއެއް އިމްތިޙާން ހޯލައް ވެއްދިދާނެ. އެކަމަކު ގަޑި އަޅައިގެން، ނުވަތަ ގައިގެ ތަނެއްގައި ތައްކޮށްގެން ވެސް ނީދެވޭނެ. ގަޑި އޮންނަން ވާނީ އިންވިޖިލޭޓަރުންނަށް ފެންނަ ގޮތަށް މޭޒުމަތީގައި ބާއްވާފައި"

އިހުސާން ވިދާޅުވީ އާދައިގެ ގަޑިއެއް އަޅައިގެން ކުރިން އިމްތިޙާނު ހެދުނަސް، މިފަހަރު އެގޮތަށް އެކަން ނުކުރެވޭ ގޮތަށް ބަދަލު ގެނައީ ކޭމްބްރިޖުން ފޯރުކޮށްދޭ ހުރިހާ އިމްތިޙާނެއްގެ މައި އިދާރާ (ޖޭސީކިޔު)އިން ކަމަށެވެ.

ދެ އިމްތިޙާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ އެއްކޮށް ލެމިނޭޓް ކުރުން ހެދޭ ބޮޑު ގޯހެއް

އިހުސާން ވިދާޅުވީ އެސްއެސްސީ އިމްތިޙާނާއި އޯލެވެލް އިމްތިޙާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ ގެންގުޅެން ފަސޭހައަކަށް އެއްކޮށް ލެމިނޭޓް ކޮށްގެން ބައެއް ދަރިވަރުން ގެންގުޅޭ ކަމަށެވެ. އެކަން އެގޮތަށް ނުކުރުމަށް އޭނާ ވަނީ ނަޞޭހަތްތެރިވެ ވަޑައިގެންފައެވެ. ސަބަބެއް ކަމަށް އިހުސާސް ފާހަގަކުރެއްވީ އިމްތިޙާނާ ނުގުޅޭ އެއްވެސް ލިޔުމެއް އިމްތިޙާނު އޮންނަ ހޯލަށް ނުވެއްދޭނެތީއެވެ. އެހެންވެ އެއީ މިހާރު ވެސް ދަރިވަރުން ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެއްގެ ގޮތުގައި އިހުސާ ފާހަގަކުރެއްވިއެވެ.

" ދެ އިމްތިޙާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ އެއްކޮށްލާފައި ލެމިނޭޓް ކުރުމަކީ އެއީ ވަރަށް ބޮޑު ގޯހެއް. އެސްއެސްސީއަކަށް ނުވެއްދޭނެ އެ އިމްތިޙާނާ ގުޅުމެއް ނެތް ޑޮކިއުމެންޓެއް. ހަމަ އެގޮތަށް އޯލެވެލް އިމްތިޙާނަށް ވެސް ނުވެއްދޭނެ އެސްއެސްސީގެ ސްޓޭޓްމެންޓް އޮފް އެންޓްރީއެއް" އިހުސާން ވިދާޅުވިއެވެ.

" ދެ އިމްތިޙާނުގެ ސްޓޭޓްމެންޓް އޮފް އެންޓްރީ އެއްކޮށް އެއްވެސް ކުއްޖަކަށް ލެމިނޭޓް ކުރެވިފައިވާނަމަ އަލުން ސްކޫލުން އެ ހޯދައިގެން ވަކިކޮށްލުން މުހިންމު"

ސުވާލާ ނުގުޅޭ ޖަވާބެއް އެނގިހުރެ ދީގެން ނުވާނެ

މަދުން ނަމަވެސް ދިމާވާ ކަމެއްގެ ގޮތުގައި އިހުސާން ފާހަގަކުރެއްވީ ސުވާލާ ނުގުޅޭ ޖަވާބު ދަރިވަރުން ދީފައި ހުންނަ ކަމެވެ.

އޭނާ ވިދާޅުވީ ޖުމްލަ ގޮތެއްގައި ސުވާލުތަކަށް ދަރިވަރުގެ ޚިޔާލާ ފިކުރަށް ފެންނަ ގޮތަށް ޖަވާބު ދެވޭނެ ކަމަށެވެ.

"ކަނޑައެޅިގެން ސުވާލާ ނުގުޅޭ ޖަވާބެއް އެ ދަރިވަރަކަށް އެނގި ހުރެ ނުލިއުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ" މަދު ފަހަރެއްގައި އެފަދަ ޖަވާބުތައް ދީފައި ހުންނަކަން ފާހަގަކޮށް އިހުސާން ވިދާޅުވިއެވެ.

" ދަރިވަރުގެ އަޚުލާގައި ސުލޫކުން ބޭރުން ޖަވާބު ދީފިކަމަށް ވަންޏާ ކޭމްބްރިޖްގައި ވެސް، އެސްއެސްސީ އިމްތިޙާނު މާކް ކުރާއިރު އެއީ ކުޑަކަމެއްގެ ގޮތުގައި ނުބަލާނެ. އެފަދަ ހާލަތުގައި މުޅި ޕޭޕަރަށް ސުމެއް ދޭނީ"

އިނގިރޭސި މާއްދާގެ ލިސެނިން އޮންނަ ދުވަހު ގަޑިއަށް ސަމާލުވާންޖެހޭ

އިހުސާން ވިދާޅުވި ގޮތުގައި އިނގިރޭސި މާއްދާގެ ލިސެނިންގ ޕޭޕަރު އޮންނަ ދުވަހު ގަޑިއަށް ދަރިވަރުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ލިސެނިންގ ޕޭޕަރު ފިޔަވައި އެހެން މާއްދާތައް އޮންނަ ދުވަހު ގަޑިޖެހުނަސް އިމްތިޙާނުގައި ބައިވެރިކުރަން ހޯލަށް ދަރިވަރުން ވައްދައެވެ. އެކަމަކު ލިސެނިންގ ޕޭޕަރު އޮންނަ ދުވަހު ގަޑިޖެހިގެން އަންނަ ދަރިވަރުންނަށް އެ ފުރުޞަތެއް ނުދެއެވެ.

ސަބަބެއް ކަމަށް އިހުސާން ވިދާޅުވީ، އެއީ ދަރިވަރުން ލިސެނިންގ ޕޭޕަރަށް ތައްޔާރުވެ ތިބެ ސީޑީ ޕްލޭ ކުރުމަށްފަހު، ޕޯސްކޮށް އެހެން ދަރިވަރުންނަށް އުނދަގޫ ވާނެ ކަމެއް ކުރުމަކީ މަނާކަމެއް ކަމަށް ކޭމްބްރިޖުން ކަނޑައަޅާފައި އޮންނާތީއެވެ.

ޑީޕީއީއިން ފޯރުކޮށްދިން ތަފާސް ހިސާބުތަކަށް ބަލާއިރު، އެސްއެސްސީ އިމްތިޙާނުގައި މި އަހަރު ބައިވެރި ވަނީ އަރަބި މާއްދާ ވެސް ހިމެނޭ ގޮތަށް 6،106 ދަރިވަރުންނެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 444 ކުދިންގެ އިތުރުވުމެކެވެ. ކޭމްބްރިޖް އޯލެވެލް އިމްތިޙާނު 245 ސެންޓަރެއްގައި 6،698 ދަރިވަރުން މިއަހަރު ހަދާނެއެވެ. އެއީ މިދިޔަ އަހަރާ އަޅާބަލާއިރު 759 ދަރިވަރުންގެ އިތުރު ވުމެކެވެ. މި އަހަރު އަލަށް، އައްޑޫ ސިޓީގެ ނޫރާނީ ސްކޫލާއި މަރަދޫ ސްކޫލުން އިމްތިޙާނުގައި ބައިވެރިވާނެއެވެ.

ޑީޕީއީއިން ބުނީ ފާއިތުވި ތިން އަހަރު ވެސް އޯލެވެލްގައި ބައިވެރިވާ ކުދިންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

މިމަހު 25 ވަނަ ދުވަހު، އެސްއެސްސީ އިމްތިޙާން ފަށާނެއެވެ. އޯލެވެލް އިމްތިޙާން ފަށާނީ މެއި މަހުގެ ދެ ވަނަ ދުވަހުއެވެ. އޯލެވެލް ނިމޭނީ ޖޫން 8ގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *