ސްކޫލްތަކުގެ ދަރިވަރުންނަށް ޔުނީފޯމާއެކު "ސްމާރޓް ވޮޗް" ބޭނުމެއް ނުކުރެވޭނެ

ދަރިވަރުންނަށް ޔުނީފޯމާއެކު "ސްމާރޓް ވޮޗް" ބޭނުމެއް ނުކުރެވޭނެ ކަމަށް ކަނޑައަޅައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އެކުލަވާލާފައިވާ "ސްކޫލް ދަރިވަރުންގެ ޢާންމު ޤަވާއިދަށް" އަމަލުކުރަން ފަށައިފިއެވެ. މިއީ ތަޢުލީމުގެ ޤާނޫނުގެ 11ވަނަ މާއްދާގެ ދަށުން ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށްޓަކައި އެކުދިންގެ އުޅުމާއި އަޚްލާގު ބަހައްޓަންވީ ގޮތާއި، ސްކޫލާއި ސްކޫލުން ބޭރުގައި ދަރިވަރުންގެ ޢަމަލުކުރަންވީ ގޮތްތައް ކަނޑައަޅާ ޢާންމު ޤަވާއިދެވެ.

މި ޤަވާއިދުގެ ހަތް ވަނަ މާއްދާގައި ބަޔާން ކޮށްފައި ވަނީ ދަރިވަރުން ހެދުން އެޅުމުގެ މިންގަނޑެވެ. އެ މިންގަނޑުގައި ބުނެފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ސްކޫލަކުން ކަނޑައަޅާ ޔުނީފޯމެއް ލައިގެން ސްކޫލަށް ހާޒިރުވުމާއި ކީ ސްޓޭޖް ދޭކުން މަތީގެ ދަރިވަރުންނަށް ޔުނީފޯމާއެކު އާދައިގެ އަތުކުރީ ގަޑިއެއް އެޅިދާނެއެވެ. އެކަމަކު "ސްމާޓް ވޮޗް" އެއް ބޭނުމެއް ނުކުރެވޭނެއެވެ.

ޔުނީފޯމާއެކު އަންހެން ކުދިންނަށް ގަހަނާގެ ގޮތުގައި ބޭނުން ކުރެވޭނީ ކަރުގައި އަޅާ ފަށަކާއި ކަންފަތުލާ އެއްޗެކެވެ. ކަންފަތުފޫޅު ފިޔަވައި އެހެން ތަނެއް އަންހެން ކުދިންނަް ނުތޮރުފޭއިރު ފިރިހެން ކުދިންނަށް ހަށިގަނޑުގެ އެއްވެސް ތަނެއް ތޮރުފުން ވަނީ މަނާކޮށްފައެވެ. ގަހަނާގެ ގޮތުގައި ފިރިހެން ކުދިންނަށް ހުއްދައީ އަތުކުރީ ގަޑިއެއް އެކަންޏެވެ. ފިރިހެން ކުދިންގެ ބޯ ހުންނަން ޖެހޭނީ ކުރުކޮށް ކޮށާފައެވެ. ތުބުޅިއާއި މަތިމަސް ބަހައްޓަން ހުއްދައެއް ނުދެއެވެ. އަދި ބޮލުގައި ކުލަޖެއްސުން ވެސް މަނަލެއެވެ.

ނުވަވަނަ މާއްދާގައި ބުނެފައި ވަނީ ދަރިވަރުން ސްކޫލުން ބޭރު ހަރަކާތްތަކުގައި ބައިވެރިވުމަށް އަމަލުކުރަންޖެހޭ ގޮތެވެ. އެ މާއްދާގެ ށ ގައި ބުނެފައިވާ ގޮތުން ފިލްމެއް، ތަމްސީލެއް އިސްތިހާރެއް އަދި މީޑިއާގެ އެއްވެސް ވަޞީލަތެއް ބޭނުންކޮށްގެން ހިންގާ އެއްވެސް ޕްރޮގްރާމެއްގައި ސްކޫލް ދަރިވަރަކަށް ބައިވެރިވެވޭނީ ލިޔުމަކުން އެޑިޔުކޭޝަން މިނިސްޓްރީއަށް ހުށަހަޅައި ހުއްދަ ހޯދައިގެންނެވެ. ހުއްދަދެވޭނީ އެ ދަރިވަރުގެ ދައުރު ހިމެނިފައި ގޮތް ވަޒަން ކުރުމަށްފަހު ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.

ބެލެނިވެރިޔާގެ ހުއްދައާއެކު ޢުމުރާ ގުޅޭ ވަޒީފާއެއް އަދާކުރުމަށް މި ޤަވާއިދުގައި ދަރިވަރުންނަށް ހުއްދަދީފައިވެއެވެ.

ސްކޫލް ދަރިވަރުން ކުރުން މަނާ ކަންތައްތަކުގެ ގޮތުގައި 12 ކަމެއް ހަމނާފައިވެއެވެ. ބެލެނިވެރިއެއްގެ ހުއްދައާއި ނުލާ ރޭގަނޑު 10:00ގެ ފަހުން ބޭރުގައި އުޅުންވެސް މަނާކޮށްފައިވާއިރު، ޓެޓޫ ޖެހުމާއި ކުލަބު ޖަމިއްޔާ ސިޔާސީ ޕާޓީގައި ހިމެނުން ވެސް މަނާކޮށްފައިވެއެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި އާންމު އިޖްތިމާއި މިންގަނޑުތަކާ ޚިލާފުވުމާއި ބަދުއަޚުލާގީ އަމަލުހިންގައި އެފަދަ ކަމަކަށް މަގުފަހިވާނެ އެއްވެސް ކަމެއްގައި ބައިވެރިވުމާއި މުޒާހަރާއާއި މަރާމާރީއާއި ހަނގާކުރުމާއި އެފަދަ ކަމަކަށް މަގުފަހިވާނެ ކެމެއްގައި ބައިވެރިވުން ވެސް މަނާކަންތައް ތަކުގެ ތެރޭގައި ހިމެނެއެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި ވިއްކުމާއި ވޭޕް ކުރުމަކީ ވެސް ސްކޫލް ދަރިވަރުންނަށް މަނާކަންތައްތަކުގެ ތެރޭގައި ހިމަނާފައިވާ ކަންތައްތަކެވެ.

މި ޤަވާޢިދާ ޚިލާފުވާ ދަރިވަރުންނާމެދު ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށް ވެސް، މިދިޔަ މަހުގެ 28ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޤަވާޢިދުގައި ބުނެފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *