އަމީނިއްޔާގެ ކޮންސެޓުން ދިވެހިންގެ އެހާރާއި މިހާރު އަދި މާދަމާ

އަމީނިއްޔާގެ ސްކޫލްގެ ގުރޭޑް 1ން 5ގެ ދަރިވަރުންގެ އުފެއްދުންތެރި ތަފާތު ހުށަހެޅުންތަކެއް ފެނިގެންދާ ކޮންސެޓް ފެށީ ބުރާސްފަތި ދުވަހުގެ ރޭ ގައެވެ. ހުކުރުދުވަހުގެ ރެއާއި ހޮނިހިރު ދުވަހުގެ ހަވީރާއި ރޭގަނޑުގެ އިތުރުން މިރޭ އިތުރު ޝޯވއެއް ބާއްވަން ވަނީ ނިންމާފައެވެ.

" މިރޭގެ ޝޯވްގެ ޓިކެޓް މިހާރު ހުސްވެއްޖެ" ޑެޕިއުޓީ ޕްރިންސިޕަލް ޝުއައިބަތު ސައީދު ވިދާޅުވިއެވެ.

ހަތް ސަތޭކަ ކުދިން ބައިވެރިވާ މި ކޮންސެޓުގައި މައިގަނޑު އެއް ތަމްސީލުން ފެންނަނީ ރަށަކަށް ދަތުރުދާ އާއިލާއަކަށް އެރަށުން ފެންނަ ރޮބޮޓެއްގެ އެހީގައި ދިވެހިންގެ ކުރީގެ ދިރިއުޅުމާއި މިހާރާއި އަދި ޓެކްނޮލޮޖީގެ ހައި ޒަމާނުގައި ދިވެހިން އުޅޭނެ ދިރިއުޅުމެވެ.

މި ކޮންސެޕުޓުން ދައްކުވައިދެނީ ދަރިވަރުންގެ ހުނަރުވެރިކަމާއި ފަންނުވެރިކަމެވެ. މި ތަމްސީލުގެ ތެރެއިން ގެނެސްދެނީ މައިގަނޑު ތިމާ ގުޅުންހުރި ތަފާތު ވައްތަރުގެ ނެށުމުގެ ހުށަހެޅުންތަކެވެ. މުޅި ކޮންސެޓްގައި 13 ނެށުމެއް ގެނެސްދީފައިވެއެވެ.

ދަތުރުދިޔަ ނަޔާރާގެ  ޢާއިލާގެ ކޮންމެ މެމްބަރަކު ވެސް އެމީހަކު ދާން ބޭނުންވާ ތަނަކަށް ގެންގޮސް ދޭނެ ކަމަށް، ވާހަކަ ދައްކާ އެ ރޮބޮޓް ބުނެއެވެ. ބައްޕަ ބޭނުންވީ ދިވެހިންގެ އެއްބައިވަންތަކަށް ބަލާލާށެވެ. ރޮބޮޓްގެ އެހީގައި އެ އާއިލާއިން ބަލާނަނީ ސުނާމީ އެރުމުގެ ކުރިން ރަށެއްގައި މީހުންގެ ދިރިއުޅުން ހުރިގޮތެވެ. އެ ދަތުރުގައި ފެންނަނީ ދޯންޏެއް އެހެލަން ރަށުގެ އެތައް ބަޔަކު މަސައްކަތް ކުރަމުންދާ ތަނެވެ. ރައްޔިތުން ނުކުމެ ކުނިހައި ސާފުކުރާތަނެވެ. އެދުރު ދައިތަ ކުދިންނަށް ކިޔަވައިދޭ ތަނާއި ހިތްހަމަޖެހުމާއި އުފާވެރިކަމާއެކު ކުޅެއުޅޭ ކުދިންތަކެވެ. ހޮޅުއަށީގައި ތިބި ބައެއްގެ ވާހަކައިން އެންގެނިގެން ދަނީ އެރަށަށް އަލަށް ފޯނެއް ގެނެސްގެން އޭގެ މޮޅުވާހަކައެވެ.

ދިވެހިންގެ އެއްބައިވަންތަ ގެވެހި ދިރިއުޅުމުގެ ތެރެއިން ދެން ފެނިގެން ދިޔައީ ސުނަމީ ކާރިސާއެވެ. ރަށު އެންމެން ވާނުވާ ނޭނގި ތިއްބާ ރަށަށް ސުނާމީ އެރުމުން ރަށުތެރެއިން މީހުން ރޯއަޑާއި، މީހުން ސަލާމަތް ކުރުމަށް  މަސައްކަތް ކުރާތަނާއި، އެއްޗެހިތައް އެތަން މިތަނަށް އޮޔާ ގެންދާ މަންޒަރާއި، ގެއްލުނު މީހުން ހޯދުމަށް މަސައްކަތް ކުރާތަނާއި، ޙާލުގައި ޖެހިފައިވާ މީހުނަށް އެހީވަމުންގެންދާ މަންޒަރުން ސުނާމީގެ ހާލަތު މިހާރުގެ ދަރިވަރުންނަށް ކުރުގޮތަކަށް ސިފަކޮށްދީފައިވެއެވެ.

ރުކެއްގައި ބައްދައިގެން އެއްއަތުން ދަރިއަކު ހިފަހަށްޓައިގެން މީހެކޯ މީހެކޯ ސަލާމަތް ކޮށްދީބަލަ، ބާރަށް ގޮވަމުން ދިޔައިރު، ފާރެއްގެ މައްޗަށް އަރާހުރެގެން ސުބްހާނަﷲ ސުބްހާނަﷲ މީ އަނެއްކާ ކޮންފަދަ ކަމެއްބާ! ދުނިޔެ ގިޔާމަތް ވަނީބާ ކިޔާ އަންހެން ކުއްޖަކު ގޮވާއަޑުން ހޯލު ގުގުމައިގެން ދިޔައެވެ.

" މާތްކަލާކޯ، އަހަރެންގެ މުސްކުޅި މަންމަޔާ ބައްޕަ ވެސް ވީ ތަނެއް ވެސް ނޭނގެ. އަހަރެން ކޮންތާކުން އެ މީހުން ހޯދާނީ، މުޅި ރަށް މި އޮތީ ފުނޑު ފުނޑު ވެފައި" އެކުއްޖާއަށް ބާރަކަށް ރޮއިގަނެވުނެވެ. އޭރު މަގޭ ދަރިފުޅާ، މަގޭ ދަރިފުޅާ މަންމަ ސަލާމަތް ކޮށްދީ، މަންމަ މި އޮއް މަރުވަނީކިޔާ މުސްކުޅި މާމައެއްގެ އަޑުއިވެއެވެ.

ދެން ފެންނަނީ މީހުން ސަލާމަތް ކުރަން ޓީމުތަކެއް އެ ރަށަށް އައިސް އެކި މީހުނަށް އެހީވާ ތަނެވެ. ކާބޯ ތަކެތި ދިނުމާއި، މީހުން ހޯދާ ސަލާމަތް ކުރުމާއި، ކައުންސިލިން ދޭ ތަނެވެ.

އެއާއިލާ އެރަށުން ފުރަންވެގެން ގޮނޑުދޮށަށް ދިޔަތަނާ ފެންނަނީ ދަލެއްގައި އޮޅިފައި އޮތް ވެލައެކެވެ. ވެލާ އެއީ ވެލާރަސްގެފާނެވެ. ދާގަނޑުން މިނިވަން ކުރުމާއެކު ވެލާރަސްގެފާނު ބޭނުންވީ އެމީހުންގެ ދިރިއުޅުން އެ އާއިލާއަށް ދައްކާށެވެ. ޕްލާސްޓިކްފަދަ ކުނިބުނިން އެމީހުން ދިރިއުޅޭ މާހައުލު ތަގައްޔަރު ވަމުންދާ ތަން ދައްކާލާށެވެ. އެމީހުން ކަނޑުއަޑިއަށް ދިޔައީ ވާހަކަ ދައްކާ ރޮބޮޓްގެ އެހީގައެވެ.

އެތަނުން އެމީހުންނަށް ފެންނަނީ ރާނީ ވެލައާއި ޖެލީފިޝްތަކާއި ބޯވައާއި ކަކުންޏާއި މުރަކައެވެ. ކޮންމެ ދިރުމެއް ވެސް ދެރެވެފައި ކިޔައިދެމުން ދިޔައީ އެމީހުންގެ މިހާރުގެ ދިރިއުޅުމަށް އިންސާނުންގެ ނުރަގަޅު އާދަތަކުގެ ސަބަބުން ލިބެމުންއަންނަ ގެއްލުމެވެ. ޕްލާސްޓިކްގެ ސަބަބުން އެމީހުންގެ ޖީލަށް ކުރަމުންދާ ނުރައްކާތެރި ހާލަތެވެ.

" އިންސާނުން އައުމުގެ ކުރިން އަހަރެމެންގެ ގެދޮރު ހާދަ ރީއްޗޭ" ކަހަނބު ބުންޏެވެ. އެއާ ވިއްދާ ކަކުބުނީ، އެމީހުން އޭރު އުޅުނީ    ހާދަ އުފަލުގައި ކަމަށެވެ.

" އެބުނީ ތެދެއް. މުރަކައިގެ ރީތި ބަގީޗާތަކުގެތެރޭގައި އަހަރެމެން ކުޅެ ސަކަރާތް        ޖަހާ ހެދީ، ހާދަ  ހިތްހަމަ ޖެހިގެނޭ" ކަކުންޏާ އެއްބައިވެލީ ރަތްމަހެވެ.

ކަނޑުގެދިރުންތައް ޕްލާސްޓިކްގެ ސަބަބުން އުޅެންޖެހިފައިވާ ހާލަތެވެ. އެ ހާލަތު ބަޔާންކޮށް ދެނީ އެ ދިރުންތަކުގެ އިހުސާސްގެ ގޮތުގައެވެ.

ނަޔާރާގެ އެތަނުން ދަނީ ގަނޑުވަރު ހިމެނޭ ސަރަހައްދު ސާފުކޮށްފައެވެ. އެކަން ކުރަނީ ރީތި ހިތްގައިމު ލަވައެއްގެ ތެރެއިންނެވެ.

ނަޔާރާގެ އާއިލާ ގޮވައިގެން ރޮބޮޓްއަށް ދެން ދެވުނީ ލެބެއްގެ ތެރެއަށެވެ. ތަފާތު ވައްތަރުގެ އެކްސްޕެރިމެންޓްތައް އެތަނުގައި ހަދަމުން ދިޔައެވެ. ބައެއް ސިސްޓަމްތަކުން ދުން ވެސް އަރަމުންދެއެވެ. އެކި ވައްތަރުގެ ފުޅި ފުޅީގައި، އެކި ކުލަ ކުލައިގެ އެއްޗެހިތައް ބަންދުކޮށްފައި ހުރި. އާދެވުނު އާދަޔާ ހިލާފު ތަނުގެ ސަބަބުން ނަޔާރާގެ އާއިލާގެ މީހުން ތިބީ ވަރަށް ބޮޑަށް ހައިރާންވެ، ކަންބޮޑުވެފައެވެ.

މިއީ މި ކޮންސެޓްގެ ލޮނުހެޔޮވަރު ކޮށްލަން ގެނެސްދިން ބިރުވެރި މަންޒަރުތަކެވެ.

ލެބްތެރޭގައި އެކްސްޕެރިމެންޓް ކުރަނިކޮށް ނުބައި ކެމިކަލެއް އެއްކުރެވިގެން މުޅި ލެބޯޓަރީގެ ތެރެއިން ދުންއަރައެވެ. އެކަން ވަނީ އިންސްޓައިން ރޮބޮޓް ރިޕެއަރކުރުމުގެ ތެރޭގައެވެ.

ދިވެހިންގެ ދުޅަހެޔޮ ސިއްޙަތަށް ކުރައްމުންދާ މަސައްކަތުގެ ތެރެއިން ދެން ފެނިގެން ދަނީ މީގެ 50 އަހަރު ފަހުން ރާއްޖެ އޮންނާނެ ގޮތެވެ. ނަޔާރާގެ އާއިލާ ގޮވައިގެން ރޮބޮޓު ދިޔައީ 2073 އަހަރުގެ ތެރެއަށެވެ. ފެންނަމުން ދިޔަ މަންޒަރުތަކުން އެންމެން ތިބީ އާޝޯހުވެފައެވެ. އުސް އިމާރާތްތަކުން ރަށްތައް ވަނީ ފުރިފައެވެ.އެއް އިމާރާތް އަނެއް އިމާރާތަށް ދަނީ އުދުހޭ ކާރުތަކުން. މަގުތައް ވަނީ ރޮބޮޓްތަކުން ފުރި ބާރުވެފައެވެ. ހިނގާ އުޅޭ މީހެއް ނުފެނެއެވެ.  ދުއްވާ އެއްޗެހި ގިނަ ނަމަވެސް، ދަތުރުކުރުމުގައި އުނދަގޫ ކަމެއް ނެތެވެ. ވެހިކަލްތައް އެދަނީ އުދުހެމުންނެވެ. ޖާގައަށް ފިޓުވާގޮތަށް މޫދާ އަރާ ހަމަވާއިރަށް އެބަދަލުވަނީ ލޯންޗަކަށެވެ. ކަނޑުގަދަ  ނަމަ، ލޯންޗުތައް ވެސް އެ ދަނީ އުދުހެމުންނެވެ.

މިއީ އަމީނިއްޔާގެ ކޮންސެޓް ނިމިގެން ދިޔައީ ފޫހި މަންޒަރެއް ނެތި ބަލާހިތުންންނެވެ. ހުރިހާ ރަހައެއް ހެޔޮވަރުކޮށް ގެނެސްދީފައިވާ މި ކޮންސެޓާ މެދު ބެލެނިވެރިންނާއި ދަރިވަރުން ތިބީ ހިތްހަމަޖެހިފައެވެ.

އަމީނިއްޔާއިން ބުނީ ކޮންސެޓްގައި ހިމެނީ ބިރުވެރި މަންޒަރުގެ ސަބަބުން އެއްވެސް ދަރިވަރަކަށް ނަފުސާނީ ގޮތުން އަސަރެއް ކުރިކަމަށް އެއްވެސް ބެލެނިވެރިއަކު ބުނެފައި ނުވާކަމަށެވެ. ބެލެނިވެރިންގެ ފަރާތުން އިވުނީ އެއްވާހަކައެވެ. އެއީ ކޮންސެޓާމެދު އޮތް ހިތްހަމަޖެހުމެވެ. ދަރިވަރުންގެ ހުނަރާއި ހުށަހަޅުންތަކުގެ ފުރިހަމަ ކަމެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *