ސްޓަޑީ ކޭމްޕް ބާއްވަން ހއ. އަތޮޅުގެ ކޮންމެ ސްކޫލަކަށް 10،000 ރުފިޔާ

ސްޓަޑީ ކޭމްޕް ބާއްވަން ހއ. އަތޮޅު ކައުންސިލުގެ މާލީ އެހީ އެ އަތޮޅުގެ ސްކޫލްތަކަށްދޭން ނިންމައިފިއެވެ. މި އެހީގެ ދަށުން އެ ކައުންސިލުން 140،000 ރުފިޔާ ޚަރަދު ކުރާނެއެވެ. ކޮންމެ ސްކޫލަކަށް ދޭނީ 10،000 ރުފިޔާއެވެ. މި އެހީ ދިނުމުގެ އެއްބަސްވުމުގައި ސްކޫލްތަކުން މިހާރު ވަނީ ސޮއި ކޮށްފައެވެ.

ހއ. އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ސްޓަޑީ ކޭމްޕް ބާއްވަން ބޭނުންވާ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅި އުޞޫލުގެ ތެރެއިން ހުޅުވާލުމުން އަތޮޅުގެ ހުރިހާ ސްކޫލަކުން ވެސް އެހީއަށް އެދުނު ކަމަށެވެ.

މޫސަ ވިދާޅުވީ މާލީ އެހީދޭން ނިންމީ އަތޮޅުގެ ތައުލީމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިކަމެއް ފޯރުކޮށްދޭށެވެ. ބެލެނިވެރިންގެ އަތުން މިހާރު ކުރަމުންދާ ހޭދަ ކުޑަކުރެވި، އަތޮޅުގެ އެއް ސްކޫލުން އަނެއް ސްކޫލަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވެސް މި އެހީ ދޭން ނިންމި މައިގަނޑު އެއް ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.

" މި އެހީ ދިނުމުގައި އާބާދީއަކަށް ނުބަލަން. ހުރިހާ ސްކޫލްތަކަށް ވެސް ހަމަހަމަ ފުރުޞަތު ތަކެއް ދިނީ. އަޅުގަނޑުމެން މި ބަލަނީ މި އެހީއާއެކު އަތޮޅުގެ ތައުލީމަށް ހެޔޮބަދަލެއް ގެނައުމަށްއެހީތެރިކަން ބޭނުންވާ ސްކޫލްތަކަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް. ސްޓަޑީ ކޭމްޕްތައް ބާއްވައި ނަތީޖާއަށް ހެޔޮބަދަލެއް އަންނާނެ ކަމަށް" މޫސަ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް އެ ކައުންސިލުގެ ފަރާތުން މިހާރުވެސް އެކަށީގެންވާ އިނާމެއް ދެމުން ގެންދާ ކަމަށާއި، ރަނގަޅު ނަތީޖާއެއް ހޯދަން ކުރަންޖެހޭ މަސައްކަތުގައި ވެސް އެ ކައުންސިލުގެ އެހީތެރިކަން ސްކޫލްތަކަށް ލިބޭނެ ކަމަށެވެ.

ހއ. އަތޮޅުގެ 14 ރަށެއްގައި ފައުންޑޭޝަން ސްޓޭޖުން ފެށިގެން ގުރޭޑް 12އާ ހަމައަށް 3600 އެއްހާ ދަރިވަރުން ކިޔަވަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *