އަލް މަދަރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ދަރިވަރުންނަށް ޤައުމީ ގަދަ ދިހައެއްގައި ވާދަކުރެވޭ ގޮތަށް ގަދަ ދިހައެއް ކަނޑައެޅުމުގެ އުޞޫލަށް ބަދަލު ގެނެސްފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީން އާންމު ކުރި އުޞޫލުގައި ބުނެފައިވާ ގޮތުން އަރަބި މީޑިއަމަށް ކިޔަވައިދޭ ސްކޫލުތަކުގައި ޝަހާދާއި އިއުދާދީ އިމްތިހާނުގެ ނަތީޖާ ވެސް މީގެ ފަހުން ގަބޫލުކުރާނެ ކަމަށެވެ.
އެ އުޞޫލުގައި ބުނެފައިވާ ގޮތުގައި އަރަބި މަންހަޖަށް ކިޔަވާ ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން ކަނޑައަޅާނީ ޝަހާދާ އިއުދާދީ މާއްދާތަކުގެ ނަތީޖާއާއި އެ ދަރިވަރު ގްރޭޑް 10 ނިންމާ އިމްތިހާނުގެ ނަތީޖާއަށް ބަލައިގެންނެވެ.
އޭލެވެލްގައި ގަދަ 10 ކަނޑައަޅަނީ ގްރޭޑް 12ގެ ދަރިވަރުންގެ ތެރެއިން ޝަހާދާ ސާނަވިއްޔާ ނިންމާ ދަރިވަރުންގެ ނަތީހާއަށް ބަލައިގެންނެވެ. ނަތީޖާ ކަނޑައެޅުމުގައި ބަލާނީ އާޓް ސްޓްރީމް ކިޔަވާ ދަރިވަރުންގެ އަށް މާއްދާއަށެވެ. ސައިންސް ސްޓްރީމް ކިޔަވާ ދަރިވަރުންގެ ނުވަ މާއްދާއަށް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި އުޞޫލުގައި ބުނެފައިވެއެވެ.
އަރަބިއްޔާގައި ކިޔަވާ ދަރިވަރުންނަށް ޤައުމީ ގަދަ ދިހައެއްގައި ވާދަ ކުރުމުގެ ފުރުޞަތު ފަހިކޮށްދީފައި ވަނީ، އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެ ސްކޫލް ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
ރާއްޖޭގައި އަރަބި މީޑިއަމަށް ކިޔަވައިދޭ ހަމައެކަނި ސްކޫލަކީ އަރަބިއްޔާ ސްކޫލެވެ. އެ ސްކޫލުގައި 800 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.
advertisment
ހިޔާލު