މަތީ ތަޢުލީމުގެ ސެޓްފިކެޓް ހޯދަން، ވަކިވަކި ދަރިވަރުންނަށް ފައިނަލް ބެޗްގެ އޮޑިޓް އަވަސް ކޮށްދިނުމަކީ ހަމަޖެހިފައި އޮތް އުޞޫލެއްނޫން: އެމްކިޔުއޭ

މަތީ ތަޢުލީމުގެ ސެޓްފިކެޓް ހޯދަން، ފައިނަލް ބެޗްގެ އޮޑިޓް އަވަސް ކޮށްދިނުމަށް ވަކިވަކި ދަރިވަރުން އެދެމުންދާ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްޔިއުއޭ)ން ބުނެފިއެވެ. އެ އިދާރާއިން ބުނީ ފައިނަލް ބެޗްގެ އޮޑިޓް އަވަސް ކޮށްދިނުމަށް އެދުނު ނަމަވެސް އެއީ "ޕްރޮގްރާމް އޮޑިޓް ގަވައިދު ގެ ދަށުން ހަމަޖެހިފައިވާ ކަމެއް ނޫން" ކަމަށެވެ.

މަތީ ތަޢުލީމު ދޭ މަރުކަޒުތަކުން ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ފަހު އެ މަރުކަޒުތަކުން ސަނަދު ދޫކުރުމުގެ ކުރިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޕްރޮގްރާމް އޮޑިޓްގެ ފައިނަލް ބެޗް އޮޑިޓަށް ހުށަހަޅަން ޖެހެއެވެ. ދަރިވަރުންނަށް އެ ކޯހެއް ފުރިހަމަ ކުރި ކަމުގެ ލިޔުމާއި، ސަނަދު ދޫކުރުމުގެ ހުއްދަ އޮންނަނީ ފައިނަލް ބެޗް އޮޑިޓަށް އެ އޮތޯރިޓީއަށް ހުށަހަޅައި ސަނަދު ދޫކުރުމުގެ ހުއްދަ ލިޔުމުން ދިނުމުންނެވެ.

ފައިނަލް ބެޗް އޮޑިޓަށް އެ އޮތޯރިޓީއަށް ހުށަހެޅުމުގެ ކުރިން ވެސް ބައެއް މަރުކަޒުން އޮޑިޓަށް ފޮނުވާފައިވާ ކަމަށް ދަރިވަރުންނަށް މަޢުލޫމާތު ދީފައި ހުންނަކަން ބައެއް ދަރިވަރުން މި އޮތޯރިޓީއާ ޙިއްޞާކޮށްފައިވާ މައުލޫމާތު ތަކުން އެންގޭކަމަށް ވެސް އެމްކިޔުއޭއިން ނެރުނު އާންމު އިޢުލާނުގައި ބުނެފައިވެއެވެ.

އެމްކިޔުއޭއިން ބުނީ ޕްރޮގްރާމް އޮޑިޓް އަކީ ވަކި މުއްދަތެއް އެކުލެވޭ މަސައްކަތަކަށް ވާތީ ކަނޑައަޅާފައިވާ މުއްދަތު ގެ ތެރޭގައި ޕްރޮގްރާމް އޮޑިޓް ނިންމުމުގެ މަސައްކަތް ކުރުމަށް ހާއްޞަ ސަމާލުކަމެއް ދެމުން އަންނަ ކަމަށެވެ. ނަމަވެސް ބައެއް މަރުކަޒުތަކުން ހުށަހަޅާ ޕްރޮގްރާމް އޮޑިޓް ގެ ބައެއް ލިޔެކިޔުންތައް މަދުވުމުގެ ސަބަބުން ޕްރޮގްރާމް އޮޑިޓް ކުރިއަށް ނުގެންދެވި އަނބުރާ އެ މަރުކަޒަކަށް ފޮނުވަން ޖެހުމަކީ ވެސް ޕްރޮގްރާމް އޮޑިޓް ލަސްވެގެން ދާ އެއް ސަބަބު ކަމަށް އެމްކިޔުއޭއިން ބުނެފައިވެއެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *