އަރަބިއްޔާގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު، ކިޔަވަން ފެށޭނީ އަންނަ އަހަރު

އަރަބިއްޔާގެ އާ އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށާނެ ކަމަށާއި، ކިޔަވަން ފެށޭނީ އަންނަ 2024 ވަނަ އަހަރުގެ ދިރާސީ އާ އަހަރުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަހިބަދު ދާއިރާގެ މެމްބަރު އަޙްމަދު ތޯރިގު ކުރެއްވި ސުވާލުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާގެ އާ އިމާރާތުގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑްގެ އުޞޫލުން ހަވާލުކުރީ 19 ސެޕްޓެމްބަރު 2022ގައި ކަމަށެވެ.

" މިހާރު ވަނީ ކޮންސެޕްޓް ފައިނަލް ކުރެވިފައި. މި މަހުގެ ނިޔަލަށް ޑީޓެއިލް ޑްރޯވިންގ މަސައްކަތް ނިމޭނެ" މިނިސްޓަރު ވިދާޅުވިއެވެ.

ބާ ޖަމާލުއްދީން ހުރި ބިމުގެ އެއްބައިގައި އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް ކުރަނީ އަމީން ކޮންސްޓްރަކްޝަނުންނެވެ. އެ ކުންފުނިން އެ މަސައްކަތާ ހަވާލުވީ 18 މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެ ސްކޫލްގައި ހިމެނެނީ  40 ކްލާސްރޫމެވެ.

" ތާވަލުކުރެވިފައިވާ ގޮތަށް ދާ ނަމަ 2024 ވަނ އަހަރުގެ ދިރާސީ އަހަރު ކިޔެވުން ފެށޭނެ" ޑރ. އާއިޝަތު އަލި ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލްގެ އިމާރާތުގެ ސްޓަރަކްޗަރަށް ދިމާވެފައިވާ މައްސަލަތަކަކާ ގުޅިގެން ، އެ ސްކޫލްގެ ދަރިވަރުން ވަގުތީ ގޮތުން ކިޔަވަމުން އަންނަނީ ވަގުތީ ގޮތުން ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގައެވެ. ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް ގުޅުވުމާއެކު މިހާރު އެ ސްކޫލް ހިންގާ އިމާރާތަށް ބަދަލުކުރަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައެވެ. އެ އިމާރާތުގައި އަރަބިއްޔާގެ ދަރިވަރުން ކިޔަވުން ފަށާނީ ދިރާސީއާ އަހަރާއެކުގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *