ހިރިޔާ ސްކައުޓުން އަމިއްލައަށް ކައްކައިގެން ތަށިބަރި ހަދިޔާކުރަނީ  

ހިރިޔާ ސްކޫލުގެ ސްކައުޓުން އަމިއްލައަށް ކައްކައިގެން ތަށިބަރި ހަދިޔާ ކުރުމުގެ ހަރަކާތެއް ފަށައިފިއެވެ.

މި ހަރަކާތް ކުރިއަށް ދަނީ ހިރިޔާގެ ދެ ސްކައުޓަކު ކޮންމެ ދުވަހަކު ކައްކާފައި ތަށިބަރި ހަދިޔާ ކުރާ ދެ ފަރާތުން، ޖެހިގެން އަންނަ ދުވަހު އެ ހަދިޔާ ކުރާއެއްޗެއް ކައްކާފައި ހިރިޔާ ސްކޫލްގެ ދެ ސްކައުޓަކަށް ހަަދިޔާކުރާ ގޮތަށެވެ. ކޮންމެ ތަށި ބަރިއަކާއެކު ބުއިމަކަށް، ފަނި ފުޅިއެއް ވެސް ހަދިޔާކުރެއެވެ.

ތަށިބަރި ހަދިޔާކުރަން ގޭގެއަށް ދަނީ ވެސް ސްކައުޓުންނެވެ. ސްކައުޓުން ތަށިބަރި ހަދިޔާ ކުރަނީ ސްކައުޓް ދާއިރާގައި އިސްކޮށް މަސައްކަތްކުރައްވާ ބޭފުޅުންނަށެވެ. އޭގެތެރޭގައި ސްކޫލްތަކުގެ ޕްރިންސިޕަލުން ވެސް ހިމެނިވަޑައިގަންނަވައެވެ.

" ކޮންމެ ދުވަހަކު ވެސް ދެ ސްކައުޓަކު ކައްކާނެ، ދެ ސްކައުޓަކަށް ތަށިބަރި ލިބޭނެ. ސްކައުޓުން ހަދިޔާކުރާނީ ސްކައުޓުގެ އިސްބޭފުޅުންނަށް. އެބޭފުޅުން ކައްކާފައި ހަދިޔާކުރާނީ ހިރިޔާގެ ސްކައުޓުންނަށް" ހިރިޔާ ސްކޫލްގެ ސްކައުޓް ހަރަކާތުގައި އިސްކޮށް މަސައްކަތް ކުރައްވާ މުޙައްމަދު ޝައްމޫން ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

" ސްކައުޓް އެސޯސިއޭޝަންގެ ރައީސް ވެސް ކައްކަވައިގެން ސްކައުޓެއްގެ ގެއަށް ތަށިބަރި ހަދިޔާކުރައްވަން ވަޑައިގަތީ. ހަމަ އެގޮތަށް ޕްރިންސިޕަލުން ވެސް ކައްކަވައިގެން ކުދިންގެ ގެއަށް ވަޑައިގެން ތަށިބަރި ހަދިޔާކުރެއްވީ"

ޝައްމޫން ވިދާޅުވީ ކުދިންނަށާއި ބެލެނިވެރިންގެ އިތުރުން ސްކައުޓް އެސޯސިއޭޝަންގެ އިސްވެރިންނަށް މި ހަރަކާތް ކަމުދިޔަ ކަމަށެވެ.

އޭނާ ވިދާޅުވީ، މި ހަރަކާތް ފެށީ ސްކައުޓުންގެ ކެއްކުމުގެ ހުނަރު އެހެން މީހުންނަށް ދެއްކުމުގެ ގޮތުންނެވެ.

" ގިނަ ކުދިން ތިބީ ކެއްކުމުގެ އިމްތިޙާން ވެސް ނިންމާފައި. އެ ކުދިންގެ ކެއްކުމުގެ ހުނަރު އެހެން މީހުންނަށް ދައްކާލެވުމުން، އެކުދިންނަށް ވެސް އެކަން ކުރެވޭކަމުގެ އިހުސާސް ކުރެވިގެންދޭ" ޝައްމޫން ވިދާޅުވިއެވެ.

ހަފްތާއެއްހާ ދުވަސް ކުރިން ފެށި ތަށިބަރި ހަދިޔާކުރުމުގެ ހަރަކާތް ރޯދަ މަސް ނިމެންދެން ކުރިއަށްދާނެ ކަމަށް ހިރިޔާ ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *