އެމްއެންޔޫއެސްޔޫ އިން ރަމަޟާންމަހަށް ޚާއްޞަ މުބާރާތްތަކެއް ކުރިއަށް ގެންދަނީ

ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔޫނިއަންއިން ރަމަޟާންމަހަށް ޚާއްޞަ މުބާރާތްތަކެއް ކުރިއަށް އެބަގެންދެއެވެ.

އެމްއެންޔޫއެސްޔޫގެ ދީނީ ސުވާލު މުބާރާތަކީ އެ ޔޫނިއަންގެ ފޭސްބުކު ޕޭޖުގައި ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ހަފްތާއަކު ތިން ސުވާލު އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދާނެއެވެ. ސުވާލުތައް ގެނެސްދޭނީ ކޮންމެ ހުކުރު ދުވަހެއްގެއެވެ. ޖަވާބުތައް ދޭންޖެހެނީ ފޭސްބުކު ޕޭޖުގެ ކޮމެންޓް ސެކްޝަނުގައެވެ. އެންމެ ގިނަ ސުވާލުތަކަށް ޖަވާބު ދޭ ފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެން ހޮވޭ ފަރާތަކަށް ރަނގަޅު އިނާމެއް ދޭން ވަނީ ނިންމާފައެވެ.

މިއީ 2018 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

އެމްއެންޔޫއެސްޔޫގެ ޤުރުއަން މުބާރާތް ބާއްވަނީ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އާ ގުޅިގެންނެވެ. މިއީ ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މިއީ މި މުބާރާތް ބާއްވާތާ ދިހަ ވަނަ އަހަރެވެ. މި މުބާރާތް ކުރިއަށް ދާނީ އެޕްރީލް މަހުގެ 13ން 15އަށެވެ.

އެމްއެންޔޫއެސްޔޫގެ މަދަހަ މުބާރާތް ބާއްވަނީ ސްޓޫޑެންޓްސް އިނީޝިއޭޓިވް އޮފް އާރޓްސް (ސިއާ) ގުޅިގެންނެވެ. ޤައުމީ ޔުނިވަރސިޓީގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މި މިމުބާރާތް ބާއްވާތާ މިއީ ފަސް ވަނަ އަހަރެވެ. މި މުބާރާތް މިއަހަރު ކުރިއަށް ދާނީ އެޕްރީލް މަހުގެ 10ން 12އަށެވެ.

ބިޒްނަސް ސްކޫލް ސްޓޫޑެންޓް އެސޯސިއޭޝަން (ބީއެސްއެސްއޭ)އާ ގުޅިގެން އެމްއެންޔޫއެސްޔޫ ގުޅިގެން ކުރިއަށް ގެންދާ ފީފާ ޓޯނަމަންޓް ފެށީ މިއަދުއެވެ. މިއީ މި މުބާރާތް ކުރިއަށް ގެންދާތާ ދެވަނަ އަހަރެވެ. މިއީ ވެސް އެމްއެންޔޫގެ ހުރިހާ ދަރިވަރުންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

ކެރަމް މުބާރާތް އިންތިޒާމް ކުރަނީ ސޮސައިޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް (ޝެޓްސް)އިންނެވެ. ސިލްސިލާ ގޮތެއްގައި ބާއްވާ މި މުބާރާތް ބާއްވާ މިއީ ހަތަރުވަނަ އަހަރެވެ. މި މުބާރާތް ފަށަން ތާވަލު ކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުއެވެ.

އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތް މި އަހަރު ފަށާނީ އަންނަ ބުރާސްފަތި ދުވަހުއެވެ. އެމްއެންޔޫއެސްޔޫ އަލަށް ފަށާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސްއާ ގުޅިގެންނެވެ. މުބާރާތް ހުޅުވާލެވިފައިވަނީ އެމްއެންޔޫގެ ފެކަލްޓީތަކަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *