ރަމަޟާން މަހަށް ޚާއްޞަކޮށްގެން ކ. އަތޮޅު މަދަރުސާގެ އިޙްޔާ ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެފަދަ އެހެން ޕްރޮގްރާމްތަކާ ތަފާތު ކޮށެވެ. އެ މަދަރުސާއިން މިފަހަރު ހުޅުވާލީ އިޖްތިމާއީ އެތަކެއް މައްސަލަތަކާއި އޭގެ ޙައްލުތައް ގެނެސް ދިނުމަށް ދަރިވަރުން ހުށަހަޅައިދޭން ވީޑިއޯ މުބާރާތެކެވެ.
އެ މަދަރުސާގެ ކިލާސްތަކުގެ މެދުގައި ބޭއްވި މި މުބާރާތުގައި ކޮންމެ ކިލާހުން 10 މިނެޓާ 15 މިނެޓާ ދެމެދުގެ ވީޑިއޯއެއް ހުށަހެޅިއެވެ. މި އިން ކޮންމެ ވީޑިއޯއެއްގައި އެ ކިލާހެއްގެ ހުރިހާ ކުދިންހެން ބައިވެރިވިއެވެ. ރޯދަ މަސް ނިމިގެންދާއިރު 24 ވީޑިއޯ ގެނެސްދޭނެއެވެ.
ވީޑިއޯ ތައްޔާރު ކުރީ އަތުޖެހޭ ފަށުގައި ހުރި ވަޞީލަތްތައް ބޭނުން ކޮށްގެންނެވެ. ޕްރޮޑިއުސްކޮށް، ކެމެރާކުރީ ކުލާސްޓީޗަރެވެ. ކެމެރާއަކަށް ބޭނުންކުރީ ކުލާސްޓީޗަރުގެ ސްމާޓް ފޯނެވެ. އެކްޓް ކުރީ ކިލާސްތަކުގެ ދަރިވަރުންނެވެ.
ކޮންމެ ވީޑިއޯއެއްގައި ވެސް ގެނެސްދީފައި ވަނީ އިޖްތިމާއީ އެތަކެއް މައްސަލައެއްގެ މިހާރުގެ ހާލަތާއި އަދި އޭގެ ހައްލުތަކެވެ.
ކ. އަތޮޅު މަދަރުސާއިން ބުނީ، ވީޑިއޯ މުބާރާތުގައި، ކީ ސްޓޭޖް އެކެއްގައި ހިމެނޭ ގުރޭޑް އެކަކުން ތިނެއްގެ ކުލާސްތަކުން މުބާރާތުގައި ވާދަ ނުކުރާނެއެވެ. އެކުދިން ދައްކާލީ އެކުދިންގެ ހުނަރެވެ. މުބާރާތުގައި ވާދަ ކުރާނީ ކީ ސްޓޭޖް ދޭކުން ފެށިގެން ފަހެއްގެ ކިލާސްތަކުންނެވެ.
ކ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް މުޙައްމަދު ނަތީމް ވިދާޅުވީ، މީގެ ކުރީ އަހަރު ތަކުގައި ވެސް އިޙްޔާ ޕްރޮގްރާމް ކުރިއަށް ގެންދިޔަ ކަމަށާއި، ވީޑިއޯގެ ގޮތުގައި ހުށަހެޅުންތަކެއް ހުށަހަޅަން ނިންމީ ގިނަ ކުދިންގެ ބައިވެރިވުމާއެކު ގިނަ ބަޔަކަށް ފޯރާނެ ގޮތައް މެސެޖްތަކެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.
500 އެންހާ ދަރިވަރުން ކިޔަވަމުންދާ ކ. އަތޮޅު މަދަރުސާގެ ޕްރިންސިޕަލް ވިދާޅުވީ، ވީޑިއޯ މިބާރާތުގައި ކޮންމެ ކިލާހަކުން ވެސް ހުށަހަޅައިދޭ ވީޑިއޯގައި އެ ކިލާހެއްގެ ހުރިހާ ދަރިވަރުން ހިމެނުން ލާޒިމު ކަމަށާއި އެއްވެސް ކުއްޖަކު ބާކީވެގެން ނުދާނެ ކަމަށެވެ.
" މިފަދަ މަސައްކަތް ކުރާއިރު، ހުނަރު ހުރި ކުދިންނަށް ފުރުޞަތު ދޭތަން އާންމުކޮށް ފެންނަނީ. އެކަމަކު އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖާވެސް އަޅުގަނޑުމެން ބާކީއެއް ނުކުރަން" ނަތީމް ވިދާޅުވިއެވެ.
ނަތީމް ވިދާޅުވީ ކޮންމެ ވީޑިއޯއެއްގައި ވެސް ނަމާދުކުރުމާއި ބަންގި ނޫނީ ގަމަށް ދޭތަނާއި ޤުރުއާނުގެ އާޔާތެއް ނޫނީ ހަދީސެއް ހިމެނުމަކީ ވެސް މި މުބާރާތުގެ ޝަރުޠެކެވެ.
ވީޑިއޯ މުބާރާތް ފެށުމުގެ ކުރިން ޓީޗަރުންނަށް ސްމާޓް ފޯނު ބޭނުންކޮށްގެން ވީޑިއޯ ނެގުމާއި އެޑިޓްކުރަން ދަސްކޮށްދޭ ކުރު ޓްރެއިންގ ޕްރޮގްރާމެއް ކުރިއަށް ގެންދިޔައެވެ.
" ދަރިވަރުންނެކޭ އެއްގޮތަށް ޓީޗަރުން ވެސް ކުރި ވަރަށް ބުރަ މަސައްކަތްތަކެއް" މުބާރާތް ކުރިއަށްދިޔަ ގޮތާމެދު ހިތްހަމަޖެހުން ފާޅުކުރައްވަމުން ނަތީމް ވިދާޅުވިއެވެ.
މުބާރާތުގެ ގިނަ ވަނަތައް ހޮވާ މެޑަލްތައް ދޭން ނިންމާފައިވާއިރު، ވަނަތައް ހޮވުމުގައި، ފޭސްބުކުގައި ވީޑިޔޯ އަޕްލޯޑްކުރެވުނު ދުވަހުން ފެށިގެން 5 ދުވަސްތެރޭގައި ލިބޭ ލައިކްސް ބަލާނެ ކަމަށް ކ. އަތޮޅު މަދަރުސާއިން ބުނެއެވެ.
advertisment
ހިޔާލު