ބިންހެލުމާ ގުޅިގެން ހާލުގައި ޖެހުނު ތުރުކީއާއި ސީރިޔާގެ ރައްޔިތުންނަށް އެހީވުމަށް ސްކޫލްތަކުގެ ދަރިވަރުން ފެށި މަސައްކަތުން ގިނަ އަދަދެއްގެ ފައިސާ އެއްކޮށް، އެފައިސާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އޮފީހާ ހަވާލުކޮށްފިއެވެ.
ހުސްވި ފެބުރުއަރީ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރެކްޓަ މިންގަނޑުން 7.7 މެގްނެޓިއުޑްގެ ބާރު މިނުގައި އައި ބިންހެލުމާ ގުޅިގެން މިހާތަނަށް ތުރުކީން 57،658 މީހުން ސީރިއާއިން 7250 މީހުން މަރުވެފައިވެއެވެ. މި ހިތާމަވެރި ހާދިސާގައި ތުރުކީގެ ތިން މިލިއަން މީހުން ވަންނާނެ ތަނެއް ނެތި މަގުމަތިވެފައިވާއިރު، ސީރިއާގައި ހާލުގައި ޖެހުނު މީހުންގެ އަދަދު ވެސް އެތައް މިލިއަނަކަށް އަރައެވެ.
ތުރުކީއާއި ސީރިއާއަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވުމަށް ދުނިޔޭގެ އެކި ޤައުމުތަކުން މަސައްކަތް ކުރަމުންދާއިރު ރާއްޖެއިން ވަނީ މިހާތަނަށް 13.2 މިލިއަން ރުފިޔާ އެހީގެ ގޮތުގައި ދީފައެވެ.
ތުރުކީއާއި ސީރިއާއަށް އެހީވުމަށް ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން އަމިއްލަ އިސްނެގުމަށް ސްމައިލް ކެމްޕޭނާ ގުޅުވައިގެން ފަންޑްރައިޒިން ހަރަކާތްތަކެއް ކުރިއަށް ގެންގޮސް ގިނަ އަދަދެއްގެ ފައިސާ ހޯދިއެވެ.
އަރބިއްޔާ ސްކޫލުގެ ދަރިވަރުން، ތުރުކީއާއި ސީރިއާއަށް އެހީވުމަށް ހިންގާ ކެމްޕޭނަށް 52،252 ރުފިޔާ ހަދިޔާކުރިއެވެ. މިއީ އެ ސްކޫލުގެ އިސްދަރިވަރުންގެ އިސްނެގުމުގެ މަތިން ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ލިބުނު ފައިސާއެވެ.
ނ. ހޮޅުދޫގައި ހުންނަ މޭނާ ސްކޫލުގެ ސްޓޫޑެންޓް ލީޑަރުން އިސްނަގައިގެން އެ ސްކޫލުގައި ކުރިއަށް ގެންދިޔަ ހަރަކާތުން 50،500 ރުފިޔާ ވަނީ އެހީގެ ގޮތުގައި ހޯދާފައެވެ. މޭނާ ސްކޫލުން ބުނީ ފަންޑްފޮށީގެ އިތުރުން ދަރިވަރުން އިސްނަގައިގެން ތަފާތު ވައްތަރު ލުއިކާނާ ވިއްކައިގެން ހޯދި ފައިސާ ވެސް އޭގެތެރޭގައި ހިމެނޭ ކަމަށެވެ.

ތުރުކީއާއި ސީރިއާއަށް އެހީވުމަށް އެންމެ ފުރަތަމަ މަސައްކަތް ފެށީ ޣިޔާޘުއްދީން ސްކޫލުންނެވެ. އެ ސްކޫލުގެ ދަރިވަރުން ވަނީ 50،000 ރުފިޔާ އެ ދެ ޤައުމުގައި ހާލުގައި ޖެހުނު ފަރާތްތަކަށް ހަދިޔާކޮށްފައެވެ. އެއީ އެ ސްކޫލްގެ ގުރޭޑް އަށަކާއި ނުވައެއްގެ ދަރިވަރުން 2019 ވަނަ އަހަރާއި 2022 ވަނަ އަހަރު ބޭއްވި އޭބީއީ ފެއަރއިން ލިބުނު ފައިސާއެވެ.
"ސްމައިލް އޮން ކެމްޕެއިން" ގެ ދަށުން، ރ. ހުޅުދުއްފާރު ސްކޫލްގެ ގައިޑުންނާއި ސްކައުޓުން މަގުމަތީ ހަރަކާތެއް ބާއްވައި، ސީރިއާއާއި ތުރުކީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީވާން 43،000 ރުފިޔާ ހޯދިއެވެ. މިފައިސާ ހޯދީ ސްކައުޓުންނާއި ގައިޑުން ހިމެނޭހެން 120 ދަރިވަރުން ދޮޅު ގަޑިއިރުގެ ތެރޭގައި ކުރި މަސައްކަތުންނެވެ.

ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުން 20،337 ރުފިޔާ ހޯދީ ސްމައިލް އޮން ކެމްޕޭނުގެ ދަށުން ޕްރިފެކްޓަރުންނާއި ސްޓާފުން އިސްނަގައިގެން ބެހެއްޓި ފަންޑުފޮށިންނެވެ. މި ހަރަކާތް އެ ސްކޫލުން ކުރިއަށް ގެންދިޔައީ ހަފްތާއެއްގެ މުއްދަތަށެވެ.
ވިލިމާލޭގައި ހުންނަ މުޙްޔިއްދީން ސްކޫލުގެ އިސްދަރިވަރުން ވެސް ވަނީ ސްމައިލް ކެމްޕޭނުގެ ދަށުން 38،000 ރުފިޔާގެ އެހީއެއް ސީރިއާއި ތުރުކީގައި ހާލުގައި ޖެހުނު ފަރާތްތަކަށް ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ކުނބުރުދޫ ސްކޫލުން 12،000ރުފިޔާއާއި ޙަމަދު ސްކޫލްގެ ޕްރިފެކްޓަރުންގެ ފަރާތުން 17،485 ރުފިޔާއާއި ނާވައިދޫ ސްކޫލުން 5000 ރުފިޔާއާއި ށ. ފޭދޫ ސްކޫލްގެ ދަރިވަރުންނާއި މުވައްޒަފުންނާއި ބެލެނިވެރިންގެ ފަރާތުން 23،463.48 އާއި ހަ ވަނަ ދާލު ސްކައުޓުންގެ ފަރާތުން 33،700 ރުފިޔާ އާއި ބ. ގޮއިދޫ ސްކޫލުން ހިމެނޭހެން ގޮއިދޫ ރައްޔިތުންގެ ފަރާތުން 14،000 ރުފިޔާއާއި ށ. މިލަންދޫ ސްކޫލް ސްޓޫޑެންޑް ކައުންސިލްގެ ފަރާތުން 25،952.25 ވަނީ ތުރުކީއާއި ސީރިއާގެ ރައްޔިތުންނަށް އެހީވުމަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އޮފީހާ ހަވާލުކޮށްފައެވެ.
ހުރާ ސްކޫލުގެ "އަހަރީ ދުވުން" ވެސް މިފަހަރު ޚާއްޞަ ކުރި ހާލުގައި ޖެހުނު ތުރުކީއާއި ސީރިއާގެ ރައްޔިތުންނަށް އެހީވުމަށެވެ. އެ ސްކޫލުން ކުރިއަށް ގެންދިޔަ އެ ހަރަކާތުން 25،016.55 ރުފިޔާ ލިބިފައިވެއެވެ.
ޝައިން ލަރނާސް ޕްރީ ސްކޫލްގެ ފަރާތުން 36،387.95 ރުފިޔާ ހަދިޔާކުރިއިރު، އިސްލާމިކް ޔުނިވަރސިޓީގެ ފަރާތުން 13،259 ރުފިޔާ ހަދިޔާކޮށްފައިވެއެވެ.
ސްކޫލްތަކުން އަމިއްލަ އިސްނެގުމަށް މަސައްކަތް ކުރިއިރު، ބައެއް ސްކޫލްތަކުން އެހީގެ ހަރަކާތްތައް ކުރިއަށް ގެންދިޔައީ އެރަށެއްގައި ހިމެނޭ ގިނަ މުއައްސަސާތަކާ ގުޅިގެންނެވެ. މިގޮތުން މ. މަޑުއްވަރީ ރައްޔިތުން ކުރިއަށް ގެންދިޔަ ހަރަކާތުން 13،521.77 ރުފިޔާ ހަދިޔާކުރިއިރު މަޑުއްވަރީ ސްކޫލުން ބައިވެރިވިއެވެ. ރ. އަތޮޅު މަދަރުސާއިން ބައިވެރި ހަރަކާތުން 38،000 ރުފިޔާ ހަދިޔާކުރިއެވެ.
ސ. މަރަދޫ ރައްޔިތުންގެ ފަރާތުން 87،750 ރުފިޔާ ހަދިޔާކުރިއިރު މަރަދޫ ސްކޫލުން އެ ހަރަކާތުގައި އަމަލީ ގޮތުން ބައިވެރިވިއެވެ. ލ. މާބައިދޫ ރައްޔިތުންނާއި އެރަށު ސްކޫލުން ވެސް 15،441.75 ރުފިޔާ ހަދިޔާ ކުރިއެވެ. ނ. ހެބަދޫ ރައްޔިތުން ހިންގި ހަރަކާތުގައި އެރަށު ސްކޫލުން ބައިވެރިވެ، 50،938.26 ރުފިޔާ ވަނީ އެރަށު ރައްޔިތުންގެ ފަރާތުން ހަދިޔާކޮށްފައެވެ.
އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން އޮފީހުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، އެހީގެ ގޮތުގައި މިހާތަނަށް ލިބުނު 13.2 މިލިއަން ރުފިޔާގެ ތެރެއިން 14.9 އިންސައްތަ ޚަރަދުކޮށްފައި ވަނީ ކުއްލި އެހީގެ ސާމާނު ފޯރުކޮށްދިނުމަށެވެ. 50.35 އިންސައްތަ ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ޚަރަދުކޮށްފައިވާއިރު، ބާކީ 35.5 އިންސައްތަ ޚަރަދު ކުރަނީ އާރާސްތު ކުރުމަށެވެ.
advertisment
ހިޔާލު