ދިވެހިބަހުގެ ދުވަހާ ގުޅިގެން މި އަހަރު ވެސް އަތުލިޔުމުގެ މުބާރާތެއް

ކޮންމެ އަހަރެއްގެ ދިވެހިބަހުގެ ދުވަހާ ގުޅިގެން ދިވެހިބަހުގެ އެކެޑަމީއިން ބާއްވަމުން ގެންދަވާ އަތުލިޔުމުގެ މުބާރާތް މި އަހަރު ވެސް ބާއްވާ ގޮތަށް ދިވެހިބަހުގެ އެކެޑަމީއިން ހަމަޖައްސަވައިފިއެވެ.

މި މުބާރާތުގައި ބައިވެރިވާން އެދި ފޯމު ހުށަހަޅާން ޖެހޭ ސުންގަޑިއަކީ 2023ވަނަ އަހަރުގެ އެޕްރީލް މަހުގެ 20ވާ ބުރާސްފަތި ދުވަހު 13:00ގެ ކުރިންނެވެ.

މި އަހަރުގެ މުބާރާތް ވެސް އަމާޒުކޮށްފައިވަނީ ސަރުކާރުގެ އޮފީސްތަކުގެ މެދުގައެވެ. މި މުބާރާތް ބޭއްވުމުގެ މަޤުޞަދަކީ ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމާއި ރީތިކޮށް ތާނަ ލިޔާން ހިތްވަރުދީ، އަތުލިޔުން ރީތި ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމެވެ. މި މުބާރާތަކީ ވަރަށް ގިނަ އޮފީސްތަކަކުން ބައިވެރިވާ އަދި މުވައްޒަފުންގެ މެދުގައި ވަރަށް މަޤުބޫލު މުބާރާތެއްކަމަށް އެކެޑަމީން ހާމަކުރެއެވެ.

މި މުބާރާތުގައި ސަރުކާރުގެ ކޮންމެ އޮފީހަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފައި ވާ އިރު މުބާރާތުގައި ބައިވެރިވާ ކޮންމެ އޮފީހަކުން ވެސް މަދުވެގެން ތިން މުވައްޒަފަކު އަދި ގިނަވެގެން ފަސް މުވައްޒަފުން ބައިވެރިކުރާ ގޮތަށް ގަވާއިދު ގައި ކަނޑައަޅާފައިވެއެވެ. އަދި މުބާރާތުގެ ބައިވެރިވާން އެދޭ ފޯމާއި މުބާރާތުގެ ގަވާއިދު މިހާރު ދައުލަތުގެ ހުރިހައި އިދާރާތަކަކަށް ވެސް ފޮނުއްވައިފައި ވާނެކަމަށް އެކެޑަމީން ވަނީ ހާމަކޮށްފައެވެ. އަދި މި މުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ ދިވެހިބަހުގެ އެކެޑަމީން ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައިކަމަށް ވެސް ދިވެހިބަހުގެ އެކެޑަމީއިން ބުނެއެވެ.

މި މުބާރާތުގެ ލިޔުންތައް ދެ ގޮތަކަށް ހުށަހެޅޭނެކަމަށް އެކެޑަމީން ހާމަކުރެއެވެ. އެގޮތުން ބަންދުކޮށްފައިވާ ސިޓީއުރެއްގައި ނުވަތަ މި ކަމަށް ޚާއްސަކުރައްވައިފައިވާ ލިންކަކުން ވެސް ތަކެތި ހުށަހެޅޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *