މަތީ ތަޢުލީމުގެ 720 ފުރުޞަތަށް 1507 އެޕްލިކޭޝަން

އެމްއެންޔޫގެ ސްޓޫޑެންޓް ޔޫނިއަން މި އަހަރަށް އިފްތިތާހު ކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ރާއްޖެއިން ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ފަހިވެފައިވާއިރު ރާއްޖެއިން ބޭރުން ސޯކޮލަރޝިޕްގެ ދަށުން ކިޔެވުމުގެ ފުރުޞަތު މިހާރު ވަނީ ފަހިވެފައި- ފޮޓޯ: އެމްއެންޔޫއެސްޔޫ

ސްޓޫޑެންޓް ލޯން ސްކީމުން މަތީ ތަޢުލީމަށް ހުޅުވާލި 720 ފުރުޞަތަށް 1507 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހު ހުޅުވާލި ސްޓީޑެންޓް ލޯން ސްކީމްގެ މުއްދަތު ހަމަވީ އިއްޔެއެވެ.

މިދިޔަ އަހަރު ހުޅުވާލި 720 ފުރުޞަތަށް އެއްހާސް މީހުން ކުރިމަތިލިއެވެ. ލޯން ލިބުނީ 393 މީހުންނަށެވެ.

އިދާރީ ފީގެ ގޮތުގައި އެއް އިންސައްތައިގެ ފީއަކާއެކު ދޫކުރާ މި ލޯން ސްކީމްގެ ދަށުން ލޯން ދޫކުރަނީ ޓްރެއިނިންގ ނީޑްސް ރިކުއަމަންޓަށް ފެތޭގޮތަށް ޤައުމަށް ބޭނުންވާ ދާއިރާތަކުން މީހުން ބިނާކުރުމަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.

މިދިޔަ އަހަރުގެ ތަޖުރިބާއަށް ބަލައި، ބައެއް ކޯސްތަކުގެ ޖާގަ ވަނީ އިތުރުކޮށްފައެވެ. ޕައިލެޓްކަން ކިޔަވަން މިދިޔަ އަހަރު ހުޅުވާލި 10 ފުރުޞަތަށް 250 އަށްވުރެ ގިނަ މީހުން ކުރިމަތިލިއެވެ. ޕައިލެޓްކަމަށް މި އަހަރު ކަނޑައަޅާފައި ވަނީ 60 ޖާގައެވެ. ޑޮކްޓަރީކަން ކިޔެވުމަށް މި އަހަރު ވަނީ 55 ޖާގަ ކަނޑައަޅާފައެވެ. މިދިޔަ އަހަރު ކަނޑައެޅީ 25 ޖާގައެވެ. މެޑިސިންއިން މާސްޓަރސްއަށް ކިޔަވަން ޚާއްޞަ ކުރި ޖާގަ ވެސް މިދިޔަ އަހަރަށްވުރެ އިތުރުރެވެ. މި އަހަރު 20 ޖާގަ މެޑިސިން ދާއިރާއިން މާސްޓަރސްއަށް ކިޔަވަން ޚާއްޞަކުރިއިރު، މިދިޔަ އަހަރު ކަނޑައަޅާފައި ވަނީ 10 ޖާގައެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީ ގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމުގެ މުއްދަތުގައި ދަރިވަރުގެ އިޚްތިޔާރުން ބޭރުން ދިމާވާ ސަބަބަކާހުރެ ޕްރޮގްރާމް ފުރިހަމަނުކުރެވިގެންދާ މުއްދަތަށް ޓޮޕްއަޕް ލޯނު ދޭ ގޮތަށް ވަނީ ނިންމާފައެވެ. ޔުނިވަރސިޓީ، ކޮލެޖް އަދި ޕޮލިޓެކްނިކް ގައި ކިޔަވައިދޭނެ ލެކްޗަރަރއިން ތަމްރީނު ކުރުމަށް ޕީ.އެޗް.ޑީ ލެވަލްއަށް މި ފަހަރު ފުރުޞަތު ހުޅުވާލާފައިވެއެވެ.

ލޯނު އެހީގެ ދަށުން ތަޢުލީމާއި ތަމްރީނު ހޯދުމަށް ކޮންމެ ޤައުމަކަށްވެސް ދިއުމުގެ ފުރުސަތު ފަހި ކޮށްދެވިފައިވެއެވެ. މިގޮތުން ލޯނު އެހީގެ ދަށުން ދޭން ކަނޑައަޅާފައިވާ ހުރިހާ ޚަރަދެއް އެއްކޮށް ދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކަށެވެ. އެނޫން ޤައުމެއްގައި ކިޔެވުމަށް ލޯނުދޭނީ ޢިއުލާންކޮށްފައިވާ ޤައުމުތަކުގެ ތެރެއިން ދަރިވަރު އިޚްތިޔާރުކުރާ ޤައުމަކަށް ކަނޑައަޅާފައިވާ ރޭޓުންނެވެ.

މި ލޯން ސްކީމްގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވެސް ޑިޕްލޮމާ ލެވަލްއަށް ކިޔެވުމަށް ފުރުސަތު ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *